އަޑަށް ވުރެން ބާރަށް ދަތުރުކުރާ ބޯޓް އުފައްދަނީ

އެމެރިކާގެ ޔުނައިޓެޑް އެއަރ ލައިނުން ފަސިންޖަރުން އުފުލަން އަޑަށް ވުރެން ބާރަށް ދަތުރުކުރާ މަތިންދާ ބޯޓްތައް ބޭނުން ކުރަން ފަށާނެ ކަމަށް އިޢްލާން ކޮށްފިއެވެ. ސެންފްރާންސިސްކޯގެ ސުޕަރސޮނިކް ބޫމް ކުންފުނިން އުފައްދާ މަތިންދާ ބޯޓްތަކަކީ ރޮކެޓް ސްޕީޑްގައި ދަތުރުކުރާނެ ބޯޓްތަކެކެވެ.

ޔުނައިޓެޑުން ބުނިގޮތުގައި މި ދުވެލި ހަލުއި ބޯޓްތަކުގެ ފުރަތަމަ 15 ބޯޓް ބޭނުން ކުރަން ފަށާނީ 2025 ގައެވެ. އެއަށްފަހު އިތުރު 35 ބޯޓް ގެން ގުޅޭނެ ކަމަށްވެސް ބުނެއެވެ.

އަޑަށް ވުރެން ބާރަށް ދަތުރުކުރާ މި ބޯޓްތަކަކީ މިހާރު ދުއްވާ ބޯޓްތަކަށް ވުރެން ދެގުނަ ހަލުއި ބޯޓްތަކެއް ކަމުގައި ވާނެއެވެ. އަދި ގޮނޑިތަކާއި ތަނަވަސް ކަމާއި އެނޫނަސް އެހެން ފަސޭހަތައް މި ބޯޓްތައް ޑިޒައިން ކުރުމުގައި ބަލާފައިވާ ކަމަށް ބުނެއެވެ. މިއިން ބޯޓެއްގައި 80 އަށް ވުރެން ގިނަ ފަސިންޖަރުން އުފުލާނެއެވެ.

ސުޕަރސޮނިކްގެ މިއިން މަތިންދާބޯޓެއްގެ އަގަކީ 200 މިލިއަން އެމެރިކާ ޑޮލަރެވެ. މިއިން ދުނިޔޭގެ އެއްބިތުން އަނެއް ބިތަށް ހަ ގަޑި އިރު ތެރޭގައި ދަތުރެއް ކޮށް ނިންމާލާނެއެވެ.  

މީގެ ކުރިން ބޭނުންކުރި އަޑަށް ވުރެން ބާރަށް ދަތުރުކުރި ކޮންކޯޑްގެ ދަތުރުތައް ނިންމާލާފައިވަނީ އެކްސިޑެންޓްތައް ގިނަވެގެން 2003 ގައެވެ. އެއީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ގުޅިގެން އުފެއްދި ބޯޓްތަކެކެވެ.