ޕާކިސްތާންގައި އަންހެނުން

ޕާކިސްތާން މީޑިއާގައި މިއަދު އިހުތިފާލް ކުރި ޚަބަރަކީ، ކަޝްމީރުގެ އަންހެން ޕައިލެޓަކު، މަރްޔަމް މުޖުތަބާ، އެއަރބަސްގެ ބޯޓެއް ދުއްވަން ފެށްޓި ވާހަކައެވެ. ސަރުކާރުން ވަނީ މި ކަމަނާއަށް މަރުހަބާ ކިޔާފައެވެ.

މިއީ ބަޔަކަށް އާދައިގެ ކަމަކަށްވިއަސް ޕާކިސްތާންގައި ވަރަށް ޚާއްސަ ފާހަގަ ކޮށްލެވޭ ކަމެކވެ. އަންހެނުންގެ ހައްގަށް އެދި ކޮންމެ އަހަރަކު ބާއްވާ އައުރަތު މާޗަށްފަހު ބައިވެރިން ދެން މަސައްކަތް ކުރަން ޖެހެނީ، އެމީހުންނަށް ޚިޔާލު ފާޅުކުރުމުން ލިބެމުންދާ އިންޒާރުތަކުން ސަލާމަތް ވާށެވެ.

އަންހެނުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަނީ ގަބީލާގެ ސަގާފަތުގެ ނަމުގައިއާއި، ދީނުގެ ނަމުގައެވެ.

މިއަހަރުގެ ފެބްރުއަރީގައި މަރާލި ހަތަރު އަންހެނުން މަރާލީ ޕާކިސްތާންގެ ތާލިބާން ޖަމާއަތުންނެވެ. އުތުރު ވަޒީރިސްތާންގެ ޚައިބަރު ޕަޚްތޫންޚުވާގައި މި މީހުން މަރާލީ، އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމުންނެވެ. މި ހަތަރު މީހުންނަކީ އެންޖީއޯއެއްގެ ފަރާތުން އަންހެނުންނަށް އިތުރު އާމްދަނީ ގޭގައި ތިބެގެން ހޯދުމަށް އަތްތެރި މަސައކަތް ދަސްކޮށްދޭން އުޅުނު ބަޔެކެވެ.

ޕާކިސްތާން ތާލިބާނުން ވަނީ، މާޗް މަހު އަންހެނުންގެ މިނިވަންކަމަށް ގޮވާލައި އައުރަތު މާޗް ހިނގާލުން ބޭއްވި މީހުންނަށް އިންޒާރު ދީފައެވެ. ތާލިބާންގެ ވިސްނުމަކީ މި މިހގާލުމުގައި ބައިވެރިވި މީހުން އިސްލާމް ދީނަށް ފުރައްސާރަ ކުރީ ކަމަށެވެ.

ޕާކިސްތާންގައި  އަންހެނުންނާ މެދު ދެކެނީ، ފިރިހެންމީހާގެ އެހެން މުދާތަކެކޭ އެއްފަދައިން ނެވެ. ފިރިހެނުންނަށް ވުރެން އަންހެނުންގެ ދަރަޖަ ދަށްކޮށް ބަލައި، އަންހެން މީހާއަށް ފިރިޔާ، ނުވަތަ ބައްޕަ ނުވަތަ ބޭބެ ނުވަތަ ކޮއްކޮފަދަ މީހެއްގެ ބެލިވެރިކަން އޮންނަން ޖެހެއެވެ. ފިރިހެނުންގެ ބާރުވެރި މުޖުތަމައެއްކަމުން އަންހެންމީހާއަށް އިޚުތިޔާރުތަކެއް ދެވިފައެއް ނޯވެއެވެ.

މިނިވަންކަމަށް 70 އަހަރު އިޙުތިފާލް ކުރާއިރުވެސް ޕާކިސްތާން، ބޯދާ ޒަމާނުގެ އާދަކާދަތަކުން ސަލާމަތް ވެފައެއް ނުވެއެވެ. އަންހެނުންނާ މެދު އޯގާތެރިކޮށް ނުބަލައެވެ. ރުޅި އަންނަ ހިނދު އަންހެން މީހާއަށް ހަމަލަ ދެނީ، އަލިފާން އާވި (އެސިޑް) ޖަހައިގެންނެވެ. ނުވަތަ ގަބީލާގެ އަބުރަށްޓަކައި އަންހެން މީހާ މަރާލައިގެންނެވެ. ޝައްކެއް ވެއްޖެ ހިނދެއްގައިވެސް އަންހެނެއްގެ ފުރާނަ ނެތިދިއުން ގާތެވެ!

