އެޒަމާނުގެ ޚަވާރިޖުންނާއި މިޒަމާނުގެ ޚަވާރިޖުން

އެޒަމާނުގެ ޚަވާރިޖުންނާއި މިޒަމާނުގެ ޚަވާރިޖުން ތަފާތަކީ އޭރު ހަދަނީ ދޮގު ޙަދީޘެވެ. މިހާރު ހަދަނީ ދޮގު ފަތުވާއެވެ.

ޙުސައިން ރަޝީދު އަޙްމަދު

ދީނުގެ އެންމެ މުހިންމު އެއްމަޞްދަރު ކަމުގައިވާ ކީރިތި ރަސޫލާގެ ޙަދީޘާމެދު ވާހަކަ ދައްކާއިރު، މައުޟޫޢު ޙަދީޘު ނުވަތަ ދޮގު ޙަދީޘަކީ ޙަދީޘު ޢިލްމުގައި އެއާމެދު ދިރާސާ ކުރެވޭ ވަރަށް މަޝްހޫރު އެއްޗެކެވެ. ކީރިތި ރަސޫލާގެ ނަންފުޅުގައި ހެދިފައިވާ ދޮގު ޙަދީޘުތަކެއްގެ ވާހަކެއެވެ. އިތުރު އެކަލޭގެފާނުންގެ ޙަދީޘުފުޅުތަކަށް އުނި އިތުރު ގެނެވެނު ވާހަކައެވެ. މިދޮގު ޙަދީޘު އުފެއްދުން ފެށިގެން އައީ އެތައް ސަބަބުތަކާ ހުރެގެންނެވެ. އެއްބަޔަކު ދީން ދެކެ ލޯބިވާލެއް ބޮޑުކަމުންނެވެ. އަނެއްބަޔަކު ދީނުގެ މައްޗަށް ތިމާމެންގެ ހިތުގައި އޮތް ޢަދާވާތްތެރިކަން ފިލުވާ ލުމުގެ މަޤްޞަދުގައެވެ. އަނެއްބަޔަކު ސިޔާސީ ނުފޫޒުގައި ޖެހިގެންނެވެ. އަނެއްބަޔަކު މާއްދީ ފައިދާއަކަށްޓަކައެވެ. އިހު ޒަމާނުގައި ޙަދީޘު އުފެއްދުން އޮތް ކަމުގައި ވިއަސް މިޒަމާނަކު އެކަން ކުރެވޭނެ މަގުވަނީ ބަންދުވެފައެވެ. ޢިލްމުވެރިން ވަނީ އެއެންމެހާ ދޮގު ޙަދީޘުތައް ލިއުއްވައި ޚާއްޞަ ފޮތްފޮތުގައި ޖަމާ ކުރަށްވާފައެވެ. އެކަމަކު ޙަދީޘާމެދު ޢިލްމުވެރިން ދައްކަވާފައި ހުރި ވާހަކަތައް އޮޅުވާލައިގެން ވާހަކަ ދެއްކުމާއި ޢިލްމުވެރިންގެ ޝަރަޙައަކަށް ބެލުމެއްނެތި ތިމަތިމާމެން ހިތަށް ފެންނަ ގޮތަކަށް ޙަދީޘުގެ މާނަކޮށް، ހެދުމަކީ ދޮގު ޙަދީޘަކަށް ނުވިކަމުގައި ވެއަސް، އަޅުގަނޑު ދެކޭ ގޮތުގައި ދޮގު ޙަދީޘުގެ އެއްމާބަނޑު އުޚްތެކެވެ. މިއަދު ދީން ކުރިއެރުވުމުގެ ނަމުގައި ފާޑުފާޑުގެ ދޮގު ވާހަކަތަކާއި މަންޒަރުތައް ދައްކައިގެން ދީނުގެ ނަމުގައި މީސްމީޑިޔާގައި އެތަކެތި ފަތުރަމުންދާ މީހުން އެހާމެ ގިނަ ވެއްޖެއެެވެ. މިސާލަކަށް، މިވެނި ދުޢާއެއް މިތަކެއް މީހުނަށް ފޮނުވުމުން މިވެނިކަމެއް، މިވަނި ދަރުމައެއް ހުރިކަމަށް ބުނެގެންނެވެ. މިހިރީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ހުރި ކަންތަކެއް ނޫނެވެ. ކޮންމެއަކަސް މީސްމީހުން ޙަދީޘު ބަދަލު ކޮށް، ޙަދީޘު ހަދަމުން ދިޔަ ބައެއް ސަބަބުތައް ތިރީގައި ބަޔާން ކޮށްލާނަމެވެ.

  1. ސިޔާސީ ކޯޅުންތައް: މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެ ފާނުން ޝަހީދު ކުރެވުނު ދުވަހުން ފެށިގެން ސިޔާސީ ޚިލާފުތައް އުންމަތުގައި އުފެދުނެވެ. ހަމަ އެދުވަހުން ފެށިގެން ދޮގު ޙަދީޘުތައް ހަދައި އެކަންވެސް ވަނީ ފެތުރެން ފަށާފައެވެ. އަދި މިފިތުނަވެރިކަން އިތުރަށް ބޮޑުވެގެން ދިޔައީ ޢުޡްމާނުގެފާނުންގެ ލޭގެ ބަދަލު ހިފުމުގެ ގޮތުންނޭ ކިޔައިގެން ޢަލީގެފާނުންގެ މައްޗަށް ގެނެވުނު ބަޣާވަތާ ގުޅިގެންނެވެ.
  2. މަޒުހަބީ ޚިލާފުތައް: މަޒުހަބީ ޚިލާފުތަކަކީވެސް ކީރިތި ރަސޫލާގެ މައްޗަށް ދޮގު ޙަދީޘުތައް ހެދެން ފެށުނު މުހިންމު އެއްސަބަބެވެ.

(ހ) މަޒުހަބުތަކުގެ ތެރެއިން އެންމެ ގިނަ ދޮގު ޙަދީޘު ހަދާފައިވަނީ ރާފިޟީ (ޝީޢާއިންގެ ޖަމާޢަތެއް) އިންނެވެ. އޭގެ ތެރެއިން މީހަކު ތައުބާވުމަށް ފަހު ބުނެފައިވެއެވެ. ތިމަންމެން އެއްތަނަކަށް އެއްވެ މަޝްވަރާ ކުރުމަށްފަހު މިވެނި ކަމަކީ ރަނގަޅު ކަމެއްކަމުގައި ތިމަންމެންނަށް ފެނިއްޖެނަމަ އެކަމާމެދު ޙަދީޘެއް ހަދާލަމެވެ. ރާފިޟީއިންވަނީ ދޮގުޙަދީޘު ހެދުމަކީ އެއީ ދީނުގެ ބައެއް ކަމަށް ޤަބޫލުކޮށްފައެވެ.

(ށ) މިގޮތަށް ޙަދީޘު ހަދާ މީހުންގެ ތެރޭގައި ބިދުޢަވެރިންނާއި މުޢުތަޒިލީންވެސް ހިމެނިގެން ވެއެވެ. (ނ) ހަމަ އެއާއެކު މަޛްހަބުތަކަށް ތަޢައްޞުބު ވެފައިވާ ބައެއް މީހުންވެސް ވަނީ ދޮގު ޙަދީޘުތައް ހަދާފައެވެ. އިމާމު އަބޫ ޙަނީފާއަކީ ދުނިޔޭގައި ނެތްވަރުގެ ވިސްނުން ތޫނު ބޭކަލަކަށް ވީތީ، މައްސަަލައެއް ދިމާވެގެން ޙަދީޘެއް ލިބިވަޑައިގެން ނެތްހިނދު، އެކަލޭގެފާނު ޤިޔާސް ކުރަށްވައިގެން ބައެއް މައްސަލަތަކަށް ފަތުވާ ދެއްވަތެވެ. ދެން އެކަލޭގެފާނު އެފަދަ މައްސަލައަކާމެދު ފަތުވާއެއް ދެއްވައިފިނަމަ ބައެއް މީހުން އެބަސްފުޅާ އެއްގޮތްވާ ޙަދީޘު ހަދަމުން ދިޔަައެވެ. ޚުދް އަބޫ ޙަނީފާ ވިދާޅުވެފައި ވަނީ އެކަލޭގެފާނަށް މިވެނި މީހަކާމެދު އެފަދަ ޙަދީޘުތައް ހަދާކަމަށް ޝައްކުވެފައިވާ ކަމަށެވެ.

(ރ) ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަވެގެެން ސިޔާސީ މީހުންގެ އެދުމާ އެއްގޮތަށް ވެސް ޙަދީޘު ހަދާފައި ވެއެވެ.

(ބ) މިގޮތުން ބަލާއިރު އުމަވީ ދައުލަތުގައި ވެރިކަމާ ގުޅިގެން އައިސްފައިވާ ގިނަ ޙަދީޘުތަކަކީ ޟަޢީފު ނުވަތަ މައުޟޫޢު ޙަދީޘުތަކެވެ.

(ޅ) އެންމެ ފަހުން ހުކުރު ޚުޠްބާއަކީވެސް ވެރިންނަށް ސަނާކިޔައި އެބައިމީހުންނަށް ނަޞުރު ދެއްވުމަށް އެދި، އެނޫން މީހުންނަށް ލަޢުނަތްދީ ބަދުދުޢާކުރާ ގަރަމް މައިދާނަކަށް ބަދަލުވިއެވެ.  

