އީރާންގެ ރައީސްކަމަށް އެގައުމުގެ އުއްތަމަ ފަނޑިޔާރު

އީރާންގެ އުއްތަމަ ފަނޑިޔާރު އިބްރާހިމް ރައީސީ އީރާންގެ ރައީސްކަމަށް އިންތިޚާބް ވެވަޑައިގެންފިއެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 62 އިން ސައްތަ ވޯޓެވެ. އޭނާއާ ގާތުން ވާދަ ކުރެއްވި މަރުކަޒީ ބެންކުގެ ކުރީގެ ރައީސް ޢަބްދުއްނާސިރު ހިންމަތީ ވަނީ ބަލި ގަބޫލުކުރައްވާފައެވެ.

މިއީ 1979ގެ އިންގިލާބަށްފަހު، އީރާންގައި މީހުން އެންމެ މަދުން ވޯޓްލީ އިންތިޚާބެވެ. މީހުން ވޯޓްލާން ނިކުތުމަށް ސަރުކާރާއި އީރާންގެ ދީނީ ލީޑަރު އަލީ ޚަމަނާއީވެސް ވަނީ އެދިވަޑައިގެންފައެވެ.

އިބްރާހީމް ރައީސީއަކީ އީރާނގެ ވެރިކަމުގެ ނިޒާމާ ގާތް ބޭފުޅެކެވެ. އަދި އޭނާ ގިންތި ކުރެވެނީ ހަރުކަށި ބޭފުޅުންގެ ތެރޭގައެވެ. އޭނާ އެތައް ބަޔަކަށް މަރުގެ ނިޔާ އިއްވަވާފައެވެ.

ސައްޔިދު އިބްރާހީމް ރައީސީ އަކީ ކުރިން ޕރޮސެކިއުޓަރ ޖެނެރަލްއާއި ޕްރޮސެކިއުޝަންގައި އުޅުއްވައި ޝަރްއީ ދާއިރާގައި ގިނަ ދުވަސް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2017 އިން ފެށިގެން ރިއާސީ އިންތިޚާބަށް ކުރިލައްވާފައެވެ. އޭނާ އަކީ ނުފޫޒު ގަދަ މަގާމުތައް ފުރުއްވާފައިވާ އަދި އީރާންގެ ވެރިކަމުގެ ނިޒާމުގައި ނުފޫޒު ގަދަ ފަރާތްތަކުގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.

އީރާންގެ މީހުންގެ މެރުމުގެ ޙުކުމްތަންފީޒު ކުރާ ކޮމިޝަންގެ ރައީސްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. މިއީ ގިނަ ސިޔާސީ ދެކޮޅުވެރިންގެ ޙުކުމް ތަންފީޒު ކުރި ކޮމިޝަނެކެވެ.

އިސްލާހީ ޚިޔާލުގެ މީހުން ދެކޭ ގޮތުގައި އަންހެނުންގެ ހައްގުތަކާއި އަސާސީ ހައްގުތައް ރައީސީގެ ވެރިކަމުގައި ފަހަތަށް ޖެހޭނެއެވެ.

އެމެރިކާއިން ވަނީ އިންސާނީ ހައްގަށް އަރައިގެންފައިވާ ކަމަށް ބުނެ، ރައީސީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

2017ގެ އިންތިޚާބްގެ ކެމްޕޭންގައި ޙަސަން ރޫހާވީވެސް ރައިސީގެ އިންސާނީ ހައްގުގެ ރެކޯޑް ދައްކަވައި އޭނާއަށް ފާޑު ވިދާޅުވިއެވެ.

ރައީސީއަކީ ޚަމަނާއީއަށް ފަހު ރޫހާނީ ލީޑަރަކަށްވެސް ވެދާނެފަދަ ނުފޫޒުގަދަ ބޭފުޅެކެވެ. ރައީސީއަށް، ޚާމަނާއީގެ ތާއީދު އޭނާ ސިއްރު ކުރައްވާފައެއް ނުވެއެވެ.

މިއިންތިޚާބް ބާއްވާފައި ވަނީ އީރާންގެ ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް ގިނަވެ، ހިންގުން ބަލިވެފައިވާ ކަމަށް ބުނަމުން ދަނިކޮށެވެ.

އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އޭނާ މި މަގާމަށް ވާދަކުރުމަކީ އެދެވޭ ކަމެއް ނޫންކަމަށް އޭނާގެ އަނބިކަނބަލުން އޭނާއަށް މަޝްވަރާ ދެއްވިކަމަށް އޭނާގެ އަނބިކަނބަލުން ވަނީ މީޑިއާގައި ވިދާޅުވެފައެވެ.

ރައީސީގެ އުންމީދަކީ، އަލީ ޚާމަނާއީގެ ފަހުން އީރާންގެ އިމާމްގެ މަގާމަށް އޭނާ އިސްވެގެން ދިއުމެވެ.

އީރާނަކީ މެދުއިރުމަތީގެ އިސްލާމީ ގައުމުތަކުގެ ތެރޭން ގަވާއިދުން އިންތިޚާބް ބާއްވައި ސަރުކާރު ބަދަލުކޮށް ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބް ކޮށް ހަދާ ގައުމެވެ.އަދި މިއީ މެދުއިރުމަތީގައި އެންމެ ފުރަތަމައަށް ޕާލަމެންޓްގެ ޖަލްސާތައް ލައިވް ކުރަން ފެށި ގައުމެވެ.ރައިސީ ވެގެންދާނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނިކޮށް، މަގާމަށް ހޮވިވަޑައިގަތް އީރާންގެ ފުރަތަމަ ރައީސަށެވެ. އެމެރިކާއިން އޭނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ 1988 ގައެވެ.

ރައީސީއަށް ދިމާވެ ވަޑައިގަންނަވާނެ އެންމެ ބޮޑު މައްސަލައަކީ ވިއެނާގައި ދިގުލައިގެންދާ އީރާންގެ ނިއުކްލިއަރ މަޝްވަރާތަކެވެ.