އިންޑިއާ: ދަނޑުވެރިކަމުގެ އިސްލާހުން ފައިދާ ކުރާނެ

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ އައު ގާނޫނުތަކުން އެތައް މިލިއަން ދަނޑުވެރިންނަށް ފައިދާ ކުރާނެ ކަމަށް ބުނެ، އޮސްޓްރޭލިއާގެ ތަޖުރިބާކާރަކު ވަނީ މުއްސަނދި ދަނޑުވެރިންގެ ދެކޮޅު ހެދުންތައް އަޑު ނޭހުމަށް ގޮވާލާފައެވެ.

ސެލްވަޓޯރ ބެބޯސް ބުނި ގޮތުގައި އިންޑިއާ އިން ފާސްކޮށްފައިވާ ގާނޫނުތަކުން ފައިދާ ކުރާނީ ފަގީރު ދަނޑުވެރިންނަށެވެ. މުއްސަނދި ދަނޑުވެރިން ބޭނުން ވަނީ މި ފަންތިއަށް މީގެ ފައިދާ ލިބި ނުދިނުމަށެވެ. އޭނާއަކީ، ސިޑްނީ ގެ އެންޓަރ ފޯ އިންޑެޕެންޑެންޓް ސްޓަޑީޒްގެ ރިސަރޗަރއެކެވެ.

އިންޑިއާ ބޮޑު ވަޒީރު ވަނީ ދަނޑުވެރިކަމުގެ ދާއިރާއަށް ކުދި ކުދި އިސްލާޙުތައް ގެނައުމުގެ ބަދަލުގައި މުޅި ދަނޑުވެރިކަމުގެ ދާއިރާއަށް މުހިންމު ބޮޑު ބަދަލެއް ގެންނަވާފައެވެ. ބީޖޭޕީން ވަނީ އާންމު އިންތިޚާބުގެ ކުރިން މިކަމަށް ވައުދުވެފައެވެ. މިއާ ޚިލާފަށް ކޮންގްރސްއިން ވައުދު ވެފައި ވަނީ ދަނޑުވެރިންގެ ލޯނުތައް މައާފް ކޮށްދިނުމަށެވެ. ބެބޯސް ބުނިގޮތުގައި މިއީ އިގްތިސާދީ ގޮތުން ނިކަން ހޭދަ ބޮޑު ކަމެއްކަމުގައި ވެގްނ ދިޔައީހެވެ.

ވެރިރަށް ނިއު ދިއްލީގެ ބޯޑަރުގައި ޓްރެކްޓަރުތައް ބަހައްޓައިގެން ހަޅުތާލު ކުރަމުންދާ ދަނޑުވެރިންނަކީ މަތީ ފަންތީގެ ބޮޑެތި ދަނޑުބިން ގެންގުޅޭ މީހުންނެވެ.

ދަނޑުވެރިންނަށް އެމީހުން ދިރިއުޅޭ ސަރަހައްދު ނޫން އެހެން ހިސާބު ހިސާބަށްވެސް އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ފުރުސަތު ހުޅުވާލިއެވެ. އިންޑިއާގައި ގަވާއިދު ނިޔާކުރާ ގޮތުން ކޮންމެ ސަރަހައްދެއްގައި ހަދާފައި ހުންނަ ދަނޑުވެރިކަމުގެ ސާމާނު ގަންނަ ލޯކަލް ބާޒާރު، ނުވަތަ “މަންޑީ”އަށް ދަނޑުޖވެރިން އެމީހުންގެ އުފެއްދުންތައް ގެނަސްގެން ވިއްކައެވެ. މިއީ ބޮޑެތި ދަނޑުވެރިންގެ ކޮންޓްރޯލް އޮންނަ ސަރުކާރުވެސް ހިއްސާވާ ކޯޕަރޭޓިވް އެކެވެ.

އެހެން ހިސާބުތަކަށްވެސް ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ހުއްދަ ދެވުނީ 2020ގައި ފާސްކުރި ގާނޫނުންނެވެ. ސެޕްޓެމްބަރު މަހު މިބިލް ފާސްކުރީ އަތްމައްޗަށް ނަގައިގެން ވޯޓަށް އަހައިގެންނެވެ.

އެއަށްފަހު، ނަގާފައިވާ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުން މޮދީގެ މިފިޔަވަޅުތަކަށް އިންޑިއާގައި މަގްބޫލުކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް ބޮޑެތި ބިންތައް ކޮްނޓްރޯލް ކުރާ ބޮޑެތި ދަނޑުވެރިންނަށް މިކަން ވެގެން ދިޔައީ މަގްބޫލު ކަމެއްގެ ގޮތުގައެއ ްނޫނެވެ. ދުނިޔޭގެ މީޑިއާގެ ސަމާލުކަމާއެކު މިމީހުން މިސްރާބު ޖެހީ ޓްރެކްޓަރުތަކުގައި ދިއްލީއާ ދިމާއަށެވެ.

މީޑިއާއިން ދައްކާ ގޮތާ ޚިލާފަށް މި މުޒާހަރާގައި އުޅެނީ ލޯނުތައް ނުދެއްކިގެން އުޅޭ އެކަހެރިވެފައިވާ ދަނޑުވެރިންނެއް ނޫނެވެ. މުޒާހަރާ ކުރާ މީހުންނަކީ ސަރުކާރުގެ ސަބްސިޑީ ލިބިގެން އެހެން މީހުން ލައްވާ ގުލާން ކުރުވާ ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނެވެ. މިމީހުންނަކީ ބޮޑެތި ބިންތައް ކޮންޓްރޯލް ކުރާ ލޭންޑްލޯޑުންނެވެ.

