މޮދީގެ ހަތް އަހަރުގެ ވެރިކަން ހަތް ޗާޓުން

ވަޒީފާތައް އިތުރަށް އުފެއްދުމުގެ ވައުދާއި ތިޔާގި އިގްތިސާދެއް ބިނާ ކުރުމުގެ ވައުދާއި ސަރުކާރުގެ ހުރަސްތައް ނެތިކޮށްލުމުގެ ވައުދުގައި ނަރެންދްރަ މޮދީ ވެރިކަމަށް ވަޑައިގަތްތާ ހަތް އަހަރު ވެއްޖެއެވެ. އޭނާގެ ވެރިކަމުގެ ހަތް އަހަރު ދުވަސް ފެންނަނީ އަނދިރިކޮށެވެ. ކުރިންވެސް ދެރަވަރުކޮށް އިގްތިސާދެއް މިހާރު ވަނީ ކޮވިޑް19ގެ ސަބަބުން އިރުތަށް ލޫދިގެން ގޮސްފައެވެ. އޭޝިއާގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދު މިހާތަނަށް ފެނިފައިވާ ގޮތް މިޗާޓްތަކުން ބީބީސީން ގެނެސްދީފައި ވަނީ މިފަދައިންނެވެ.

އިގްތިސާދީ ތަރައްގީއެއް ނެތް:

މޮދީ ވަނީ 2025އަށް ފަސް ޓްރީލިއަން ޑޮލަރިގެ އިގްތިސާދަކަށް އިންޑިއާ ހައްދަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. ކޮވިޑްގެ ކުރިން އޮތް ހާލަތަށް ވަޒަން ކޮށްލާއިރު އިންޑިއާ 2025ގައި އުޅޭނީ 2.6 ޓްރީލިއަން ޑޮލަރުގެ އިގްތިސާދެއްގެ ގޮތުގައެވެ. ކޮވިޑްގެ ވަބާ ވަނީ އިންޑިއާގެ އިގްތިސާދުން 200 އާއި 300 ބިލިއަން ޑޮލަރު ގާނާލާފައެވެ. ތެލުގެ އަގު މަތިވެގެން ދިއުމުގެ ސަބަބުން މުދަލާއި ތަކެތީގެ އަގު ބޮޑުވުމަކީ މައްސަލައެކެވެ. މޮދީ މަގާމާ ހަވާލުވެވަޑައިގަތް އިރު އިންޑިއާގެ ޖީޑީޕީ 7 އާއި 8 އިންސައްތައިގައި އުޅުމަށްފަހު ދިހަ އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް 3.1 އިންސައްތައަށް ވެއްޓިފައި ވެއެވެ. މޮދީގެ އިގްތިސާދީ ހުރިހައި މައްސަލައެއްވެސް ކޮވިޑަށް ކަނޑައެއް ނުލެވޭނެއެވެ. 2016ގައި އޭނާ އިންޑިއާގެ ފައިސާއަށް ގެނައި ބަދަލުން އިގްތިސާދުގައި އެނބުރުނު ފައިސާގެ 86 އިންސައްތަ އެއްކޮށް ގެއްލިގެން ދިޔައެވެ. އަދި ކުއްލިއަކަށް ޖީއެސްޓީ ތައާރަފް ކުރުމުން އިތުރު ގެއްލުމާ ކުރިމަތިލާން ޖެހުނެވެ.  

ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުން:

2011ން 2012އަށް އިންޑިއާއަށް އިންވެސްޓްމެންޓް ލިބުން ދަތިވިއެވެ. އެއަށްފަހު 2016ގައި ގިނަ އިގްތިސާދީ ލޮޅުންތައް އިޙުސާސް ކުރަން ޖެހުނެވެ. އޭގެ ތެރޭގައި ފައިސާ ނޫޓަށް ބަދަލު ގެނައުމާއި ޖީއެސްޓީ ތައާރަފް ކުރުމުން ވަޒީފާތައް މަދުވެގެން ދިޔައެވެ.

45 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ މައްޗަށް ގޮސްފައިވަނީ މޮދީގެ ދުވަސްވަރުގައެވެ. 2017ން 2018އަށް 6.1 އިންސައްތައަށް ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެފައި ވެއެވެ. އެއަށްފަހު އެ އަދަދު ދަނީ ދެގުނައަށް އިތުރު ވަމުންނެވެ.