ލިޔަންކިޔަން ނުދަތުމާއި ފަގީރުކަމަކީ، އަންހެނުންނަށް ޚާއްސަ ކަންތައްތަކެވެ. ތާލިބާނަކީ އަންހެނުންގެ ތަޢްލީމަށް ހުރަސްއެޅުމަށް މަޝްހުރު ބައެކެވެ. ހަމަހަމަކަމަށް އަޑު އުފލައިފިނަމަ، އެ މީހަކު އާއިލާއިން ބޭރުކޮށްލުމަކީ އާދައިގެ ކަމެކެވެ.

ޕާކިސްތާނަކީ އިސްލާމީ ގައުމެކެވެ. ދުސްތޫރު ބުނާ ގޮތުން ޕާކިސްތާންގައި ހިނގާނީ އިސްލާމީ ޝަރީއާއެވެ. ނަމަވެސް އަންހެނުންނާ ބެހޭ ގޮތުން ގެން ގޫޅޭ އާދަކާދައަކީ، އިސްލާމީ ޝަރީއާއާ ބީރަށްޓެހި އާދަކާދަ ތަކެވެ.

އަންހެނުންގެ މައްސަލަތަކުގައި އެމީހުންނަށް ނިޔާއާއި ސަޒާ އިއްވުން އޮންނަނީ ގައުމުގެ އަދުލު އިންސާފުގެ ނިޒާމުން ބޭރުގައެވެ. ގަބީލާގެ މަޖިލިސް ޖިރްގާގެ މެންބަރުންވެގެން ނުވަތަ އަވަށުގެ ބޮޑުންގެ ޕަންޗަޔާތުންނެވެ. އިޖުތިމާއީ ނިޒާމުގައި އަންހެނުންގެ އަޑުއެހުމަށް ފުރުސަތެއްވެސް ނޯވެއެވެ.

ގަބީލާއާއި އިޖުތިމާއީ އާދަކައާ އެއްގޮތަށް އަންހެނުންނާ މެދު ކަންކަން ނިންމުމުގެ ނަތީޖާއަކީ އަނހެނުންނަށް އިހާނަތްތެރި ނިންމުންތަކެއް ލިބިގެން ދިއުމެވެ.

އަންހެނުންނާ ދެކޮޅަށް ޕާކިސްތާންގައި ހިންގޭ އަނިޔާވެރި އަމަލުތަކަކީ، ލޯބީގައި ނުވަތަ އަމިއްލަ ރުހުމުގައި ބައިވެރިއަކު ހޯދައިގެން މީހަނާ އިންނަން އުޅުމުން، ގަބީލާގެ އަބުރާއި ޝަރަފް ދެމެހެއްޓުމަށްޓަކައި އަންހެން މީހާ މަރާލުން ނުވަތަ އަލިފާން އާވީގެ ހަމަލާއެއް އަބަދަށްޓަކައި ސިފަ ހުތުރުކޮށްލުމަށް ދިނުން ނުވަތަ މަރުގެ ސަޒާ އިއްވުމެވެ. ގަދަކަމުން ކައިވނިކޮށް ދިނުމަކީވެސް އާދައިގެ ކަމެކެވެ. ގަދަކަމުން ބައިމަދު ދީންތަކުގެ އަންހެނުންގެ ދީން ބަދަލުކުރުވައި މުސްލިމުންނާ ދެވުމަކީވެސް އާދައިގެ ހަމައެކެވެ. ދަރަނި އަދާ ނުކުރެވޭ މީހާގެ އަންހެން ދަރި ކައިވެންޏަށް ގެންދިއުމަކީވެސް ހަމަ އެފަދަ ކަމެކެވެ.

ޕާކިސްތާންގައި ގަބީލާގެ ޝަރަފާއި ކަރާމަތަށްޓަކައި އަހަރަކު، އެއްހާސް އަންހެނުން މަރާލެވޭކަމަށް 2019ގެ ހިއުމަންރައިޓްސް ވޮޗްގެ ރިޕޯޓް ބުނެއެވެ. މިއީ ރަސްމީގޮތުން ހިސާބު ބެލެހެއްޓޭ ޖަރީމާއެއް ނޫންކަމުން މީގެ ރަސްމީ ތަފާސްހިސާބެއް ނޯންނާނެއެވެ. އަންހެންމީހާގެ މަރު ރިޕޯޓް ކުރަނީ ގުދުރަތީ މަރެއްގެ ގޮތުގައި ނުވަތަ ކުފުރު މަރެއްގެ ގޮތުގައެވެ.

