ޖިހާދުގެ ނަމުގައި ޓެރަރިޒަމް

ހަތިޔާރު އަޅައިގެން ދޭން ބޭނުންވާ ކޮންމެ ހަމަލާއަކީ ޖިހާދު ހެއްޔެވެ؟ އިސްތިއުމާރުގެ އަޅުވެތިކަމުން މިނިވަން ވުމަށް މުސްލިމު ގައުމުތަކުގައި ގޮވާ ލެވުނީ ޖިހާދަށެވެ. މުސްލިމުންގެ ބައިމަދު ގައުމުތަކުގައިވެސް އިސްތިއުމާރާ ދެކޮޅަށް މުސްލިމުން ތެދުވީ މި ލޭބަލްގެ ދަށުންނެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ މީހުން ހަނގުރާމަ ކުރަނީ ޖިހާދުގެ ނަމުންނެވެ. ސޫރިޔާގައި ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ތެދުވި މީހުން ތެދުވީވެސް ޖިހާދުގެ ނަމުންނެވެ. ޔަމަންގައި ހޫތީންވެސް އަދި ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކުންވެސް މެއެވެ. އިރާގްގައިވެސް ހަމަ އެފަދައެވެ. ނައިޖޭރިއާގައި ސްކޫލުތަކުން އަންހެން ކުދިން ވަގަށް ނަގާ ހަރާމީ ޖަމާއަތުންވެސް ބުނަނީ އެމީހުން ކުރަނީ ޖިހާދެއް ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރާ މީހުންވެސް ކުރަނީ ޖިހާދެކެވެ. އެ ޖިހާދުގައި ހުރިހައި ނުބައި ކަމެއް މުސްލިމުންނާއި އިސްލާމް ދީނަށް ނިސްބަތް ކުރެވެއެވެ. އިންޑިއާގައި ހިންދީއަކާ ކައިވެނި ކުރާ މުސްލިމަކު ކުރަނީ ލަވް ޖިހާދުކަމަށް ކަނޑައަޅައި ގާނޫނު ފާސްކޮށްފައި ވެއެވެ.

ޖިހާދުގެ މާނަ އަކީ ތަޤްވާވެރިކަމާއެކު އަނިޔާވެރިކަމެއް ނެތި ދެކޮޅު ހެދުމެވެ. ޖިހާދަކީ މުސްލިމު ނޫން މީހުންނާ ދެކޮޅަށް ތަފާތު ކަމެއް ނެތި ހަނގުރާމަ ކުރުމާއި ހަމަލާތައް ދިނުމެއް ނޫނެވެ. އިސްލާމް ދީނުގައި ހަނގުރާމައަށް ހަމަތަކެއްވެސް ކަނޑައެޅިފައި ވެއެވެ. ހައްގުތަކާއި އިންތަކެއްވެސް ބަޔާން ކުރެވިފައި ވެއެވެ.

އިހު ޒަމާނާއި މި ޒަމާނުގެ ހުރިހައި ފަލްސަފާއެއްގައިވެސް ހަނގުރާމައިގެ އަޚުލާގެއްވެސް ކަނޑައަޅާފައި ވެއެވެ. އެއްވެސް ގައުމަކުން ނުވަތަ ބަޔަކު އަނެއް ގައުމަށް ޙަމަލައެއް ދީފިނަމަ، އެއަށް ރައްދު ނުދިނުމަކީ، އާންމު އުސޫލާ ޚިލާފް އަމަލެކެވެ. އަދި އެއީ ތިމާއަށް އަމިއްލަ ހައްގުވެސް ރައްކާތެރި ކުރުމުގެ ގާބިލްކަން ނެތް ކަން ދެއްކޭ ބަލިކަށި ވިސްނުމެކެވެ.

މުސްލިމު މީހާއަކީ ޒިންމާތަކެއް އޮތް މީހެކެވެ. އޭނާ އެއީ ދައުލަތެއް ކަމުގައި ވިއަސް އަދި މީހެއްކަމުގައި ވިއަސް އޭނާގެ ފުށުން ރައްކާތެރިކަން އެދިފައިވާ މީހާއަށް އަމާންކަމާއި ރައްކާތެރިކަން ދޭން ޖެހެއެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ދޫކޮށެއް ނުލެވޭނެއެވެ. އިސްލާމީ ފިގުހުގައި ހަނގުރާމަ އަކީ ހުޅަނގުގެ ވިސްނުމުގައި “ޖަސްޓް ވަރ” ކަމަށް ބުނެވޭ އިންސާފުވެރި ހަނގުރާމައެވެ.