2021ން ފެށިގެން 25 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައި ވެއެވެ. 75 މިލިއަން އިންޑިއާ މީހުން ފަގީރުކަމަށް ވެއްޓިފައި ވެއެވެ. އިންޑިއާގެ 100 މިލިއަން މީހުންގެ މެދުފަންތީގެ ތިންބައިކުޅަ އެއްބައި މިހާރު ވަނީ، މީގެ ދިހަ އަހަރު ކުރިން އޮތް ފެއްވަރަށް  ވެއްޓިފައެވެ. މިވާހަކަ ބުނަނީ ޕޯ ރިސާޗް އިން ބުނެއެވެ.

އިންޑިއާގެ އިގްތިސާދަށް ކޮންމެ އަހަރަކު ވިހި މިލިއަން ވަޒީފާ ބޭނުންވާ އިރު މޮދީގެ ސަރުކާރަށް މިވަރަށް ވަޒީފާ އުފެއްދިފައެއް ނުވެއެވެ. މިދިޔަ ދިހަ އަހަރުގެ ތެރޭގައި އިންޑިއާއިން އެވަރެޖްކޮށް އުފައްދާފައިވަނީ އަހަރަކު 4.3 މިލިއަން ވަޒީފާއެވެ.

އުފެއްދުންތެރިކަމާއި އެކްސްޕޯޓް ދަށްވެފައި:

މޭޑް އިން އިންޑިއާއަކީ މޮދީގެ ޝިއާރެކެވެ. ބޭނުމީ އިންޑިއާއަކީ އުފެއްދުންތެރި ގައުމަކަށް ހަދާށެވެ. މީގެ އަމާޒަކީ، ސިނާއީ އުފެއްދުންތެރިކަމަކީ އިންޑިއާގެ އިގްތިސާދުގެ 25 އިންސައްތައަށް ހެދުމެވެ. ހަތް އަހަރު ވީއިރު އަދިވެސް އުފެއްދުންތެރިކަން އުޅެނީ 15 އިން ސައްތައިގައެވެ. އަދި އުފެއްދުންތެރިކަމުގެ ދާއިރާގައި ވަޒީފާތައްވެސް ވަނީ މިދިޔަ ފަސްއަހަރު މަދުވެގެން ގޮސްފައެވެ.

ދިހަ އަހަރު ތެރޭގައި އެކްސްޕޯޓް އުޅެނީ 300 ބިލިއަން ޑޮލަރުގައެވެ. މޮދީއާއެކު ދުނިޔޭގައި އިންޑިއާގެ އެކްސްޕޯޓް ހިއްސާ ވަނީ ބަންގްލަދޭޝް ފަދަ ކުދި ގައުމުތަކަށް ބެހިގެން ގޮސްފައެވެ.

އިންޑިއާއިން އިންފްރާސްޓްރަކްޗަރއަށް ހޭދަ ކުރުން:

މޮދީގެ ސަރުކާރުން ގެންދަނީ ދުވާލަކަށް 36 ކިލޯ މީޓަރު (22 މޭލް)ގެ މަގު ހަދަމުންނެވެ. މިއީ މޮދީގެ ވެރިކަމުގެ ނާދިރު އަލިކޮޅެކެވެ. ކުރީގެ ސަރުކާރުތަކަށް ހެދިފައި ވަނީ ދުވާލަކަށް 8 ނުވަތަ 11 ކިލޯމީޓަރުގެ މަގުތަކެވެ.

މޮދީގެ ސަރުކާރުން ވަނީ އައްވާއި ވައިގެ އިއާދަކުރަނިވި ހަކަތަ އުފެއްދުން ފަސް އަހަރު ތެރޭ އިތުރުކޮށްފައެވެ. މިހާރު 100 ގިނަވޮޓްގައި ހުރި ހަކަތަ އުފެއްދުން 2023އަށް 175 ގިގަ ވޮޓަށް އިތުރު ވެގެންދާނެއެވެ.

އަލަށް އެތައް މިލިއަން ފާޚާނާ ހެދުމާއި، ހައުސިންގއަށް ލޯންތައް ދިނުމާއި، ކައްކާ ގޭސް ފޯރުވައި ދިނުމާއި، ގޭގެއަށް ފެން ހޮޅިލައި ދިނުމުން އިގްތިސާދީ މާހިރުން ވަނީ މޮދީއަށް ތަޢްރީފް ކޮށްފައެވެ. މިހުރިހައި ކަމެއްވެސް ކޮށްފައި ވަނީ ސަބްސިޑީ އުސޫލުން ފަގީރުންނަށެވެ. އެކަމަކު އިގްތިސާދީ މާހިރުންގެ ނުތަނަވަސްކަމަކީ މިހުރިހައި ކަމެއް އިތުރު ޓެކްސްއެއް ނެގުމަކާ ނުލައި އަދި އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތި ކުރިއަށް ގެންދިއުމެވެ. ސަރުކާރުގެ ދަރަނި ބޮޑުވުމެވެ.