  • ދީނުގެ ޢަދުއްވުން: އިސްލާމްދީނަކީ ފުރިހަމަ ދީނެއްކަން އެނގި އެދީން ބަދަލު ނުކުރެވޭނެކަން ދީނުގެ ޢަދުއްވުންނަށް އެނގުމުން އެބައިމީހުންވަނީ މީސްތަކުންގެ ތެރޭގައި ދީނަށް ނަފުރަތު ކުރެވޭގޮތަށް ދޮގުހަދައި އެދޮގާއެއްގޮތަށް ޙަދީޘުތައްހަދައި މުސްލިމުންގެ ތެރޭގައި އެތަކެތި ފަތުރަން މަސައްކަތް ކޮށްފައެވެ. ހަމައެއާއެކު ޢަޤީދާ ބަލިކަށި މުސްލިމުން ދީނާމެދު ޝައްކު އުފެދޭކަހަލަ މައްސަލަތައް އުފައްދައި އެބައިމީހުން ދީނާ ދުރުކުރުމަށް މިފަދަ ޢަދުއްވުން އެހާމެ މަސައްކަތް ކޮށްފައި ވެއެވެ.
  • ބައެއް ޝައިޚުން ސިޔާސީ ވެރިންގެ ދަށުވުން: ދީނީ ބައެއް ޝައިޚުން ވަނީ ސިޔާސީ ބޭނުންތަކަށްޓަކައި އެދުވަސްވަރެއްގައި ތިބޭ ބާރުގަދަ ސިޔާސީ މީހުންގެފަރާތުން އެކިކަހަލަ ބޭނުންތައް ޙާޞިލުކުމަށްޓަކައި އެބައިމީހުން ބޭނުންވާ ގޮތަކަށް ފަތުވާދިނުމާއި އެފަތުވާތަކަށް ދަލީލުތައް ހޯދުމުގެ ގޮތުން ކީރިތި ރަސޫލާގެ މައްޗަށް ދޮގުޙަދީޘުތައް ހަދާފައެވެ. ނުވަތަ ބައެއް ޙަދީޘުތަކަށް އުނިއިތުރު ގެނެސްފައެވެ. ނުވަތަ ޙަދީޘުތަކުގެ މާނަ ކުރުމުގައި އެކިގޮތްގޮތަށް ހަދީޘުގެ މާނަ އަނބުރާލާފައެވެ.
  • އަމިއްލަ މަޞްލަޙަތު: ތިމާގެ އަމިއްލަ މަޞްލަޙަތު ކުރި އެރުވުމަށްޓަކައި، ނޫންނަމަ ވަކި މީހެއްގެ ފަރާތުން ބަދަލު ހިފުމަށް، ނޫންނަމަ ކަނޑައެޅޭ ވަކި ޖަމާޢަތެއް ކުރި އެރުވުމަށްޓަކައި ވެސް ދީންވަނީ ނަހަމަ ގޮތުގައި ބޭނުން ކުރެވިފައެވެ. މިސާލަކަށް: ޝައިޚަކު ވަނީ އޭނާގެ ދަރިފުޅަށް ކިޔަވައިދިން މުދައްރިސަކު ދަރިފުޅަށް އަދަބު ދިނުމުން އެ މުދައްރިސު މީހާއަށްވުރެން ނުބައި މީހަކު ނެތްކަމަށް ހަދައި އެކަމަށް ދަލީލެއްގެ ގޮތުން ދޮގު ޙަދީޘެއް ހަދާފައެވެ.
  • ތިމާ މަޝްހޫރުވުން: ތިމަންނައަކީ މީސްތަކުންގެ މެދުގައި މަޝްހޫރު މީހަކަށް ހެދުމުގެ ބޭނުމުގައި، ނޫންނަމަ ތިމަންނާގެ އެކުވެރިންގެ ތެރޭގައި ޚާއްޞަ މަޤާމެއް ދެވިފައިވާ މީހަކަށް ވުމުގެ ބޭނުމުގައި ވެސް އިސްލާމީ އުންމަތުގައި ބައެއް މީހުން ވަނީ ދީން ނަހަމަ ގޮތުގައި ބޭނުން ކޮށްފައެވެ. މިސާލަކަށް: އެވެނި ޢިލްމުވެރިޔަކު ދުޢާ ކުރުމުން މިވެނިކަމެއް ފެނުނޭ، ނޫންނަމަ އޭނާގެ ދުޢާ އިޖާބަ ކުރެވުނޭ، ނޫންނަމަ މީހަކުތިމާއަކީ ވަރަށްބޮޑު ވަލީ ވެރިއެއްކަމަށް ހެދުމަށާއި މީސްތަކުންގެ ތެރެޔަށް މަޝްހޫރުވެގެން ދާގޮތަށް ތިމާގެ ޢަމަލުތައް ބަހައްޓައި އުޅުން މިކަމުގައި ހިމެނިގެން ވެއެވެ. ހަމައެހެންމެ މިވެނި ޙާދިޘާއެއްގައި ތިމަންމެންނާއެކު ޢާއްމުންގެ ލޮލަށް ނުފެންނަ ހުދުހެދުމުގައި ތިބި ބަޔަކު އުޅުނޭ ބުނެ ދޮގު ހަދާފައެވެ. މިހިރަ ކަންކަމަކީ ރަސޫލު ބޭކަލުންނަށް މާތް ﷲ ދެއްވާ މުޢުޖިޒާތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކޮންމެއަކަސް މިވާހަކަތައް ކުރުކޮށްލުމާއެކު އަޅުގަނޑުގެ ހިތުގައި އުފެދޭ ބައެއް ސުވާލުތަކަށް އަލިއަޅުވާލާނަމެވެެ. ޙަޤީޤަތުގައި މިކަންކަމަކީ ކީރިތި ރަސޫލާގެ ނަންފުޅުގައި މިޒަމާނުގައި ދޮގު ހަދީޘު ނުހެދި ކަމުގައި ވިއަސް މިހާރުގެ މީހުން ކުރަމުންދާ އެފެންވަރުގެ ކަންކަމެވެ.

ހިތުގައި އުފެދޭ ބައެއް ސުއާލުތައް:

މިމައްސަލަތަކާ ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ. ތިޔަބޭފުޅުން މަތީގައި ބަޔާންވެދިޔަ ސަބަބުތަކުގެ އަލީގައި ކުޑަކޮށް އަޅުގަނޑާއެކު ހަތަރު ފަރާތަށް ކަޅި ހިންގާލަމާ ހިނގާށެވެ. އެއިރުން ހަމަގައިމު އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މިކުޑަކުޑަ ދިވެހިރާއްޖޭގައި ދީނުގެ ޢިލްމަށް ނިސްބަތްވާ ބައެއް ބޭފުޅުން ސިޔާސީ އޮއިވަރުގައި ޖެހި ކުޅެމުން މިދާ ދައުރު އެއީ ހަމަ އެންމެ ރަނގަޅުގޮތް ނޫންކަން ދޭހަވާނެއެވެ. އަޅުގަނޑަށް ފެންނަ މަންޒަރަކީ ބައެއް ޢިލްމުވެރިން ސަޕޯޓްކުރާ ޕާޓީއަކީ އެއީ އެވަގުތު އޮތް އެންމެ ދީންވަންތަ ޕާޓީކަމަށް ހަދައިގެން ދެން ހުރި ޕާޓީތަކަކީ ދީނެއްނެތް ބަޔަކަށް ހަދާތަނެވެ. ނޫންނަމަ ތިމާ ނިސްބަތްނުވާ ޕާޓީތަކާ ރުހިގެންއުޅޭ މުސްލިމު ދިވެހިންނަކީ ޔަހޫދީންނަށް ވުރެންވެސް ނުރައްކާތެރި ބައެއްގެ ގޮތުގައި ސިފަކުރަމުންދާ މަންޒަރެވެ. ތިމާ ނުރުހޭ ވާހަކައެއް ނުވަތަ ތިމާއަށް ވިސްނައިނުގެނެވޭ ވާހަކައެއް މީހަކު ދައްކައިފިއްޔާ އެއީ ކަނޑައެޅިގެން ޤުރުއާނާ ޚިލާފު ކަމެކޭ، ކަނޑައެޅިގެން ކީރިތި ރަސޫލާގެ ސުއްނަތާ ޚިލާފު ކަމެކޭ، ފާޅުގައި އިސްލާމީ ޝަރީޢަތާ ޚިލާފު ވެއްޖެއޭ، ބުނެ އެބަޔެއްގެ ޒާތާބެހި ފާޑު ކިޔާ ތަނެެެވެ. ހަމައެހެންމެ ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާގެ ސުންނަތުން ކަމާގުޅުމެއްނެތް ދަލީލުތައް ހޯދައި އެދަލީލުތައް ތިމަންމެންނާއި ސިޔާސީގޮތުން ފިކުރު ތަފާތުވި މީހުންނާ އިދިކޮޅަށް ބޭނުންކޮށް އެމީހުން ދީނުން ބޭރު ކުރެވެމުންދާ ތަނެވެ.

