އަތުން ކީރިތި ޤުރުއާން ލިޔުނު ޒުވާނެއް

ކަޝްމީރުގެ ބަރަމުއްލާ ޑިސްޓްރިކްޓް މަޝްހޫރުވެފައި އޮންނަނީ، ބޮން ގޮއްވާ، ހަނގުރާމަ ބޮޑު ތަނެއްގެ ގޮތުގައެވެ. މިފަހަރު ބަރަމުއްލާގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައިސްފައި ވަނީ އުމުރުން 34ގެ ޒުވާނަކު، އަތުން ކީރިތި ޤުރުއާން އެއްކޮށް ލިޔެ ނިންމައިގެންނެވެ.

ސައްޔިދު ފައިސަލް ޖީލާނީ އަކީ، ސަރުކާރު ސްކޫލެއްގެ ޓީޗަރެކެވެ. އޭނާ ކީރިތި ޤުރުއާން އެއްކޮށް އަތުން ލިޔެ ނިންމާލީ ވިއްސަކަށް މަސްތެރޭގައެވެ. އަތުން ލިޔެފައިވާ ޚަތިމުގައި 850 ސޮފްހާ ހިމެނެއެވެ. މިމަސައްކަތް އެއްކޮށް ފުރިހަމަ ކޮށްލެވުނީ މި ބަރަކާތްތެރި މައްސަރުގައެވެ.

ފައިސަލް އަކީ، މި އާއިލާގައި އަތުން ޚަތިމެއް ލިޔުނު ފުރަތަމަ މީހާއެއް ނޫނެވެ. މިއީ ސަގާފަތެކެވެ. އޭނާގެ ހޫރު ކާފަ އަތުން ލިޔެފައިވާ 250 އަހަރު ވީ ޚަތިމު އާއިލާގައި އަދިވެސް އެބައޮތެވެ.

ފައިސަލް އަކީ ޒޫލޮޖީން މަތީ ތަޢްލީމު ހާސިލުކޮށްފައިވާ މީހެކެވެ. އޭނާ ކީރިތި ޤުރުއާން އަތުން ލިޔުމަށް ޝައުގުވެރިވީ އިސްލާމީ ސަގާފަތަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. މި ޢާއިލާގެ އެންމެނަކީ، އުގަންނައި ދިނުމުގައި އުޅޭ ބަޔެކެވެ.