މިސްރުން ހަނގުރާމައެއް ކޮށްފާނެ ބާ؟

ިތިއޯޕިއާއިން ނީލަކޯރިގައި ހަދާފައިވާ ޑޭމްގެ ސަބަބުން މިސްރު ބަނޑަށް ޖެހިދާނެކަމަށް ބެލެވެއެވެ. އިތިއޯޕިއާގެ ރެނައިސެންސް ޑޭމްއިން ވަނީ އެއް ބުރަށް ޑޭމް ފުރުމަށް ކޯރުން ފެން ޖަމާކޮށްފައެވެ. އިތިއޯޕިއާއިން ވަނީ ދެވަނަ ބުރަށްވެސް ދާދި އަވަހަށް ފެން އަޅާނެ ކަމަށް އިޢްލާން ކޮށްފައެވެ.

އިތިއޯޕިއާގެ ތެރޭން ލައިގެން އައިސް ނީލަ ކޯރު ވަންނަ ދެ ގައުމު ކަމަށްވާ ސޫދާނާއި މިސްރުން ވަނީ ޑޭމަށް އިތުރަށް ފެން ނޭޅުމަށް  ގޮވާލާފައެވެ.

މިސްރުން ބުނެފައި ވަނީ އިތިއޯޕިއާއިން އިތުރަށް ފެން އަޅައިފިނަމަ މިސްރުގެ ދަނޑު ބިންތައް ހަނަފަސްވެ، ދަނޑިވެރިންގެ މަސައްކަތްތައް ގެއްލި، މިސްރު ބަނޑަށް ޖެހިދާނެ ކަމަށެވެ.

އިތިއޯޕިއާގެ ފެނުގެ މައްސަލަ އެފްރިކާގެ އެއްބައި ވަންތަ ކަމުގެ ޖަމުއިއްޔާ މެދުވެރިކޮށް މިސްރާއި ސޫދާނުން ވަނީ މަޝްވަރާ ކޮށްފައެވެ. މި މަޝްވަރާތައް ކާމިޔާބު ނުވުމުން ސޫދާނުގެ ޚާރިޖީ ވަޒީރާ މަރިޔަމް އަލްމަހްދީ ވަނީ މި މައްސަލަ އދގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ހުށަހަޅުއްވާފައެވެ. މިކަމާ ގުޅިގެން އިތިއޯޕިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ދީނާ މުފްތީ ވަނީ މިމައްސަލަ އަދިވެސް އެފްރިކާގެ އެއްބައިވަތް ކަމުގެ ޖަމުއިއްޔާ އެފްރިކަން ޔޫނިއަންގެ ތެރޭގައި ބާއްވައިގެން މަޝްވަރާ ކުރުމަށް އެދި ވަޑައިގެންފައެވެ.

އިތިއޯޕިއާގެ ދާޚިލީ މައްސަލަތައްވެސް އުޅެނީ ރައީސް އާބީ އަހްމަދުއަށް އެހައި ފަހިކޮށެއް ނޫނެވެ. އޭނާ ގެން ދަވަނީ އައު އިންތިޚާބަކަށް ތައްޔާރު ވަމުންނެވެ. ހަމަ އެއާއެކު ޓީގްރީ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުމުގައި އޭނާގެ ސިފައިން ދަނީ އެތާ ހަނގުރާމަ ކުރަމުންނެވެ. މި ހަމަލާތަކަކީ ނަސްލު ނެތިކޮށްލުމުގެ އަމަލުތަކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ސިފަ ކުރަމުންނެވެ. މުސްލިމު ނަމެއް ކިޔާ ކެތޮލިކް ރައީސް އާބީ އަހުމަދުއަކީ ނޯބެލްގެ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އިތިއޯޕިއާގެ އެތެރޭގެ ހަމަނުޖެހުންތަކުން އޭނާއަށް ލިބިވަޑައިގަންނަވަނީ ހުތުރު ނަމެވެ.