ހިނދުކޮޅެއްގެ ތެރޭގައި ޝަހާދަތް ކިޔަކިޔައި ތިބި މީހުން މުޝްރިކުންނަށް ބަދަލުވުން:

މިއާމެދު މިއަދުވެސް މީސްމީޑިޔާގައި އަޑުއިވެމުންދާ ވަރަށް ސާފު މިސާލެއް ދަންނަވާލާނަމެވެ. ކުރީގެ ރައީސް މައުމޫނުގެ ވާހަކައެކެވެ. 2009 ވަނަ އަހަރު ޅ. ނައިފަރުގައި މައުމޫނުގެ ތައުރީފު ކުރަށްވަމުން ނައިފަރު މެންބަރު ދެއްކެވި ވާހަކައެކެވެ. މަނިކުފާނު ވަޑައިގަތީ ކަނޑުގައިހުރި މަސްވެސް ހިއްޕަވައިގެން ކަމަށާއި އުޑުގައިހުރި ވާރޭވެސް ހިއްޕަވައިގެން ކަމަށެވެ. (އެއީ އެދުވަސްވަރު މަހަށް ދަތިވެފައިވާތީއާއި ވާރޭނުވެހި މާބޮޑަށް ލަސްވެފައިވާތީ އެމެންބަރު ދެއްކެވި ވާހަކައެކެވެ.) އެތަޢުރީފަށް މައުމޫނުގެ ވާހަކަފުޅުގައި ޝުކުރު އަދާ ކުރެއްވިއެވެ. ހަމަ ވަގުތުން އަނެއްބައި މީހުންނަށް މައުމޫނާއި ނައިފަރު މެންބަރު މުރުތައްދު ވެއްޖެއެވެ. މައްކާގެ މުޝްރިކުންނަށް ވުރެން ބޮޑު މުޝްރިކުންނަށް އެބޭފުޅުން ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔައީއެވެ. މިމީހުންނަކަށް ތިމާމެންގެ މާދަރީ ބަސްމޮށުންތެރިކަން ރޭކާނުލާކަމަށް އިޙްސާސު ނުވިތާގައި ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ނަމާދު ކޮށްކޮށް ތިބި މީހުން މުޝްރިކުންނަށް ހަދާލުމަށް ފަސްވެސް ނުޖެހުނެވެ. މިގޮތަށް މިމީހުން އަނެކުން މުޝްރިކުނަށް ހެދުމުގެ ކުރިން ތިމާމެންގެ މާދަރީ ބަހުގައި މިކަހަލަ މިސާލުތައް ބޭނުން ކުރެވެނީ ކިހިނަކުންތޯ އަދީބެއްގެ ކައިރިން އަހާލިނަމަވެސް ރަނގަޅުވީސް ތާއެވެ. ނުވަތަ ކީރިތި ރަސޫލާގެ ޙަދީޘުގައި މިކަހަލަ މިސާލެއް އައިސްފައި އޮތްތޯ ގޫގަލް ސާރޗް ކޮށްލައިގެން ބަލާލިނަމަވެސް އެންމެ ރަނގަޅުތާއެވެ. ނުވަތަ ދީނުގެ ސަލަފުއްޞާލިޙުން މިފަދަ ބަސްތަކާމެދު ވިދާޅުވެފައިވަނީ ކީކޭތޯ ބަލާލިނަމަ ތިމާއަށް ތެދުމަގަށް ވާޞިލު ވެވުނީހެވެ.   

އަޅުގަނޑުމެން އަދާކުރަމުން މިދަނީ ޚަވާރިޖުންގެ ދައުރު ނޫންބާ!

އަޅުގަނޑު ހިތަށް އަރަނީ މިއަދު ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށް ނިސްބަތްވާ ބައެއް ބޭފުޅުން މިކުޅުއްވަނީ، ކީރިތި ރަސޫލާއަށްފަހު، އިސްލާމްދީން ފެތުރެމުންދިޔަ ދުވަސްވަރު ރާފިޟީންނާއި ޚަވާރިޖުން ކުޅެމުން ދިޔަ ދައުރު ނޫންބާއެވެ؟ މިދެންނެވި ޝައިޚުން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ދީނަށް ކުރަނީ ފައިދާތޯ، ނޫންނަމަ އިތުރަށް ދީނުގެ ޢަޤީދާ ރާއްޖޭގެ ގިނަ މުސްލިމުންގެ ހިތްތަކުންފޮހެވި ޚަރާބުވަމުންދަނީތޯ، މިއީ އަޅުގަނޑުގެއިތުރުން އެބޭފުޅުން ދީނަށްއިޚްލާޞްތެރިނަމަ ފިކުރު ކޮށްލައްވަންޖެހޭ މައްސަލައެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ބަޔަކު ކުށް ކުރާއިރު ހަނު ތިބުމަކީ މާބޮޑު ކުށެކެވެ.

އަދިވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ އެހެން ސުވާލެއް އެބަ އޮވެއެވެ. މިދެންނެވި ހަރުކަށި އުޞޫލު އިޚްތިޔާރު ކުރަށްވައިގެން އުޅުއްވަނީ ރާއްޖޭގައި ތިއްބެވި ހުރިހާ ޢިލްމުވެރިންނަށް ނުވާއިރު، މިބުނެވިދިޔަ ޚަވާރިޖުންގެ އުޞޫލު އިޚްތިޔާރު ކުރަށްވައިގެން ތިއްބެވި ބޭފުޅުން އިޞްލާޙު ކުރެއްވުމުގެ ގޮތުން، ހެއުވިސްނޭ އަރަފޯދޭ ބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރައްވައި ހަނުން ތިއްބަވަނީ ކީއްވެބާއެވެ! ހަނުތިއްބެވުމުން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވެވުނީ ކަމުގައި ދެކެވަޑައި ގަންނަވަނީ ތޯއެވެ! އަޅުގަނޑަށް އެނގިފައިވާ ޢިލްމު ކުށްކަމުގައި ނުވާނަމަ ބަޔަކު ކުށްކުރާއިރު އެއީ ކުށްކަމުގައި ދެކިގެން ތިމާއަށް ވެވުނު މިންވަރަކުން އެކަމާ އަޅާނުލާ ތިބުމަކީ ކުށްކުރާ މީހާއަށްވުރެން ބޮޑު ކުށަކަށް އަރައިގަތުމެކެވެ. އެކަމާމެދު މަތިވެރި މާތް ﷲ ވަނީ ވަޢީދުގެ ބަސްފުޅު ބާވައި ލައްވަވާފައި ނޫންތޯ އަޅުގަނޑުގެ އަޚުންގެ އަރިހުން އަހާލަން ބޭނުންވެއެވެ. 

ކަންކަން ދީނުގެ ހައްދުން ބޭރުވެގެން ދިއުން:

މިއަދު ބައެއް ޢިލްމުވެރިން ހަރުކަށި ވެގެންގޮސް ހައްދުފަހަނައަޅާ ގޮސްފައިވަނީ އެމީހުންނާ ހަމައަށް އެހެން ބަޔަކަށް ވާޞިލުވެސް ނުވެވޭ ހިސާބަށް ދުރަށެވެ. އަދި އެމީހުންގެ ދަރިވަރުން އެމީހުންނަށް ވުރެން ފެންވަރު މާމައްޗެކެވެ. ދީނުގެ ހުކުމުތައް ދީނުގައި އޮތްވަރަށް ވުރެން ބޮޑުކުރީނުން ގޮސް އަޑުއިވޭ މީހާ ދީނަށް ނަފްރަތު ކުރާ ހިސާބަށް ނުވަތަ ދީން ދޫކޮށްލާ ހިސާބަށްވެސް އެފަދަ މީހުންގެ ފަތުވާ ގޮސްފައި އެބަހުއްޓެވެ. ދެން ވާހަކަ މިދައްކަނީ މިވެނިބަޔަކު ދީނާ ޚިލާފު ވެއްޖެއޭ އެވެ. އެމީހުން ދީނާ ޚިލާފު ވެގެންދަނީ އަޅުގަނޑުމެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާތީ ކަމެއް މިބޭފުޅުންނަށް އެނގިވަޑައި ނުގަންނަވައެވެ. މިސާލަކަށް އަޅުގަނޑު ނުވެސް ދަންނަ މީހަކު އަޅުގަނޑާ ދުވަހަކުވެސް ބައްދަލުވެ ޚިޔާލު ބަދަލު ނުކުރެވޭ މީހަކު އޭނާ ދަނެގެން ނަމަވެސް ދީނާ ޚިލާފު އެއްޗެއް ބުނުމުން އޭނާ މުރުތައްދު ވެއްޖެއޭ ބުނުމުގެ ޙައްޤެއް އަޅުގަނޑަކަށް ނެތެވެ. އޭނާ މުރުތައްދު ވުމުގެ ކުރިން އޭނާ ހެއުމަގަށް އަޅުވަން މަސައްކަތް ކުރުމީ ކޮން ބައެއްގެ މަސްއޫލިއްޔަތެއް ތޯއެވެ؟ ﷲގެ ވަޙީ ބަސްފުޅު، }وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ{ އާއި }اُدْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ{  އެދިގޮވާފައިވާ އަމުރުފުޅަކީ ހަމަ މިހެން ތިބެލާފައި މީހަކު ކާފަރުކޮށްލައިގެން ފަރުޖެހޭނެ މިންވަރުގެ އަމުރުފުޅެއް ނޫނެވެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. އެހާމެ ފުޅަލެވެ. މުސްލިމަކު ރަސޫލާގެ ސުއްނަތެއް ނުދިރުވައޭ ކިޔައިގެން ދީނުގެ ނަމުގައި އަޅުގަނޑުމެން ތެޅިފޮޅިގަންނާކަށް ނުޖެހެއެވެ. އަޅުގަނޑަށް ތިބޭފުޅާއަށް ޢަމަލު ކުރެވެނީ ރަސޫލާގެ ކިތައް ސުއްނަތަށްތޯ އަންދާޒާ ކޮށްލެއްވިން ތޯއެވެ؟ ބައެއް ޝައިޚުން މިފަދަ މީހުންނާ ދިމާކުރާއިރު މަންޒަރު ދެކޭ މީހުންނަށް ހީވާނީ މަގުމަތިން ދިމާވާ ވަލު ކުއްތާ ވައްވައްޖަހާ ހެންނެވެ. މިއީ އިސްލާމް ދީނުގައި އޮންނަ ރިވެތި އުޞޫލެއް ނޫނެވެ. އަޅުގަނޑުމެންނަކީ ދީނުގެ ދަޢުވަތު ދިނުމަށް ލޯބިވާ ބައެއް ކަމުގައިވާނަމަ ކާމިޔާބުވާނީ، އިސްލާމް ދީނުގައި އޮންނަ ރިވެތި އުޞޫލާ އެއްގޮތަށް އެމީހުންނަށް ދީނުގެ ދަޢުވަތު ފޯރުކޮށް ދީގެންނެވެ. މީހުންނާމެދު ކާފަރު ކަމުގެ ޙުކުމް ނެރެގެނެއް ނޫނެވެ.