އިގްތިސާދީ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވުން

ކުރިން އެތައް ބައެއް ރަސްމީ އިގްތިސާދުގައި ނުހިމެނެއެވެ. ވަގު ފައިސާ ގެންގުޅުން އާންމެވެ. މޯދީ ވަނީ މިކަން ހުއްޓުވައިފައެވެ. އިންޑިއާ ވަނީ ޑިޖިޓަލް ޕޭމެންޓް ނިޒާމުގައި ދުނިޔޭގައި އެއްވަނައަށް ގޮސްފައެވެ. ސަރުކާރުންވެސް މީހުންނަށް ދޭ ފައިސާއާއި ސަބްސިޑީ ފައިސާ އެމީހުންގެ އެކައުންޓްތަކަށް ލާން ފަށާފައެވެ. އެތައް މިލިއަން ފަގީރުން ވަނީ ބެންކް އެކައުންޓް ހުޅުވާފައެވެ.

ބޮއްސުންލައިފައިވާ ސިއްޙީ ދާއިރާއެއް:

ކުރީ ސަރުކާރުތަކުންވެސް އަމަލު ކުރި ބީދައިން މޮދީވެސް ސިއްޙީ ދާއިރާއަށް ސަމާލުކަން ދެއްވާފައެއް ނުވެއެވެ. މީގެ ސަބަބުން އިންޑިއާގެ ސިއްޙީ ދާއިރާވަނީ އެމެރިކާގައި އޮންނަ ފަދަ ފަގީރުންނަށް ބުރަ ބޮޑު ނިޒާމަކަށް ބަދަލުވެފައެވެ. އެގޮތުން ފަގީރުންގެ އަތް ނުފޯރާ ފަށުގެ ފަރުވާގެ ނިޒާމަކަށް ނިޒާމް ބަދަލުވެފައި ވެއެވެ.

މޮދީ ވަނީ ހެލްތު އިންޝޫރެންސް ނިޒާމެއް 2018ގައ ތއާރަފް ކުރައްވާފައެވެ. ކޮވިޑްގެ ތެރޭގައި އަސާސީ ފަރުވާ ލިބެން ނެތުމުން މިނިޒާމުގެ އެދެވޭ ބޭނުން ހިފަފައެއް ނުވެއެވެ. އިންޑިއާއަށް ވަނީ އަސާސީ ސިއްޙީ ފަރުވާއަށް އިންވެސްޓް ކުރުން އިތުރުކުރަން ޖެހިފައެވެ.

އަދިވެސް އެތައް ބަޔަކު ދަނޑުވެރިކަމުގައި:

އިންޑިއާގެ ވަޒީފާ އަދާކުރާ އުމުރުގެ ދެބައިކުޅަ އެއްބައި މީހުން އުޅެނީ ދަނޑުވެރިކަމުގެ ދާއިރާގައެވެ. މިއިން ޖީޑީޕީއަށް ޙިއްސާކުރާ މިންވަރު ދަށެވެ. އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާއަކީ އިސްލާހަށް ބޭނުންވެފައިވާ ދާއިރާއެކެވެ. އާންމު މީހާއަށް ފަހިވާ ގޮތަށް މިދިޔަ އަހަރު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުން އެތައް މަހަކަށް މީހުން އުތުރުގައި މުޒާހަރާ ކޮށްފައި ވެއެވެ. ދަނޑުވެރިން ބުނަނީ އާމްދަނީ ދަށްވާނެ ކަމަށެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ސިނާއީ ދާއިރާއަށް އަންނާނީ އެދާއިރާތަކުގައި ފުރުސަތު އުފެދުމުންނެވެ. މުހައްލިލުން ބުނަނީ ފައިސާ ނޫޓަށް ބަދަލު ގެނައުމުން ސަޕްލައި ޗެއިން އެއްކޮށް ރޫޅިފައިވާ ކަމަށެވެ. އަދި ޖީއެސްޓީ ތައާރަފް ކުރުމުން ވަޒީފާ ގެއްލުނު މީހުންވެސް ދަނޑުވެރިކަމަށް ގޮސްފައިވާ ކަމަށެވެ. މިއީ މޫސުމީ ވަޒީފާގެ ދާއިރާއެކެވެ. މިކަންކަމަށް އޮތް ހައްލަކީ ބޭރުން އިންވެސްޓްމެންޓް ލިބުމެވެ. އެއީ މޮދީއަށް އޮތް ޗެލެންޖެކެވެ. BBC