މިމީހުންގެ ބިރަކީ، މިހާރު އޮތް ނިޒާމު ނޫން ނޒާމެއް އައުމުގެ ސަބަބުން އެމީހުންގެ ކޮންޓްރޯލް ގެއްލިގެން ދިއުމެވެ.

މޮދީގެ ސަރުކާރުގެ ވިސްނުމަކީ ދަނޑުވެރިކަމަކީވެސް އެހެން ކުރިއަރާފައިވާ އިގްތިސާދު ތަކެކޭ އެއްގޮތަށް، ދަނޑުވެރިކަމަކީވެސް ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. މިހާރު ދަނޑުވެރިކަމަކީ ރަށްފުށުގެ އިގްތިސާދަށް ހިއްސާކުރާ ހަރަކާތެކެވެ.

އިންޑިއާ ސަރުކާރުން ފާސްކޮށްފައި ވަނީ ދަނޑުވެރިކަމާ ބެހޭ ތިން ގާނޫނެކެވެ.

ފުރަތަމަ ގާނޫނުން ދަނޑުވެރިންނަށް، އެމީހުންގެ ސަރަހައްދު ފިޔަވައި އެހެން ތަންތަނަށްވެސް ރަނގަޅު އަގެއް ލިބެނީނަމަ، ދަނޑުގޮވާމުގެ ބާވަތްތައް ވިއްކުމަށް ފުރުސަތު ދެއެވެ.

ދެވަނަ ގާނޫނުން، ދަނޑުވެރިންނަށް އެމީހުންގެ މަތިވަރު، ކޮންޓްރެކްޓްގެ ޒަރީއާއިން ކުރިއަށް ވިއްކާލުމަށް ހުއްދަ ދެއެވެ. މިއީ ސިނާއީ ގައުމުތަކުގައި މަތިވަރު ވިއްކާލާ ގޮތެވެ. ނަމަވެސް އަގުތައް ބޮޑުކޮށްލުމާއި ކާނާގެ ބާޒާރު ހަލަބޮލި ވެދާނެތީ މިއީ އިންޑިއާގައި ހައްސާސް މައްސަލައެކެވެ.

ތިން ވަނަ ގާނޫނަކީ، އަމިއްލަ ފަރާތްތަކުން ބޮޑެތި ގުދަންތައް ހަދައިގެން ގޮވާން ރައްކާކުރުމަށް ހުއްދަ ދޭ ގާނޫނެވެ. މިއީ ކުރިން މަނާ ކަމެކެވެ. އެއީ، ކާނާ އެހެން މީހުންނަށް ލިއްބައި ނުދެވޭ ގޮތަށް މަތިވަރު ފޮރުވުން ކަމަށް ބަލައި އެމީހަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެކެވެ.

މިތިން ގާނޫނުގެ މަގްސަދަކީވެސް ސަރުކާރުން އަގު ކޮންޓްރޯލް ކުރުން ދޫކޮށްލައި ވާދަވެރިކަމަށް ދަނޑުވެރިކަމުޖގެ ދާއިރާ ހުޅުވާލައި މިއީވެސް އެންމެނަށް އެއިން މަންފާ ލިބޭ “ސަނާއަތަކަށް” ދަނޑުވެރިކަމުގެ މަސައްކަތް ހެދުމެވެ.

މިއިން ދަނޑުވެރިންނަށް އެހެން އިގްތިސާދީ މަސައްކަތެކޭ އެއްފަދައިން އުފުލަން ޖެހޭ ހިރާސްތަކެއްވެސް ހުންނާނެއެވެ. އަދި ހަމައެއާއެކު އެމީހުން ވުނަދަންކާރުންގެ ސަފަށް ބަދަލުކުރާނެ ކަމެއްވެސް މެއެވެ.

ބޮޑެތި ބިންތައް ކޮންޓްރޯލް ކޮށް ދެ ގަރުނު ވަންދެން ނުފޫޒު ދަގަކޮށް އުޅުނު ބިން ބޮޑު އާއިލާތަކަށް މިއިން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. މިމީހުންނަކީ ހުޅަނގު އުތުރު އިންޑިއާގައި ފެތުރިފައިވާ ޖާޓް ކޮމިއުނިޓީގެ މީހުންނެވެ. އިންޑިއާއާއި ޕާކިސްތާންގެ ޕަންޖާބް ސަރަހައްދަށް މިމީހުން ފެތުރިފައި ވެއެވެ. މިއީ އަސްކަރީ އަދި ދަނދުވެރިކަމުގެ މަސައްކަތުގައިވެސް ދެ ގައުމުގައި ނުފޫޒު ގަދަ ބައެކެވެ.

ފޮރިން ޕޮލިސީ މެގަޒިންގައި ބެބޯސް ލިޔެފައިވާ ގޮތުގައި ބީޖޭޕީގެ އައު ގާނޫނުތަކުން 800 މިލިއަން ދަނޑުވެރިންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނާ ވާހަކައަކީ، އޮށްޓަރެއް ހުރި ވާހަކައެއް ނޫނެވެ. އިންޑިއާގެ 52 އިންސައްތަ މީހުންނަކީ ދަނޑުވެރިކަމުގައި އުޅޭ މީހުންނެވެ. އަދި ޚިޔާލު ހޯދުންތައް ދައްކާ ގޮތުން މޮދީގެ ދަނޑުވެރިކަމުގެ އިސްލާޙު ކުރުމުގެ ދާއިރާއަށް ނުރުހެނީ އެންމެ ހަ ޕަސެންޓް މީހުންނެވެ.