ދީނާ ޚިލާފު ވާހަކަ ދައްކާ މީހުންނާއި ISIS އަށް ހެއުގޮތް ވިސްނައި ދޭން އެބަޖެހޭ

މިކަމުގައި ކަމާބެހޭ މަސްއޫލު ފަރާތްތައް ނިދާފައި ތިބެގެނެއް ޤައުމު ހެއުމަގަކަށް ނޭޅޭނެ!

މިއަދު ދީނާޚިލާފު ވާހަކަތައްދައްކާ މީހުން ރާއްޖޭގައި އަދި އެހެން ޤައުމުތަކުގައިވެސް ދަނީ ގިނަވަމުންނެވެ. އޭގެ މާނައަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އިހުނަށް ވުރެން ބޮޑުވަނީ އެވެ. އެކަން އެގޮތަށް ދިމާވަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. މިއީ އިސްލާމީ މުޖުތަމަޢަށް ކުރިމަތި ވެފައިވާ އިންތިހާ ނުރައްކާ ބޮޑު ގޮންޖެހުމެކެވެ. މިގޮތަށް މީހަކު ދީނާ ޚިލާފަށް ވާހަކަ ދައްކާއިރު ދެނެގަންނަން ޖެހޭ ފުރަތަމަ ކަމަކީ ދީނާ ޚިލާފު ވާހަކައަކަށް އެވާހަކައެއް އެބަވޭތޯ ނުވަތަ ނޫންތޯއެެވެ؟ އެމީހަކު ކަނޑެޅިގެން ދީނުގެ ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ޙުކުމަކާ އިންކާރުކޮށް ވާހަކަ ދައްކާނަމަ އެދައްކަނީ ދީނާ ޚިލާފު ވާހަކައެކެވެ. މިސާލަކަށް ޚިތާނު ކުރުމާމެދު ޙަދީޘުތައް ވާރިދުވެ ހުރެފައި ފިރިހެން ކުރިން ޚިތާނު ކުރުމަކީ އުއްމަތް އެއްބަސްވާ މައްސަލައަކަށް ވެފައި އަދި އެއީ އިސްލާމީ ޡަޤާފަތުގައި ހިމެނިގެން މިއަދާ ހަމައަށް ހިނގަމުން އަންނަ ކަމަކަށް ވާހިނދު އެއާމެދު މުސްލިމަކަށް ވާހަކަ ނުދެއްކޭނެއެވެ. އެހެނަސް އަންހެން ކުދިންގެ “ލޭ ދެއްކުމުގެ” މައްސަލާގައި ދީނުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ހިނދު، އަދި ޞަރީޙާ ސާފު ޙަދީޘެއް ވެސް އެކަމަން ނެތުމުން މީހަކު އަންހެން ކުދިން ޚިތާނު ކުރުމަށް ފާޑު ކިއުމަކުން އަދި އެމީހާ ކާފަރު ކުރުމުގެ ކުރިން ދީނުގެ ޢިލްމުވެރިން އެއާމެދު ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާލިނަމަ ތިމާ އަނދިރި ވަޅުގަނޑަކަށް ވެއްޓުމުގެ ކުރިން ތެދުމަގަށް ވާޞިލު ވީހެވެ.

އަދިވެސް ދީނާ ޚިލާފު އެހެން ގްރޫޕެއް އެބަ އޮވެއެވެ. ދީނުގެ ނަމުގައި އަބޫ ބަކުރު ބަޣުދާދީފަދަ މީހުންނަށް ތަބާވެގެން އުޅޭ ISIS ގްރޫޕުގެ މީހުންނެވެ. މިމީހުން ކުރީގެ މީހުންނަށް ވުރެން ރާއްޖޭގެ ނިސްބަތުން ގިނަކަމަށް ލަފާވެއެވެ. މިދެވަނަ ގްރޫޕަށް ތަބާވާ މީހުން ފުރަތަމަ ގްރޫޕަށް ވުރެން ނުރައްކާ މާބޮޑެވެ. މިބައިމީހުން އިޞްލާޙު ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެނީ ކޮން ކަމެއްތޯއެވެ. ނުވަތަ ނުސީދާ މަގުން އެމީހުންނަށް ތާއީދު ކުރެވެނީ ނޫންތޯއެވެ؟ މިހެނީ އަޅުގަނޑުމެންގެ ޠަބީޢަތަކީ މީހަކު ދީނޭ ފުނެފިއްޔާ ނިކަން އަވަހަށް އެގޮތް ޤަބޫލު ކުރުމެވެ.

ކޮންމެއަކަސް ބުއްދިވެރި ގޮތަކީ ދީނާ ޚިލާފު ވާހަކަތައް ދައްކާ މީހުން ކާފަރު ކުރުމަށް އަވަސްވެގަތުމުގެ ބަދަލުގައި، އެމީހުންގެ ވިސްނުން ދެނެގަނެ އެކަމަށް ފަރުވާ ދެވޭނަމަ އެފަދަ މީހުން އިސްލާޙު ކުރުމަށް މަސައްކަތް ކުރުމެވެ. މީހުންގެ މައްޗަށް ޙުކުމް ކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ނޫނެެވެ. އެއީ ޝަރުޢީ އިދާރާތަކުގެ ޒިއްމާއެކެވެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށް ވާންވާނީ އެފަދަމީހުންނަށް ހެއުގޮތުގައި ނަޞީޙަތް ދިނުމެވެ. ދީނުގެ ދަޢުވަތް ދިނުމުގެގޮތުން ފިރުޢައުނުގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވަވަމުން އެދެބޭކަލުންނަށް މާތް ﷲ ކުރެއްވި ވަޞިއްޔަތްޕުޅު މިސާލެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ޢިލްމުވެރިއެއްގެ ސިކުނޑީގައި ހަރުލައްވާފައި ބާއްވާނަމަ އަޅުގަނޑުމެންގެ ދަޢުވަތުގައި ﷲ ބަރަކާތް ލެއްވީސްކަން ކަށަވަރެވެ. ނަމަވެސް އަޅުގަނޑުމެންގެ ކުރިމަތިން އަޅުގަނޑުމެންގެ މުޖްތަމިޢުގެ ބަޔަކު ލާދީން ވެގެންދާއިރު އެއީ ﷲގެ ދަޢުވަތު ދިނުމުގައި އަޅުގަނޑުމެން ނާޤާބިލުވެ ފޭލިވެފައިވާ ކަމުގެ ސާފު ހެއްކެކެވެ. އެހެންކަމުން މީހުންނަށް ތައުބާވުމަށް ގޮވުމުގެ ކުރިން ފުރަތަމަ ތިމާމެން އަމިއްލައަށް ﷲގެ ޙަޟުރަތުގައި ޢަފޫކުރެއްވުމަށް އެދި ދެންނެވުމާއެކު ތައުބާވުން މުހިއްމު ކަަމަށް އަޅުގަނޑު ދެކެމެވެ.