އިތިއޯޕިއާއިން ޑޭމްގެ މައްސަލާގައި ހަރުކަށިކަން ދެއްކުމުން މިސްރުން ވަނީ އެފްރިކާގެ ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކޮށްފައެވެ. ސޫދާނާއެކު މިސްރުން ވަނީ ވައިގެ ސިފައިން ބޭނުންކޮށްގެން އަސްކަރީ ތަމްރީންތައް ބާއްވާފައެވެ. މީޑިއާއިން ބުނަނީ މިއީ އިތިއޯޕިއާ ބިރު ގެންނެވުމަށް ބޭއްވި ތަމްރީންތަކެއް ކަމަށެވެ.

މިސްރާއި ސޫދާނާއި ޔޫގެންޑާއާއި ކެނެޔާއާއި ބުރުންޑީން ވަނީ އަސްކަރީ އެއްބަސްވުންތައް ހަދާފައެވެ. މިސްރާއި ސޫދާނުން އިތިއޯޕިއާއާ ދެކޮޅަށް އަސްކަރީ ހަމަލައެއް ފަށައިފިނަމަ، މި ގައުމުތަކުން ތާއީދުކުރިއަށް މި ހަނގުރާމައަށް ވަންނާނެ ކަމަކަށް ނުބެލެވެއެވެ.

މިސްރުން ދަނީ އެފްރިކާގެ ދެކުނުންވެސް ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިސްރުގެ އިސްކަންދަރިއްޔާއިން ދެކުނު އެފްރިކާގެ ޕްރިޓޯރިއާއާއި ކޭޕް އޮފް ގުޑްހޯޕަށް ރޭލް ދަތުރު ފެށުމަށްވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

މިސްރުން ވަނީ ޓެންޒޭނިއާގެ ޖޫލިއަސް ނައިރޭރީ ޑޭމަށްވެސް އިސްވެސްޓް ކޮށްދީފައެވެ.

މިސްރުގައި ރައީސް އަބްދުލް ފައްތާޙު އައްސީސީގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ބަސް ނުބުނާ މީހުންވެސް މިހާރު ދަނީ ފެނުގެ މައްސަލައިގައި ފާޑު ކިޔަމުންނެވެ. އެފަރާތްތަކުން ބުނަނީ މިސްރަށް ނީލަ ކޯރުގެ ފެން ނުލިބެނީނަމަ، ސީސީ ވެރިކަމުގައި ހުއްނެވުން ސައްހައެއް ނުވާނެ ކަމަށެވެ.

މުހައްލިލުން ބުނާ ގޮތުގައި މިސްރުގެ ރަސްކަމުގެ ޒަމާނުގައި ލޭކް ވިކްޓޯރިއާއާ ހަމައަށް މިސްރުގެ ބޭރުގެ ސަރަހައްދު ފުޅާވެފައި އޮތުމަށްފަހު ފަހުން މިސްރުން ވަނީ އެފްރިކާއާ އަޅާ ނުލައި ދޫކޮށްލާފައެވެ. އޭގެ މިސާލެއްކަމަށް އެފަރާތްތަކުން ދައްކަނީ، ނީލަ ކޯރުގެ ފެނުން ދަނޑުވެރިކަން ކުރާ 9 ގައުމަކީ މޮޅު ވައްތަރުގެ ކޮފީ އުފައްދާ ގައުމުތަކެވެ. މިސްރުން އަހަރަކު ކޮފީ އެތެރެ ކުރުމަށް 95 މިލިއަން ޑޮލަރު ހޭދަކުރާއިރު މިސްރުގެ ކޮފީގެ 95 އިންސައްތަ އަންނަނީ މިނޫން އެހެން ގައުމުތަކުންނެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިއްޔެ ބުނެފައި ވަނީ މިސްރުގެ 100 މިލިއަން މީހުން ފެނަށް ޖެހިޔަ ނުދޭނެ ކަމަށެވެ. އަދި އިތިއޯޕިއާއިން ގެންގުޅޭ މުރަނަކަން އެމެރިކާއިން ވަނީ ކުށްވެރިކޮށްފައެވެ. ބެލެވޭ ގޮތުގައި މި ހަފްތާގައި ސަލާމަތީ މަޖިލީހުން މިސްރާއި ސޫދާނުން ހުށަހަޅާފައިވާ ފެނުގެ މައްސަލަ ބަހުސް ކުރާނެއެވެ.