އިސްލާމް ދީނުގެ ލޭބަލް ޖަހައިގެން ހަނގުރާމަ ކުރާ ހަރުކަށި ޖަމާއަތްތަކުން ފެންނަ އަންހެނުންނާއި މަދަނީންނާއި ކުޑަ ކުދިން މެރުމާއި ހިފެހެއްޓުމުގެ އަމަލުތަކަކީ އިސްލާމްދީނާ ބީރައްޓެހި އަމަލެކެވެ.

ފުރަތަމަ ޚަލީފާ އަބޫބަކުރު ހަނގުރާމައަށް ސޫރިޔާއަށް ފޮނުއްވި މީހުންނަށް މިފަދައިން އިރުޝާދު ދެއްވިއެވެ.

“ހަނގުރާމައިގެ މައިދާނުގައި އަމަލުކުރުމަށް ދިހަ ހަމައެއް ބަޔާން ކުރަމުއެވެ. ޣަދަރުވެރިވެގެން ތެދު މަގުން ކަސިޔާރުވެގެން ގޮސްގެން ނުވާނެއެވެ. އެއްވެސް ގަބުރެއް، މައްތިޔެއްގެ ގުނަވަނެއް ބުރިކޮށްގެން ނުވާނެއެވެ. ކުޑަކުއްޖެއް، އަންހެނެއް އަދި މުސްކުޅިއެއް މަރައިގެން ނުވާނެއެވެ. ގަހަކަށް ގެއްލުމެއް ދީގެނެއް ނުވާނެއެވެ. ގަހެއް އަންދައިގެން ނުވާނެއެވެ. ވަކިން ޚާއްސަކޮށް މޭވާ އަޅާ ގަހަކަށް ގެއްލުން ދީގެން ނުވާނެއެވެ. ދުޝްމަންގެ އާއިލާތައް މަރައިގެން ނުވާނެއެވެ. ކާނާ ރައްކާކޮށްފައި ބަހައްޓާށެވެ. ތިބާމެން ދަތުރުކުރަމުން ދާއިރު އެބަޔެއްގެ މުޅި އުމުރު ރާހިބުންގެ ގޮތުގައި ފައްޅިތަކުގައި ހޭދަކޮށްފައިވާ މީހުންނާ ދިމާވާނެއެވެ. އެމީހުންނާ ނުބެހޭށެވެ.”

ސޫރިޔާއަކީ އިސްލާމީ ދައުލަތުގެ އެންމެ ބޭރު ސަރަހައްދެވެ. ގިނަ ހަމަލާތަކެއް އަވަށްޓެރި ހިސާބުތަކުން އަމާޒު ކުރެވޭތީވެ، ސަރަހައްދު ހިމާޔަތް ކުރުމަށް އަބަދުވެސް ދިފާއި ފިޔަވަޅު ވަރުގަދަ ކުރަން ޖެހިފައި އޮތް ސަރަހައްދެކެވެ.

އަބޫބަކުރުގެފާނަށް ލިބިވަޑައިގަތް ޝަކުވާއަކީ، އެކަލޭގެފާނަށް ފުރައްސާރަކޮށް ލަވަހަދައިގެން ކިޔައި އުޅުނު އަންހެނަކު ހައްޔަރުކޮށް އަލްމުހާޖިރު ބިން އަބޫ އުމައްޔާ އޭނާގެ އަތް ބުރިކޮށްލި ކަމުގެ ޝަކުވާއެވެ. މިކަން ކުށްވެރިކުރައްވައި، އެކަލޭގެފާނު ފޮނުއްވި ފަތް ކޮޅުގައި މިފަދައިން އޮތެވެ.