ނަމާދު އަޅައިފި މީހާ މިއްލަތުން ބޭރުވުން:

އިތުރު މިސާލަކަށް ބަލާނަމަ ނަމާދު އެޅުމާ ބެހޭގޮތުގެ މިސާލެވެ. ތެދެކެވެ. ނަމާދު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އިމާމު އަޙްމަދުގެ އަރިހުގައި އެއީ ކުފުރުވާ ކަމެކޭ އޮތްކަމުގައި ވިއަސް ދީނުގެ އެހެން ހުރިހާ ޢިލްމުވެރިން އެކަމާ އިންކާރު ކުރަށްވައެވެ. އަދި ނަމާދު އެޅުން ފާފައަކަށް ވީކަމުގައި ވިއަސް ދީނުގައި ކަނޑައަޅުއްވާފައިވާ ބޮޑެތި ފާފައިގެތެރޭ ކީރިތި ރަސޫލާ އެކަން ހިމަނުއްވާފައި ނުވާހައި ހިނދަކު އަޅުގަނޑުމެންނަކަށް އެއާ މެދު އިތުރު ޙުކުމެއް ނެރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެން ނަމަވެސް ޙަންބަލީންގެ ހަރުކަށި ބަސްތަކުގައި ހިފަހައްޓައިގެން ތިބެ މިފަދަ މީސްމީހުން ދައްކައި އުޅެނީ މުސްލިމެއްގެ ދުލުން ނެރުން ހެއުވާ ވަރުގެ ވާހަކަތަކެއް ނޫނެވެ. އެމީހުން ފަތުވާ ދޭގޮތުގައި ނަމާދެއް އެޅުމަކީ ތިމާގެ މަންމައާއި ނުވަތަ ދަރިއާއި 10 ފަހަރު ޒިނޭ ކުރުމަށްވުރެން، ނުވަތަ ތަކްރާރުކޮށް ވައްކަން ކުރުމާއި ޒިނޭކުރުމާއި ލިވާޠު ކުރުމާއި އެތަކެއް މީހުން މެރުމަށްވުރެން ވެސް ޙަރާންކަން ބޮޑުވެގެންވާ ކަމެކެވެ. މިހިރީއަކީ ދީނެއް ނޫނެވެ. ދީނަށް ފުރައްސާރަ ކުރުމެވެ. މިބައިމީހުންނަށް މިކަންކަން އެނގުނު ނައްޞެއް އޮންނަންވާނެ ނޫންތޯއެވެ؟ ޙަޤީޤަތުގައި މިފަދަ ބަސްތަކަކީ ކީރިތި ރަސޫލާއަށް ދޮގު ހަދައިގެން ދޮގު ޙަދީޘު ހެދުމަށްވުރެން ކުޑަ ކަމެއް ނޫނެވެ.  ސަބަބަކީ މިއީ ﷲ އަށް ދޮގުބުހުތާން ހެދުމެވެ. އިސްލާމީ ޝަރީޢަތަށް އުނިއިތުރު ގެނައުމެވެ. ﷲ ބާވައިނުލައްވާ ޙުކުމެއް އަމިއްލައަށް ހަދައިގެން ފެތުރުމުގެ ޙައްޤެެއް އެކަކަށްވެސް ނޯންނާނެއެވެ. ސިއްތުނާ ޢާއިޝަތުގެފާނުންގެ އިފްކުގެ މައްސަލާގައި ބައެއް މުސްލިމުން މިކަހަލަ ވަޅުގަނޑަކަށް ވެއްޓުނެވެ. އެވަގުތު މާތް ﷲ ނޫރު ސޫރަތުގެ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ. ﴿إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّهِ عَظِيمٌ ‎﴿١٥﴾ މާނައީ: އޭ މުސްލިމުންނޭނެވެ! ތިޔަބައިމީހުން އެކެއްގެ ދުލުން އަނެއްގެ ދުލުން ނަގުލުކޮށް، ފަތުރަމުންދާ ވާހަކައާ މެދު ނިކަން ވިސްނާ ބަލާށެވެ. ތިޔަބައިމީހުން ތިމާމެންގެ އަނގައިން ބޭރުކުރާ ޙަޤީޤަތެއްނެތް ވާހަކަތަކަކީ ތިމާމެންނަށް އެއާމެދު އެއްވެސް ޢިލްމެއް ލިބިފައިވާ ވާހަކަތަކެއް ނޫނެވެ. ނިކަން ދަންނާށެވެ. ތިމަތިމާމެން ހިތަށް އެރިހައި ގޮތަކަށް ﷲގެ ދީނުގެ ޙުކުމްތައް ބަޔާން ކުރުމަކީ އެއީ އާދައިގެ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރި ކަމުގައި ވިއަސް މާތް ﷲގެ ޙަޟުރަތުގައި އެއީ ފާފައިގެ ގޮތުން ވަރަށް ބޮޑުވެގެންވާ ވާހަކައެކެވެ. 

މޫނުބުރުގާ ނޭޅުން ޝިރުކާ އެއްވަރު ކަމަށް ބުނުން:

އެހެން މިސާލެއް ދަންނަވާލާނަމެވެ. ޢަރަބި ކޮންމެވެސް ޝައިޚަކު ވިދާޅުވެފައި ވެއެވެ. މޫނު ނިވާ ކުރުމަކީ އަންހެނާއަށް ފަރުޟު ވެގެންވާ ކަމެކެވެ. އެހެންކަމުން އޭނާ އޭނާގެ މޭމަތި ހާމަ ކުރުމެކޭ، ނުވަތަ ކުރިމަތި ފަރާތު ދޮރު ހާމަކުރުމެކޭ، ނުވަތަ ފުރަސްފަރާތް ހާމަ ކުރުމެކޭ، މޫނު ކަޝްފު ކުރުމެކޭ ހުކުމުގެ ގޮތުން ވާނީ އެއްވަރު ކަމަށެވެ. މިއިން ކޮންމެ ތަނަކީ ޢައުރައެވެ.

ވެރިޔާ ލައިވް ޓީވީގައި ޒިނޭކުރިއަސް އޭނާއާ އިދިކޮޅަށް ނިކުތުން ހުއްދަ ނުވާނެއެވެ.

ވެރިޔާއަށް ކިޔަމަންގަތުމަކީ ދީނުގެ ފަރުޟެކެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއަށް ފަހު ދެން ކިޔަމަންގަތުން ވާޖިބުވާ ފަރާތަކީ ތިމާމެންގެ މައްޗަށް ބަސްބުނަން ހުންނަ ވެރިޔާއެެވެ. އެހެނަސް އެކަމުގައި ޝަރުޠުތަކެއް ވެއެވެ. އޭގެ އެންމެ މުހިއްމު ޝަރުޠަކީ ﷲއަށް އުރެދޭ ކަމަކަށް އޭނާ އަމުރު ނުކުރުމެވެ.

މިމައްސަލާގައި ވެސް ހައްދުފަަހަނޅާފައިގޮސް ބައެއް ޢަރަބި ޤައުމުގެ ބައެއް ޝައިޚުންގެ ފަތުވާ ވަނީ އިސްލާމް ދީނުން ބޭރުވުމުގެ އިތުރުން އިންސާނިއްޔަތުން ވެސް ބޭރަށް ގޮސްފައެވެ. ހަމައެކަނި ތިމާމެންގެ ރަސްރަސްކަލުން ރުއްސުމުގެ ބޭނުމެވެ. މިސާލަކަށް އޭގެ ޝައިޚަކު ބުނެފައި ވެއެވެ. ތިމާމެންގެ ވެރިޔާ ނުވަތަ ޤައުމުގެ ރައީސް ލައިވު ޓީވީއެއްގައި ޒިނޭ ކުރި ކަމުގައި ވިއަސް ނުވަތަ ލިވާޠު ކުރި ކަމުގައި ވިއަސް ނުވަތަ ރާބޮމުން ދިޔަ ކަމުގައި ވިއަސް އޭނާގެ ނަންގަނެ އެވާހަކަ ދައްކައިގެން ނުވާނެއެވެ. އަދި އޭނާއާ އިދިކޮޅަށް ނިކުތުން ރައްޔިތުންނަށް ހުއްދަވެގެން ނުވާނެއެވެ. سُبْحَانَ اللَّهِ (ﷲގެ ހުސްތާހިރުވަންތަ ކަމާއެވެ.) މިއީއަކީ ﷲގެ ދީނެއް ނޫނެެވެ. މިފަދަ ވާހަކަ ދައްކާ  މީހުންނަކީ ދީނަށާއި ޤައުމަށް ހުރި ބޮޑު ނުރައްކަލަކެވެ. އަދި މިފަދަ ވާހަކަތަކުން އިސްލާމް ދީނަށް އަންނާނެ ގޮންޖެހުމާއި ނުރައްކާ އިންތިހާއަށް ބޮޑެވެ.

މިހިރީއަކީ ސަލާމަތް ބުއްދި ދެއްވާފައި ތިބިމީހުން ދައްކާކަހަލަ ވާހަަކަތަކެއް ނޫނެވެ. ﷲގެ ނަންފުޅުގަނެ ދެކެވެން ހެއުވާ ވަރުގެ ވާހަކަތަކެއް ވެސް ނޫނެވެ. އެހެނަސް ހިތާމައަކީ މިފަދަ މީސްމީހުން ދައްކާ ވާހަކަ ޤަބޫލުކޮށްގެން އެމީހުންނަށް ތަބާވާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަތިިބީތީއެެވެ.

