ޓެސްލާއާ މެދު ޗައިނާއިން ބޮޑަށް ޝައްކު ކުރޭ

ޗައިނާގެ ސަރުކާރު އިމާރާތްތަކާއި ހައި ސެކިއުރިޓީ އޭރިއާތަކުގައި ޓެސްލާގެ ކާރުތައް ޕާކްކުރަން ހުއްދަ ދިނުން މަނާ ކުރުމަށް އަނގަބަހުން މަސްއޫލު ފަރާތްތަކުން އިރުޝާދު ދީފިއެވެ.

ބެއިޖިންގއާއި އިތުރު އެހެން ސިޓީތަކުގައި މިފިޔަވަޅު އަޅާފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.

ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ޓެސްލާގެ ކާރުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ޖާސޫސީ އަމަލުތައް ހިންގައި މަޢްލޫމާތު ދުރަށް ފޮނުވުމުގެ މަސައްކަތް ހިންގަފާނެއެވެ. ޓެސްލާއާއި ވެރިޔާ އީލޯން މަސްކް ވަނީ މިފަދަ ކަމެއް މެދުވެރި ނުވާނެ ކަމަށް ފަށްފަށުން ބުނެފައެވެ. ނަމަވެސް ޗައިނާއަކަށް މިވާހަކަތައް އަދި ގަބޫލެއް ނުކުރެވެއެވެ.

ޓެސްލާގެ އީ ކާރުތަކުގައި ދުއްވުން ފަސޭހަ ކުރުމަށް ކެމެރާތަކެއް ހަރުކުރެވިފައި ވެއެވެ. އެއީ، ޕާކް ކުރަން އެހީވެ ދިނުމަށާއި، އޮޓޯ ޕައިލެޓް މޯދްގައި އަމިއްލަައަށް ދުއްވަންށާއި، ކާރު ދުއްވުމުގައި ޑްރައިވަރުގެ ސަމާލުކަން ވަޒަން ކުރުމަށް ހަރުކޮށްފައިވާ ކެމެރާތަކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގައި މާޗް މަހުން ފެށިގެން އެއްވެސް މިލިޓަރީ ސަރަހައްދެއްގައި ޓެސްލާ ކާރު ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.

އީލޯން މަސްކް ބުނެފައި ވަނީ ޓެސްލާ ކާރުގެ ކެމެރާ، ޖާސޫސް ކުރުމަށް ބޭނުންކޮށްފިނަމަ އެ އުފައްދާ ފެކްޓްރީއެއް ބަންދު ކުރާނެ ކަމަށެވެ.

މަސްކް ބުނާ ގޮތުން ކެމެރާއަކީ އިޚުތިޔާރީ އެއްޗެކެވެ. ކާރުގެ ވެރިފަރާތުން ބޭނުން ނަމަ އޮފް ކޮށްފައިވެސް ބެހެއްޓިދާނެއެވެ.

ޓެސްލަގެ ދުނިޔޭގެ ސޭލްސްގެ 30 ޕަސެންޓް އަންނަނީ ޗައިނާއިން ކަމުން މިއީ ޓެސްލާއަށް މުހިންމު މާރކެޓެކެވެ. ޓެސްލާގެ ކެލިފޯނިޔާ ފެކްޓްރީ ފިޔަވައި ގައެުމުން ބޭރުގައި ޓެސްލާ އިން ހުޅުވި ފުރަތަމަ ގިގަ ފެކްތްރީއަކީ ޝެންހާއީގައި ހުޅުވި ފެކްޓްރީއެވެ.