“އަހުރެންނާ ބެހޭ ގޮތުން ހުތުރު ބަސް މޮށެ އުޅުނު އަންހެނަކަށް ތިބާ އަތްދިއްކޮށް، އެ ކަނބުލޭގެ އަތް ބުރިކުޅަ ވާހަކަ އަހުރެންނާ ހަމައަށް އައިސްފިއެވެ. ބޮޑު ވެގެންވާ ފާފައެއްކަމުގައިވާ، މާތްﷲއަށް ޝަރީކު ކުޅައުމުގައިވެސް މީހުންގެ ފުށުން ބަދަލު ހިފުމަށް ﷲ އަންގަވާފައެއް ނުވެތެވެ. ޝަރީކު ކުޅައުމުންވެސް މީހުންގެ ގުނަވަންތައް ބުރިކުރާން އެކަލާނގެ އަންގަވާފައެއް ނުވެތެވެ. ފަހެ، ކުރިއަށް އޮތް ތާނގައިވެސް ތިބާ، މީހުންގެ ގުނަވަންތައް ބުރި ނުކުރާ ހުށިކަމެވެ. ތިބާގެ އުޅުމުގައި، މީހުންނާ މެދު އޯގާތެރިވެ އުޅޭށެވެ. ދުވަހަކުވެސް މީހެއްގެ ގުނަވަނެއް ބުރި ނުކުރާހުށި ކަމެވެ. އެހެނީ އެއީ ބޮޑުވެގެންވާ އަނިޔާއެކެވެ. މާތްﷲ ވަނީ މުސްލިމުން ކޯފާއިން ސަލާމަތް ކުރައްވާފައެވެ. ތިބާއަށް ރަނގަޅަށް އެގިފައިވާނޫއެވެ. ސަލަމާއި ސަލަވާތް ލެއްވި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް، އެކަލޭގެފާނާ ހަނގުރާމަކޮށް އުޅުނު މީހުން އަސީރުވުމުންވެސް އެކަލޭގެފާނު އެއުރެން އަނބުރައި ގެއަށް ފޮނުވޫއެވެ. އެކަލޭގެފާނު ފަހަރެއްގައިވެސް އެމީހުންގެ ގުނަވަންތައް ބުރިކުރާން ނުވިސްނަވައެވެ.”

މިޒަމާނުގައި ދީނުގެ ނަމުގައި ހަނގުރަމަކުރާން ނިކުމެ މިއުޅޭ މީހުން، މީސްތަކުން ކާފަރުކޮށް، މީހުން ގެ ކަރުބުރިކޮށް ބަޑިންނާއި ބޮމުން ގޮއްވާލަނީ ކޮން ހަމައަކުން ބާވައެވެ. އެއުރެންނީ ހަމަ ޖާހިލުންނެވެ!

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން އަލްޚައްޠާބުވެސް މިފަދަ ފަތްކޮޅެއް، އެކަލޭގެފާނުގެ ގަވަރުނަރު ސަޢުދު ބިން އަބީވައްޤާސަށް ފޮނުއްވިއެވެ.

“ތިބާގެ އަމިއްލަ ވިސްނުމާއި ފިކުރާމެދު ވިސްނުން ހިންގާލާށެވެ. ތެދުވެރިކަމާއި އިޚުލާސްތެރިކަން އިސްކުޅައުމަށް ތިބާގެ އަސްކަރަށް އަންގާށެވެ. އެބައި މީހުންގެ ނަފްސްތައް ގުރުބާން ކުޅައުމުގައި އަމިއްލަ އެދުމެއް އޮވެގެން ނުވާނެއެވެ. އެމީހުން ވިސްނަންވާނީ އެމީހުންގެ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ރުއްސެވުމާއި ފާފަފުއްސެވުމަށެވެ. …. އެބަޔެއްގެ ރައްކާތެރިކަން ތިބާއާ މަތި ކުރެވިފައިވާ މީހުންނަށް ތިބާގެ ފުށުން އަނިޔާވެރިކަމެއް ކުރިމަތި ނުވެ، އަދި އެމީހުންގެ ހައްގެއް ތިބާގެ ފުށުން ނިގުޅައި ނުގަތުމަށް ފަރުވާތެރިވާށެވެ.”

