ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި

ކޮވިޑުން ރައްކާތެރިވާން ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު ވިދާޅުވީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ލިބުމާއި ގުޅިގެން އަލުން ފެށި ކޮވިޝީލްފުގެ ދެވަނަ ޑޯޒް ޖެހުމުގެ ޕްރޮގްރާމް މެދުނުކެނޑި ދެން ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މި ވެކްސިން ލިބުނީ ސީދާ ސަރުކާރުން އެކި ފަރާތްތަކާ ގުޅައި ކުރި މަސައްކަތުންނެވެ.

އެޗްޕީއޭ އިން އަދި ހަމަޖައްސާފައިވަނީ މިފަހަރު މިލިބުނު ވެކްސިނުން ޖަހައިދޭނީ ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒް ނުޖެހިތިބި މީހުންނަށް އެކަންޏެވެ. އަދި ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުންނެވެ. އެޗްޕީއޭއިން ވިދާޅުވަނީ ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި މީހުން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށެވެ.

ސިންގަޕޫރުގެ އެކްސްޓްރާޒެނެކާ އިން ދިވެހި ސަރުކާރުން ގަތް ހަތްލައްކަ ޑޯޒުގެ ވްކްސިން ވެސް މިމަހުގެ މެދެއްހާ ހިސާބުގައި ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ ތިން ވައްތަރެއްގެ ވެކްސިނެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. މިއަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ފެއްޓެވި ކޮވިޑް ވެކްސިން ޕްރޮގްރާމްގައި މިހާތަނަށް އެއް ޑޯޒް ޖެހި މީހުންގެ މިދިޔަ ހުކުުރު ދުވަހާ ހަމައަށް ހުރީ 317,244 ގަ އެވެ. އަދި ދެ ޑޯޒްއާއެކު ވެކްސިން ޕްރޮގްރާމް ފުރިހަމަކުރި މީހުންގެ އަދަދު 191،725 އަށް އަރަ އެވެ.