ބިސްމި ބާރަށް ނުކިޔާވާހަކަ ދެއްކުމަކީ ހަމަނުޖެހުން އުފެއްދުމޭ ބުނުން:

ހަރުއަޑުން ކިޔަވާ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމަކީ ވެސް މިކަހަލަ މައްސަލައަކަށް ވެއްޖެއެވެ. ބާރަށް ކިއުމާއި ސިއްރުން ކިއުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ކަމެކެވެ. ރާއްޖޭގައި ޒަމާނުއްސުރެން މީސްތަކުން އަންނަނީ ބިސްމި ބާރަށް ކިޔަމުންނެވެ. ކުއްލިއަކަށް މީސްތަކުން މަގުފުރެދުމުން ހިދާޔަތުގެ މަގަށް އެޅިއްޖެއެވެ. ބިސްމި ބާރަށް ކިއުމަކީ ބިދުޢައަކަށް ވެއްޖެއެވެ. އަދި ސުއްނަތާ ކަޑައެޅިގެން ޚިލާފު ކަމެއްކަމާއި ސުއްނަތާ ޚިލާފަތް ކަމެއް ކުރުމީ މަގުފުރެދުން ކަމުގައި ދަޢުވާ ކޮށް އެގޮތަށް ފަތުވާ ދެވެން ފަށައިފިއެވެ. ޒަމާނުއް ސުރެން ބާރަށް ކިޔަމުން އައި ބިސްމި ސިއްރުން ކިއުމަށް ބަދަލުވެއްޖެއެވެ. މިއަދު މީހަކު ބާރަށް ބިސްމި ކިއުމުގެ ވާހަކަ ދައްކައިފިނަމަ ފިތުނަ އުފައްދައި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދާ މީހަކަށް އެމީހަކު އެބަވެއެވެ. އެމީހާ ދެއްކި ވާހަކަ ރަނގަޅުތޯ ނުވަތަ ނޫންތޯ ބެލުމެއްނެތި އެމީހާގެ ޒާތާ ބެހެން ފަށަނީއެވެ. އިންސާފަކީ މިއީތޯއެވެ؟ މިއީއަކީ ހަަމަަގައިމު ރަސޫލު ބޭކަލުންގެ މަންހަޖެއް ނޫނެވެ. ސަލަފުއް ޞާލިޙުންގެ ޢިލްމުވެރިން ކަންކުރަށްވަމުން ގެންދެވި ގޮތެއް ނޫނެވެ. ފިތުނަ އުފައްދަނީ ރާއްޖޭގައި ޒަމާނުއްސުރެން އޮތް ރިވެތި އުޞޫލު ބަދަލު ކުރަން އުޅޭ މީހުން ނޫންތޯއެވެ؟ ނުވަތަ ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެން ޢަމަލު ކުރަމުން އައިގޮތް އެއޮތްގޮތަށް ބާއްވަން ބުނާ މީހުންނަކީ ފިތުނަ އުފައްދާ މީހުންނަށް ވަނީތޯއެވެ؟ މިހިރަ މިހިރަ ކަންތައް ތަކަކީ ބުއްދީގެ އަހުލުވެރިން ވިސްނާލަން ޖެހޭ ކަންކަމެވެ.

އެހެންނާ ޙަދީޘުތަކަށް ބަލާއިރު މުޙައްދިޘުން ބޮޑަށް އިސްކަން ދެއްވަނީ ބިސްމި ބާރަށް ކިއުން އައުލާ ކަމަށެވެ. ފިޤުހު ފޮތްތަކާއި ޙަދީޘުފޮތްތަކުގެ ޝަރަޙަތައް ބައްލަވާލެއްވުމުގެ ނަޞީބު ލިބިއްޖެ މީހަކަށް ހަމަގައިމު އަޅުގަނޑު މިދައްކާ ވާހަކަ ރޭކާ ލާފާނެކަން ނޭގެއެވެ.

ގައި ދުރުކޮށް ސަފު ހެދުން ރާއްޖޭގެ ބޮޑު ކާރިސާއަކަށް ވެއްޖެއެވެ.

ޖަމާޢަތަށް ސަފު ހެދުމުގައި ގާތްގާތު ތިބުމަކީ ސުއްނަތެކެވެ. މިއީ ދީނުގެ އެންމެހައި ދަންނަބޭކަލުންގެ ފަތުވާ އޮތްގޮތެވެ. ހަމައެކަނި 8 ވަނަ ޤަރުގައި ވަޑައިގެންނެވި އިމާމު އިބްނި ތައިމިޔާ އެކަން ވާޖިބު ކުރަށްވައެވެ. އެކަމަކު މިހާރަކަށް އައިސް ޙަންބަލީ މަޛްހަބުގެ ވަކިގޮތެއް ކިޔަވައިގެން ތިބިމީހުންނާ ހެދި މިކަން މިވަނީ ބޮޑު ވަބާއަކަށް ނުވަތަ ކާރިސާއަކަށް ބަދަލުވެފައެވެ. ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުން ނޫންކަމެއް މިމީހުންގެ ކިބައިން ފެނިގެން ނުދެއެވެ. ހީވަނީ މިމީހުންގެ ދީނަކީ ހަމައެކަނި ނަމާދުގައި ދެފައި ދުރުކޮށްލައިގެން ދެމީހުންގެ ތަނބިކަށި ޖައްސައިގެން ތިބުން ހެންނެވެ.

އެޗްޕީއޭ އިން އިޢުލާން ކުރަނީއަކީ ހަމައެކަނި މިސްކިތާ ބެހޭ ވާހަކައެއް ނޫނެވެ. މީހުން އެއްތަންވާ ކޮންމެ ތާކު ގައިދުރު ކޮށްލައިގެން ތިބުމަށެވެ. ނަމާދުވެސް އެގޮތަށް ދުރުދުރުގައި ތިބެ ކުރުމަށެވެ. މިއީ ޢުޛުރެއް މެދުވެރިވެފައިވާތީ އައިސްފައިވާ އަމުރެކެވެ. މިމީހުންގެ ގާތުގައި ވެރިންނަށް ކިޔަމަންގަތުމެއް ދީނުގައި ނެތީތާއެވެ. އެހެންނާ މިދެންނެވި އިބްނި ތައިމިޔާވެސް ޢުޛުރުވެރި ޙާލުގައި ވާޖިބުކަން ކެނޑިގެން ދާކަމަށް އެބަ ވިދާޅުވެއެވެ.

އޭ ތަޢައްޞުބުން ފުރިފައިވާ މީހުންނޭވެ! ނިކަން ތިޔަބައިމީހުންގެ އިމާމު ވިދާޅުވާ އެއްޗެއް އަޑުއަހާލާށެވެ. އެކަލޭގެފާނު މަޖްމޫޢުލް ފަތާވާގެ 23/108 ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. وَأَمَّا صَلَاةُ الْمَأْمُومِ خَلْفَ الْإِمَامِ خَارِجَ الْمَسْجِدِ أَوْ فِي الْمَسْجِدِ وَبَيْنَهُمَا حَائِلٌ فَإِنْ كَانَتْ الصُّفُوفُ مُتَّصِلَةً جَازَ بِاتِّفَاقِ الْأَئِمَّةِ وَإِنْ كَانَ بَيْنَهُمَا طَرِيقٌ أَوْ نَهْرٌ تَجْرِي فِيهِ السُّفُنُ فَفِيهِ قَوْلَانِ مَعْرُوفَانِ هُمَا رِوَايَتَانِ عَنْ أَحْمَد وَالثَّانِي الْجَوَازُ كَقَوْلِ مَالِكٍ وَالشَّافِعِيِّ. وَأَمَّا إذَا كَانَ بَيْنَهُمَا حَائِلٌ يَمْنَعُ الرُّؤْيَةَ وَالِاسْتِطْرَاقَ فَفِيهَا عِدَّةُ أَقْوَالٍ فِي مَذْهَبِ أَحْمَدَ يَجُوزُ مَعَ الْحَاجَةِ – وَلَا رَيْبَ أَنَّ ذَلِكَ جَائِزٌ مَعَ الْحَاجَةِ مُطْلَقًا… فَهُنَا لَوْ كَانَتْ الرُّؤْيَةُ وَاجِبَةً لَسَقَطَتْ لِلْحَاجَةِ. —  اِعْلَمْ أَنَّ وَاجِبَاتِ الصَّلَاةِ وَالْجَمَاعَةِ تَسْقُطُ بِالْعُذْرِ މާނައީ: މިސާލަކަށް މައުމޫމަކު އިމާމާއާ ވަކިން މިސްކިތުން ބޭރުގައި ނުވަތަ ދެމީހުންވެސް މިސްކިތުގައި ތިބެމެ ދެމީހުންގެ ދެމެދުގައި ހުރަހެއް ހުރިކަމުގައި ވާނަމަ ސަފުތައް ގުޅިގެން އަންނަ ޙާލަތުގައި ޢިލްމުވެރިންގެ އިއްތިފާޤުން އެފަދަ މީހާގެ ނަމާދު ޞައްޙަވާނެއެވެ. އަދި އިމާމާއާއި މައުމޫމާއާ ދެމީހުންގެ ދެމެދުގައި މަގެއް އޮވެފައި ނުވަތަ ނައު ޒޯން ފަހަރު ދުއްވަމުންދާ ކޯރެއް އޮވެފައި އެހާލަތުގައި އޭނާ އިމާމާއަށް އިޤްތިދާ ވާނަމަ ޢިލްމުވެރިންގެ މެދުގައި ދެބަސްފުޅެއް މަޝްހޫރު ވެގެން ވެއެވެ. އިމާމު އަޙްމަދުގެ އަރިހުން މި ދެގޮތަށް ފަތުވާ އައިސްފައި ވެއެވެ. އަޙްމަދުގެ ދެވަނަ ބަސްފުޅަކީ މާލިކުގެފާނާއި ޝާފިޢީގެފާނުންގެ ބަސްފުޅާ އެއްގޮތަށް ހުއްދަ ކަމަށެވެ. ކޮންމެއަކަސް އިމާމާއާއި މައުމޫމާ ދެމެދު މައުމޫމަށް އިމާމާ ނުފެންނަފަދަ ހުރަހެއްގެ ފަހަަތުގައި ނަމާދު ކުރާނަމަ އޭގައި އިމާމު އަޙްމަދުގެ އަރިހުން ތަފާތު ރައުޔުތައް އައިސްފައި ވެއެވެ. އެއް ބަސްފުޅަކީ ހުއްދަ ވާނެ ކަަމަށެވެ. (ދެން އިބްނި ތައިމިޔާ ވިދާޅުވެފައި ވަނީ އަހުރެން ދެކޭ ގޮތުގައި) ޝައްކެއްނެތި މިކަމަކީ ވަކި ޤައިދެއްނެތި ޙާޖަތަށްޓަކައި ހުއްދަވެގެންވާ ކަމެއް ކަމަށެވެ. އަދިވެސް ހަމަ އެސަފްޙާގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. މިސާލަކަށް މައުމޫމާއަށް އިމާމާ ފެނުން ވާޖިބެއް ކަމުގައި ދެކޭނަމަވެސް ބޭނުންޖެހޭ ޙާލަތުގައި އެކަން އުވިގެން ދާނެއެވެ. އަދިވެސް އިބްނި ތައިމިޔާ ހަމަ އެޞަފްޙާގައި ވިދާޅުވެފައި ވެއެވެ. ދަންނާށެވެ. ނަމާދުގެ ވާޖިބުތަކާއި ޖަމާޢަތުގައި ނަމާދު ކުރުމީ ޢުޛުރުވެރިވާ ޙާލު އުވިގެން ދާ ކަންކަމެވެ. މިއެވެ.