ޕާކިސްތާންގައި މި ޖަރީމާ ހުއްޓުމަކަށް ގެނައުމަށް 2004 އަދި 2016ގައި ގާނޫނުލްއުގޫބާތަށް އިސްލާހުތަކެއް ގެނަސްފައި ވެއެވެ. އާއިލާގެ ޝަރަފަށްޓަކައި މަރާލި ގަންދީލް ބަލޯޗްގެ ހާދިސާއަށްފަހު، މިއީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަފަދަ ގަސްތުގައި މީހަކު މެރުމުގެ ޖަރީމާއެއް ކަމަށް ގިންތިކޮށްފައި ވެއެވެ. 2016ގެ ކުރިން މަރާލި މީހާއަށް ގިސާސް ނުހިފަން އާއިލާއިން ނިންމުމުން އޭނާ ސަލާމަތް ވެއެވެ. ނަމަވެސް ބޭބެ، ބަލޯޗް ގަންދީލް މަރާލުމާ ގުޅިގެން 2016ގައި ގިސާސް ނުހިފިއަސް އަދަބުން ސަލާޟަތް ނުވެވޭ ގޮތަށް ގާނޫނު އިސްލާހު ކޮށްފައި ވެއެވެ.

ޕާކިސްތާންގައި ރޭޕްގެއ ޝިކާރައަކަށްވާ އަންހެން ކުއްޖާވެސް މަރާލެވެއެވެ.

ޕާކިސްތާންގައި އަންހެނާގެ އަގަކީ އޭނާގެ ރީތި ކަމެވެ. މުޖުތަމައުގައި އޭނާގެ ހައިސިއްޔަތު އޮންނާނީވެސް އޭނާގެ ބުރުސޫރައާ ގުޅިފައެވެ. އަންހެނުންނަށް އަލިފާން އާވިން ހަމަލަދެނީ އެމީހުންގެ ސިފަ ހުރުތުކޮށް އަގުވައްޓާލުމަށެވެ.

އަލިފާން އާވިން ހަމަލަ ދިނުމުން އަންހެނުން ރައްކާތެރި ކުރުމަށް ޕާކިސްތާންގައި އެސިޑް ކޮންތްރޯލް އެންޑް އެސިޑް ޕްރިވެންޝަން އެކްޓް ޕާސްކޮށްފައި ވަނީ 2011 ގައެވެ. މި ޖަރީމާގެ އަދަބަކީ އެއް މިލިއަން ރުޕީސްއިން ޖުރިމާނާކޮށް، 14 އަހަރަށް ޖަލަށް ލުމެވެ. 2017 ގައި ފާސްކޮށްފައިވާ އެސިދް އެން ބަރން ބިލްގައި ހިލޭ ބޭސްފަރުވާ ކޮށްދިނުމާއި ރިހެބިލިޓޭޓް ކޮށްދިނުން ހިމަނާފައި ވެއެވެ. ނަމަވެސް މިއަށް އަދި އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

ފަރުބަދަ މަތީ ވަޒީރިސްތާންގައި އެސިޑްގެ ހަމަލަތައް މަދެވެ. ޕަންޖާބްއާއި ސިންދުގައި ފަސޭހައިން އަލިފާންއާވި ކެމިކަލް ލިބެން ހުރުމުން މީގެ ހާދިސާތައް ވަރަށް ގިނައެވެ.

އެސިޑް ސަވައިވަރޒަ ފައުންޑޭޝަން އެންޖީއޯއިން 2011 ގައި ބުނިގޮތުގައި 2007ން 2018ގެ ނިޔަލަށް 1485 އަންހެނުންނަށް އަލިވާން އާވިން ހަމަލަ ދީފައި ވެއެވެ.

އަންހެނާއަށް އަލިފާން އާވީގެ ހަމަލައެއް އަމާޒުކުރަނީ ފިރިހެނާއަށް އޭނާ ނޫނެކޭ ބުނުމުންނެވެ. ބަސް ހަރު އަންހެނުންނަކީ އެ މުޖުތަމައުގައި ބަލައި ގަނެވޭނެ ބަޔެއް ނޫނެވެ.