އިސްލާމް ދީނުގައި ހަނގުރާމައިގެ މައިދާނުގައިވެސް މިފަދަ އުސޫލުތައް ކަނޑައަޅާފައި ވެއެވެ. މިއުސޫލުން ބޭރުން ކަމެއް ކޮށްފިނަމަ އެވެގެންދާނީ ޒަމާނީ މަފްހޫމުގައި ޓެރަރިޒަމްގެ މާނައިގައެވެ. މައްސަލައަކީ މުސްލިމުން ނޫން ޖަމާއަތްތަކުންވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގާއިރު އިސްލާމޯފޯބިކް މީހުންގެ ފުށުން މި ލޭބަލް މުސްލިމުންނާ ދެކޮޅަށް އެކަނި ބޭނުން ކުރެވޭތީއެވެ.

އިސްލާމް ދީން ފެތުރިފައިވަނީ ކަނޑިން ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. މުސްލިމު ޖަމާއަތްތަކުން އިސްލާމް ދީނަށް ހުތުރު އެރުވިނަމަވެސް، ތާރީޚް ހެކިވާ ގޮތުން އެހެން މީހުންގެ އަނިޔާވެރިކަން މާބޮޑެވެ.

ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ޣެއިރު މުސްލިމުންނާ ދެކޮޅަށް ހިނގާފައިވަނީ، 82 (ބަޔާހި) ކުރިމަތި ލުމެވެ. މި ކުރިމަތިލުންތަކުގައި މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ، 1018 މީހުންނެވެ. މީގެ ތެރޭން މުސްލިމުން މަރުވި އަދަދަކީ 259 އެވެ. ބާކީ ތިބި 759 މީހުންނަކީ ދެކޮޅަށް ހަނގުރާމަ ކުރި މީހުންނެވެ.

އެއަށްފަހު އައި ޒަމާންތަކުގައި ހިނގި ހަނގުރާމަތަކުގައި ކިތައް މީހުން މަރުވެފައި ވޭ ހެއްޔެވެ؟ ސެކްސަން ދަރިކޮޅުގެ މީހުންނަކީ ކާފަރުންކަމަށް ކަނޑައަޅައި، ޗާރލްސް ދަ ގްރޭޓް ކުރި ހަނގުރާމައިގައި 4300 މީހުން މަރުވިއެވެ. ޔޫރަޕްގައި ނަސާރާ ފާދިރީން ހަނގުރާމައަށް މީހުން ނެރުނު އިރު ބުނެފައި ވަނީ މިފަދައިން ނެވެ.

“އެންމެން މަރައި ހުސްކޮށްލާށެވެ. ކަނލާގެއަށް އެކަނލާނގެ އަމިއްލަ ދަރިން ވަކިކުރަން އެނގިވަޑައިގަންނަވާނެއެވެ.”

މީހުންގެ ދީނީ އަގީދާ ކަށަވަރު ކުރުމަށް ސްޕެއިންގައި ސްޕެއިންގައި އީޒަބެއްލާއާއި ފަރޑިނަންޑް ހިންގި ހަރަކާތުގައި މުނާފިގުން ކަމަށް ކަނޑައެޅި މީހުން މަރާލީ ދިރިހުއްޓައި އަންދައިލައިގެންނެވެ. މެކްސިކޯއާއި ޕެރޫއަށް ހުދު މީހުން ދިޔައިރު ތިބި މުސްލިމުންނާއި އަސްލު ރަށްވެހިންނާ މެދު އަމަލު ކުރީ ކިހިނެއް ހެއްޔެވެ؟

އަނިޔާވެރިކަމާއި މުސްލިމުންނާ ގުޅުވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ. މުސްލިމުންގެ ތެރޭން ކަސިޔާރުވެ ދުނިޔޭގެ އެދުމަށް ހަތިޔާއެޅި މީހުންގެ ހަނގުރާމައަކީ އެމީހުންގެ އަމިއްލަ ނިންމުމެކެވެ. ޓެރަރިޒަމްގެ އަމަލުތަކެވެ.