މިދެންނެވުނީ މިމީހުން އެންމެ މަރުދޭ އިމާމުގެ ފަތުވާ ހުރި ގޮތެވެ. ދެން ޙަންބަލީ މަޛްހަބުގެ އިސް އިމާމުގެ ފަތުވާއަށް ބަލާލަމާތޯއެވެ؟

ޙަންބަލީ މަޛްހަބުގެ އެންމެ ބޮޑު ފޮތްކަމުވައިވާ އަލް މުޣްނީގެ 2 ވަނަ ބައިގެ 2/152 ގައި އިމާމު އިބްނި ޤުދާމާ ވިދާޅުވެފައި ވެފައި ވެއެވެ. قَالَ أَحْمَدُ فِي رَجُلٍ يُصَلِّي خَارِجَ الْمَسْجِدِ يَوْمَ الْجُمُعَةِ وَأَبْوَابُ الْمَسْجِدِ مُغْلَقَةٌ أَرْجُو أَنْ لَا يَكُونَ بِهِ بَأْسٌ. ވެއެވެ. އަޙްމަދު ވިދާޅުވެފައި ވެެއެވެ. މީހަކު މިސްކިތުން ބޭރުގައި ހުރެ އިމާމާއަށް އިޤްތިދާވީއެެވެ. އޭރު މިސްކިތުގެ ދޮރުތައްވެސް ހުރީ ލައްޕާލެވިފައެވެ. އެހާލަތުގައި ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތަކީ އެގޮތަށް އިމާމާއާ އިޤްތިދާވުމުގައި މައްސަލައެއް ނެތް ކަމަށެވެ. ދެން ހަަމަ އެ ޞަފުޙާގައި ވިދާޅުވެފައި ވެއެވެ. وَإِذَا كَانَ بَيْنَهُمَا طَرِيقٌ أَوْ نَهْرٌ تَجْرِي فِيهِ السُّفُنُ، أَوْ كَانَا فِي سَفِينَتَيْنِ مُفْتَرِقَتَيْنِ، فَفِيهِ وَجْهَانِ الصَّحِيحُ عِنْدَنَا وَمَذْهَبُ مَالِكٍ وَالشَّافِعِيِّ تَصِحُّ صَلاَتُهُ، لِأَنَّهُ لَا نَصَّ فِي مَنْعِ ذَلِكَ، وَلَا إجْمَاعَ މާނައީ: މިސާލަކަށް އިމާމާއާއި މައުމޫމާއާ ދެމެދު މަގެއް އޮވެފައި ނުވަތަ ނައުޒޯން ފަހަރު ދުވެހަދާ ކޯރެއް އޮވެފައި ނުވަތަ އެދެމީހުން ވަކި ވަކި ދެނަވުގައި ތިބި ކަމުގައި ވިއަސް ތިމަންމެންގެ ޞައްޙަ ބަހަކީ ނަމާދު ޞައްޙަވާނެ ކަމަށެވެ. މާލިކީ މަޛްހަބާއި ޝާފިޢީ މަޛްބަކީވެސް މިއީއެވެ. މިހެނީ އެކަން މަނާކުރާކަށް ޙަދީޘެއް ނެތެވެ. އަދި އިޖްމާއެއް އެއާ އިދިކޮޅަކަށް އައިސްފައި ނެތެވެ. އަދި އެފޮތުގެ 153 ވަނަ ޞަފްޙާގައި އިބްނި ޤުދާމާ ވިދާޅުވެފައި ވެއެވެ. وَلَوْ كَانَتْ صَلَاةَ جِنَازَةٍ أَوْ جُمُعَةٍ أَوْ عِيدٍ، لَمْ يُؤَثِّرْ ذَلِكَ فِيهَا؛ لِأَنَّهَا تَصِحُّ فِي الطَّرِيقِ، وَقَدْ صَلَّى أَنَسٌ فِي مَوْتِ حُمَيْدٍ بْنِ عَبْدِ الرَّحْمَنِ بِصَلَاةِ الْإِمَامِ، وَبَيْنَهُمَا طَرِيقٌ މާނައީ: އަދި މިސާލަކަށް ނަމާދަކީ ކަށުނަމާދެއް ނުވަަތަ ހުކުރު ނަމާދެއް ނޫންނަމަ ޢީދު ނަމާދަކަށް ވިކަމުގައި މިބުނެވުނު ހުއްދައަކަށް އަސަރެއް ނުކުރާނެއެވެ. މިހެނީ މަގުމަތީ ހުރެގެން މީހަކު މިސްކިތުގައި ހުރި އިމާމާއަށް އިޤްތިދާވުން ހުއްދަވާތީއެވެ. މިކަމުގެ މިސާލަކީ މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ޢަމަލުފުޅެވެ. އެކަލޭގެފާނު އިމާމު ޙުމައިދު އަވަހާރަވެގެން އެކަލޭގެފާނުންގެ މައްޗަށް ނަމާދު ކުރެވުނު ހިނދު އިމާމާ ހުރިތަނާ އަނަސްގެފާނާ ދެމެދު ހުރަސްވާ މަގެއް އޮތް އިރުގައިވެސް ގިނިކަންޏާ ހުންނަވައިގެން އިމާމާއަށް އިޤްތިދާވެ ވަޑައިގަތެވެ.

މިވާހަކަތަކުން ދޭހަވާ:

1- އެއްކަމަކީ ލޮބުވެތި ރަސޫލާގެ ޞަޙާބީއެއް ކަމުގައިވާ މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު އެކަލޭގެފާނާ އިމާމާއާ ދެމެދު ހުރަހަށް މަގެއް އޮތްހިނދު މަގުގެ ފަހަތުގައި ހުންނަވައިގެން ގިނިކަންޏާ އިމާމާއަށް ތަބާވެ ވަޑައިގެން ނަމާދު ކުރެއްވިކަމެވެ.

2- އަނެއް ކަމަކީ ސަފު ހެދުމުގެ މައްސަލާއި އެންމެ ހަރުކަށިކޮށް ގެންގުޅުއްވަނީ ޙަންބަލީ މަޛްހަބުގެ ފަހުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނި ތައިމިޔާ ކަމަށް ވެފައި، އެކަލޭގެފާނުވެސް ޙާޖަތަށް ޓަކައި ދުރުގައި ތިބުން ހުއްދަ ކުރަށްވާ ކަމެވެ.

3- އިމާމު އަޙްމަދުގެ މަޛްހަބަކީ ސަފުގައި ކައިރި ކަރީގައި ތިބުމަކީ ސުއްނަތެއް ކަމާއި ޢުޛުރަކާއި ލައިގެން މަކްރޫހަ ކަމެއްނެތި ނަމާދު ފުރިހަމަވާ ކަމަށެވެ.

4- އަނެއް ތިން މަޛްހަބުގައި ކައިރީގައި ތިބުމަކީ ސުއްނަތެއް ކަމާއި ޢުޛުރަކާ ލައިގެން ދުރުގައި ތިބުން މަކްރޫހަވެސް ނުވާ ކަމެވެ.

މިހާ ސާފުކޮށް ދީނުގައި މިކަން އޮތް އިރު ރާއްޖޭގެ ޢިލްމުވެރިންނޭ ކިޔާ ބައެއް މީހުން މިކަން ބޮޑުކޮށްލައިގެން ދީނާ ޚިލާފަށް ތިމާމެންެގެ ވެރިޔާއަށް ގޮންޖަހަމުން ދާއިރު ކަމާބެހޭ ފަރާތުން މިމީސްމީހުން ބޭނުންހައި ގޮތަކަށް އުޅުމުގެ ފުރުޞަތު ސަރުކާރުގެ ކަމާބެހޭ ފަރާތުން ދީގެން އުޅެނީ ކީއްވެބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ޙަޤީޤަތުގައި މާސްކު ނާޅައި މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމުގެ ބަދަލުގައި ފުރަތަމަ އަދަބުދީ ޖޫމަނާ ކުރަންވީ މިކަހަލަ ބަސްނާހާ ގޮތް ދޫނުކުރާ ޖާހިލުންނެވެ. ނުވަތަ އަޅުގަނޑުގެ އަޚު ހާނީ ވިދާޅުވާފަދައިން ޕެކޭޖް ޝައިޚުންނެވެ.