ގަދަކަމުން މީހުންނާ އިނުމުގެ ސަގާފަތުގައި ޕާކިސްތާންގައި ފާހަގަ ކުރެވެނީ “އާވާޒަ ލަގާނާ”‘ގެ އާދައެވެ. މާނައަކީ ހަރު އަޑުން ފިރިހެނަކު އަންހެނެއްގެ ނަން ގޮވައި އޭނާއާ އިންނާނެ ކަމަށް އިޢްލާން ކުރުމުން އެހެން މީހަކު އެ އަންހެންނާއާ ކައިވެނި ކުރުމަކީ ބަދަލލު ހިފުމުގެ އަމަލެއް އައިސްފާނެކަމަށް ބަލަން ޖެހޭނެ ކަމަކެވެ. ހަމައެފަދައިން އާވާޒް ލަގާނާ އަށް ފަހު އާއިލާއިން މި ބާރުގަދަ ފިރިހެނާއަށް ނޫނެކޭ ބުނެފިނަމަ، އަންހެނާގެ އާއިލާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބަލަން ވާނެއެވެ. މިކަމުގައި ފާހަގަ ކުރެވޭ އަނެއް ކަމަކީ، ދެބޭންގެ ދެދަރިންގެ މެދުގައި އަންހެނާގެ ރުހުމާ ނުލައި ކައިވެނި ސެޓް ކުރެވޭ ކަމެވެ. މިއީ ޒަމާންވީ އާދަކާދައެކެވެ.

އާވާޒަ ލަގާގެ ދަށުން ގަދަކަމުން އަންހެނުންނާ އިނުން 2012ގައި ގާނޫނުން ވަނީ މަނަކޮށްފައެވެ. ނަމަވެސް އެއަށް އަމަލެއް ނުކުރެވެއެވެ.
މި ޖަރީމާ ހިންގާ މީހާގެ ޙުކުމަކީ ތިން އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް، ފަސް ލައްކަ ރުޕީސްގެ ޖުރިމާނާއަކާއެކު ލިބިގަތުމެވެ.

ގަދަކަމުން ބައިމަދު ދީންތަކުގެ ކުދިން ވަގަށް ނަގައިގެން ގަދަކަމުން ކައިވެނި ކުރުމަކީވެސް އާދައިގެ ކަމެކެވެ. އެންޖީއޯތަކުން ބުނާ ގޮތުގައި މީގެ އެއްހާސް ޖަރީމާ އަހަރަކު ހިނގައެވެ. އާންމުކޮށް މިކަން ކުރަނީ އިސްލާމް ދީނަށް ވެއްދުމުގެ ސަވާބު ލިބިގަތުމަށްޓަކައި ހައްދުފަހަނައަޅާފައިވާ ދީނީ ޖަމާއަތްތަކުންނެވެ.

ޕާކިސްތާން ހިއުމަންރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި މިއީ ދީނީ ބަޔަކުވެސް އޭގާއި ހިމެނޭ ބޮޑު ވިޔަފާރި ގަނޑެކެވެ.

ހިންދީ އަންހެން ކުދިން ވަގަށް ނެގުމުގެ މައްސަލަތަކުގައި މުޒާހަރާތައް ބޭއްވި ބޮޑު ވަޒިރު އިމްރާން ޚާންގެ ސަމާލުކަމަށް، ޕާލަމެންޓްގައި ހިމެނޭ ހިންދީ މެންބަރުން މިމައްސަލަ ގެނަސްފައި ވެއެވެ.

ޕާކިސްތާންގައި ބައިމަދު މީހުން ކަމަށް ބެލެވެނީ، އަހްމަދީ ގާދިޔާނީންނާއި ހިންދީންނާއި ކްރިސްޓިއަނުންނާއި ހަޒާރާ ދަރިކޮޅުގެ މީހުންނާއި ޝިއީންނެވެ. އަދި އިންޑިއާއާއި ބަންގްލަދޭޝްއިން ހިޖުރަކޮށްފައިވާ ހަމުގެ ކުލަ އަނދިރި މީހުންވެސް ހިމެނެއެވެ.

މިވާހަލައިގެ އަލީގައި މަލާލާ ޔޫސުފްޒާއީއަށް ވިސްނާލާށެވެ. ތާލިބާނުން އަންހެން ކުދިންގެ ސްކޫލަކަށް ބަޑީގެ ހަމަލަ ދިނުމަށްފަހު އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މެސްކޮޓަކަށް މަލާލާ ވެފައިވަނީ މި ސަބަބުތަކާ ހެދިއެވެ.

ޕާކިސްތާނަށް އެހެން އިސްލާމީ ގައުމުތަކަށް ނަމޫނާ ދެއްކޭނީ އިތުރު މަރްޔަމް މުޖުތަމަބާތަކެއް އުފެއްދި، އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށް ދެވިގެންނެވެ.