ރައީސް ޤައުމާ މުޚާތަބު ކުރެއްވުން

ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު، މިރޭ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

ރައީސްގެ ވާހަފުޅުގައި ވިދާޅުވީ، އީދުގެ އުފާވެރިކަމަށް އެޅިފައިވާ ހިޔަންޏަކީ، ކޮވިޑް19ގެ ބަލި މަޑު ކަމވެ. އަދި އަހަރެއް ވަންދެން ގައުމު ފުރަބަންދެއްގައި އޮތުމުން އިގްތިސާދަށް ލިބިފައިވާ ގެއްލުން ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮވިޑް19ގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމަކީ ރާއްޖެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވިޔަފާރިތަކާއި ފަރުދުންނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ބަލި ކޮންޓްރޯލް ނުކުރެވުނު ނަމަވެސް ލިއިތަކެއް ދޭން ޖެހުނީ ކަމަށެވެ. މިހާރު އެލުއިތަކާއެކު، ބަލި އިތުރުވާ މަންޒަރު ފެންނަ ކަމަށެވެ. އެންމެން ގުޅިގެން މިކަމުގައި މަސައްކަތް ނުކުރެވިއްޖެނަމަ،  ސިއްޙީ ނިޒާމަށް އޮބިނޯންނަ ވަރު ވެދާނެ ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް ކާމިޔާބު ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިހާރު އަޅާފައވާ ފިޔަވަޅުތައް ކާމިޔާބު ނުވެއްޖެނަމަ، އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް ރައީސް ދެއްވިއެވެ.

ADS: Paid content

“މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ، މިހާރަށް ވުރެ މާގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތި ވާނެ. ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ،” ރައީސް ވިދާޅުވި އެވެ.

ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދީފައިވާ ޓެރަރެރިސްޓް ހަމަލާއާ ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ހަމަލައެއް ނޫން ކަމަށާއި މީހެއްގެ ފުރާނަ ދުއްވައިލުމަށް ދޭ އެފަދަ ހަމަލާތަކުން އެކަން ކުރާ ބަޔަކު ބޭނުންވާ އެއްވެސް މަގުސަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ހާސިލެއް ނުވާނެ ކަމަށެވެ.

“މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ގާނޫނުތައް އެފަދަ މީހުން ވަށައިލާނެ. އަދުލު އިންސާފު އަރައި ހަމަކުރާނެ.. އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މާތް ﷲގެ އިރާދަފުޅުން މިހާރު އެތިބީ، ގާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި. މިނިވަން ތަހުގީގަކަށް ފަހު، އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި އަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ،” ރައީސް ވިދާޅުވި އެވެ.