އިންސާނުންގެ މިހާރުގެ ތާރީޚްގައި އިންސާނުންގެ ފުރާނަ ގެއްލިފައިވާ މިންވަރު އަދަދުން ކިޔައިފިނަމަ، ލިބޭނީ ހައިރާން ކަމެކެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގައި، ދިހަ މިލިއަން ސިފައިންނާއި ދިހަ މިލިއަނެއްހައި މަދަނީން މަރުވިއެވެ. އެއަށްފަހު، ވަބާތަކާއި ބަލިމަޑުކަމުގައި މުޅި ދުނިޔެއިން 20 މިލިއަނެއްހައި މީހުން މަރުވިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިން ލިބުނު ސީދާ ގެއްލުން 186,000,000,000 އެމެރިކާ ޑޮލަރަށް އަރައެވެ. ނުސީދާ ގެއްލުން 338,000,000,000 ޑޮލަރަށް އަރައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި 22 މިލިއަން މީހުން މަރުވިއެވެ. 34 މިލިއަން މީހުން ޒަޚަމްވިއެވެ. ހަނގުރަމައިގެ ސީދާ ގެއްލުން 1,167,000,000,000 ޑޮލަރަށް އަރައެވެ. އަދި ނުސީދާ ގެއްލުން 1,348.000,000,000 ޑޮލަރަށް އަރައެވެ. ހިރޮޝީމާއާއި ނަގަސާކީއާއި ވިއެޓްނާމާއި ކޮރެއާ ހަނގުރާމައިގެ ފުރާނަތައް ހިސާބު ކުރަން ޖެހޭނީ ވަކިންނެވެ. އެމެރިކާއިން ނައްތާލެވުނު ރެޑްއިންޑިއަން މީހުންގެ ހިސާބުތައްވެސް ޖަހަންވާނީ ވަކިންނެވެ.

މުސްލިމު ހަނގުމާވެރިންގެ ހަމަލަތަކާއި އެމީހުންގެ ހަނގުރަމަތަކުން އިސްލާމްދީން ބަރީއަކަން ކަށަވަރެވެ. އެމީހުން މާނަކުރާ ފަދައިން މީހުން މެރުމަށް އިސްލާމް ދީނުގައި ގޮވާލައި ފައެއް ނުވެއެވެ.

އިސްލާމް ދީނުގައި ޖިހާދު އޮންނަ ގޮތާ ބެހޭ ގޮތުން އެންމެ ފުރަތަމަ ފޮތްވެސް ލިޔެވުނީ، މީލާދީން 1105 ވަނަ އަހަރު ސޫރިޔާގެ ދިމިޝްޤްގައެވެ. ކިތާބުލް ޖިހާދު ލިޔުއްވީ ޢަލީ އިބްން ޠާހިރު އައްސުލަމީ އެވެ. އޭނާ މިފޮތް ލިޔުއްވީ، ޤުދުސްއަށް ފުރަތަމަ ސޮލީބީ ހަނގުމާއަށް މީހުން އައިތާ ހަ އަހަރު ފަހުންނެވެ. މި ފޮތަކީ މުސްލިމުންގެ ބިމަކަށް އަރައިގަތް ބޭރުގެ އަދުއްވަކާ ދެކޮޅަށް ހަނގުރާމައަށް ނިކުތުމަށް ގޮވާލި ފޮތެވެ. އިނގިރޭސި ބަހުން މިފޮތް ތަރުޖަމާ ކުރެއްވި ނިއާލް ކްރިސްޓީވެސް ގަބޫލުކުރައްވަނީ މިހާރުގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި މީހުން ޖިހާދަ މާނަކުރާ މަފްހޫމަކުން މި ފޮތުގައި ޖިހާދު މާނަކޮށްފައި ނުވާކަމަށެވެ. މި ފޮތް ލިޔުމުގައި އައްސުލަމީއަށް ހިތްވަރަކަށް ވެގެން ގޮސްފައިވަނީ ފަރަންޖީންނާ ދެކޮޅަށް ނިކުތުމަށް ގޮވާލި އިބްނު ނަބާތާ އަލްފަރީގީގެ ޚުތުބާތަކުންނެވެ.

ސެޕްޓެމްބަރު 11ގެ ހަމަލައަށްފަހު، މުސްލިމުންގެ ފިކުރާއި އަގީދާ ދިރާސާ ކުރުމަށް ހުޅަނގުން ކުރި މަސައްކަތުގައި އަލްފަރީގީގެ ޚުތުބާތައްވެސް ދިރާސާ ކުރެވި އިނގިރޭސި ބަހަށް ގެނެވިފައި ވެއެވެ. މިއިންވެސް އިސްލާމް ދީނުގައި ޖިހާދުގެ ނަމުގައި ޓެރަރިޒަމަށް ހިތްވަރު ދިނުމަށް ގޮވާލައިފައިވާ ކަމަކަށް ނުފެނެއެވެ.