އިމާމުވެރި ބޭކަލުންގެ ލާމަސީލު ދެ މިސާލެއް:

އަޅުގަނޑުމެން ތިމާމެންނަށް ސަލަފީންނޭ ކިޔާއިރު ސަލަފުއް ޞާލިހުންގެ ޢަމަލު އޮތްގޮތާއި އެބޭކަލުންގެ މަންހަޖަކީ ކޮބައިކަން އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ. ލާމަސީލު މިސާލެއް އަޑު އައްސަވާށެވެ. އިމާމު އަޙްމަދަކީ އިމާމު ޝާފިޢީގެ އެންމެ އިސް ދަރިވަރެކެވެ. އެހެނަސް ދެބޭކަލުންގެ މެދުގައި ފިޤުހީ ޚިލާފުތަކެއް އޮވެއެވެ. ބިސްމީގެ މައްސަލާގައި ޝާފިޢީގެފާނުން ބުރަވެ ވަޑައިގަންނަވަނީ ނަމާދުގައި ބިސްމި ބާރަށް ކިއުމަށެވެ. އަޙްމަދުގެފާނު ބުރަވެ ވަޑައިގަންނަވަނީ މަޑުން ކިއުމަށެވެ. އެކަމަކު ޝާފިޢީގެފާނު ޢިރާޤުގެ ބަޣުދާދުގައި އުޅުއްވިހައި ޒަމާނެއްގައި އަޙްމަދު ނަމާދު ކުރެއްވީ ޝާފިޢީގެ ފަހަތްޕުޅުގައެވެ. ޝާފިޢީގެފާނު ބިސްމި ބާރަށް ވިދާޅުވަތެވެ. ފަތިސް ނަމާދުގައި ޤުނޫތުވެސް ކިއުއްވަތެވެ. އެކަން ބޮޑުވެގެން އަޙްމަދު ނޫޅުއްވަތެވެ. އިމާމު ޝާފިޢީ އެއްފަހަރަކު އިމާމު އަބޫ ޙަނީފާގެ ދަރިވަރު އިމާމު މުޙައްމަދުގެ އަރިހަށް ޢިލްމީ ބަހުސުތަކެއް ކުރަށްވަން ވަޑައިގަތެވެ. އެއުޅުއްވި އުޅުއްވުމުގެ ތެރޭގައި ކޫފާގެ ހުކުރު މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވީ އިމާމު ޝާފިޢީއެވެ. ފަތިސްނަމާދުގައި ޤުނޫތު ވިދާޅުނުވުމުން އެކަމާ ދަރިވަރުން ސުވާލު ކުރެއްވިއެވެ. (އޭރު އިމާމު އަބޫ ޙަނީފާ ވަނީ އަވަހާރަ ވެފައެވެ. ބުނެވޭ ގޮތުން އެކަލޭގެފާނު އަވަހާރަވީ އިމާމު ޝާފިޢީ ރައްކައުވި އަހަރުގައެވެ.) ޖަވާބުގައި ޝާފިޢީގެފާނު ވިދާޅުވީ ކީކޭތޯއެވެ؟ ތިމަންގެ އުސްތާޛުގެ ރަށުގައި ތިމަން ނަމާދު ކުރަށްވާއިރު އެކަލޭގެފާނުންގެ ރައުޔަށް އިޙުތިރާމު ކުރެއްވުމުގެ ގޮތުން އެރައުޔަށް ޢަމަލު ކުރެއްވީއެވެ. މިހިރީ ޢިލްމުވެރިން މިފަދަ ކަންކަމުގައި ގެންގުޅުއްވި އުޞޫލެެވެ. އަދި ދީނީ ޢިލްމުވެރިންގެ މެދުގައި އޮންނަ ސަމާޙަތާއި އެއްބޭކަލަކު އަނެއް ބޭކަލެއްގެ ރައުޔަށް އިޙްތިރާމް ކުރަށްވާ މިންވަރުގެ ބޮޑުކަމެވެ.

އަޅުގަނޑުގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ޙާދިޡާއެކެވެ.

މިތާގައި ދިރިހުރި އެހެން މިސާލެއް ދަންނަވާލާނަމެވެ. މީލާދީން ހަތްދިހައިގެ މެދުތެރެއެވެ. އަޅުގަނޑު ކިޔަވަން އުޅުނު އިންޑިޔާގެ ބަރޯޗު ސިޓީގެ ދާރުލް ޢުލޫމު މާޓިލީވާލާގެ މިސާލެކެވެ. ތިން އަހަރުވަންދެން އަޅުގަނޑު އެތާގެ މިސްކިތުގައި އިމާމުވެ ނަމާދު ކުރީމެވެ. ޖާމިޢާގެ މުދީރު އަޅުގަނޑަށް ވަޒީފާ ދެއްވަމުން ވިދާޅުވީ ޙުސައިނުއާ އިމާމުކަން ޙަވާލު ކުރަނީއަކީ ޙުސައިން ޙަނަފީއަކަށް ހަދާކަށެއް ނޫނެވެ. އޭރުން އެވަނީ އުޞޫލެއްނެތް ލާހޫރޭ، ޣައިރު މުޤައްލިދަކަށެވެ. ދިވެހި ރާއްޖޭގައި އޮތީ ޝާފިޢީ މަޛްހަބު ކަމުގައި ވާތީ ޙުސައިނު ޢަމަލު ކުރާނީ ޤައުމަށް ޙުސައިންގެ ފާއިދާ ކުރާނެ ގޮތަކަށެވެ. ވުމާއެކު ޝާފިޢީ މަޛްހަބާ އެއްގޮތަށް ނަމާދު ކުރާށެވެ. އެޖާމިޢާގައި އަޅުގަނޑު ހަދާންވާ ގޮތުން ދެހާހަކަށް ކުދިން ކިޔަވަމުން ދިޔައެވެ. ކިޔަވަންތިބި މަދު ދިވެހިންކޮޅެއް ފިޔަވައި ދެން ތިބިހައި ބަޔަކީ ޙަނަފީންނެވެ. އަދި އެންމެހައި އުސްތާޛުންނަކީ ޙަނަފީންނެވެ. ނަމާދު ކުރާއިރު އަޅުގަނޑު ބާރަށް ބިސްމި ކިޔަމެވެ. ދެއަތް އުފުލަމެވެ. ފަތިސްނަމާދުގައި ޤުނޫތު ކިޔަމެވެ. ނަމަވެސް އެއްވެސް މީހަކު އެކަމާ ސުވާލެއް ނުކުރެއެވެ. އެންމެން އަޅުގަނޑުގެ ފަހަތު ނަމާދު ކުރަމުން ދިޔައީ ރުހިގެންނެވެ. އަޅުގަނޑުގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ޙާދިޡާއެއް އެއްރޭ ހިނގިއެވެ. އެރޭ ފަތިސް ނަމާދުގައި އަޅުގަނޑު ޤުނޫތަށް އަތްއުފުލިތަނާ ޤުނޫތު ހަނދާން ނެތުނީއެވެ. އަޅުގަނޑު ކުޑަކޮށް މަޑުކޮށްލުމުން އަޅުގަނޑުގެ އުސްތާޛަކު އަޅުގަނޑަށް ޤުނޫތު ލައިދެއްވިއެވެ. އެހެންނާ އޭނާއަކީ ޤުނޫތު ވިދާޅުވާ ބޭފުޅެއް ނޫނެވެ. އަދި ވިތުރީގައިވެސް ޙަނަފީން ކިޔައިއުޅެނީ ޢުމަރުގެފާނުންގެ ޤުނޫތު ކަމުގައިވީހިނދު އޭނާ ވިދާޅުނުވާ ހިނދުގައިވެސް އޭނާގެ ހަނދުމަފުޅުގައި އެޤުނޫތު އޮތީތާއެވެ. މިކަހަލަ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު މިޙާދިޡާ އަޅުގަނޑުގެ ހަނދާނުގައި އާވެގެން ދެއެވެ. އަޅުގަނޑުގެ އުސްތާޛު ފަތިސް ނަމާދުގައި ޤުނޫތު ވިދާޅުނުވާ ޙާލުގައިމެ އަދި اَللَّهُمَّ اهْنَا فِيمَنْ هَدَيْتَ މިދުޢާއަކީ އޭނާއަށް ވިދާޅުވުމަށް އާދަވެފައި ނެތް ދުޢާއަކަށް ވީއިރުގައިވެސް އަޅުގަނޑަށް ހަނދުމަކޮށް ދެއްވީތީއެވެ. ޙަޤީޤީ ޢިލްމުވެރިންނަކީ މިއީއެވެ. ވަރަޢަވެރިކަމާއި ތަޤްވާވެރިކަން އެފަދަ ޢިލްމުވެރިންނަށް ދައްކުވައިދެނީ މިބުނެވުނު ސީދާ މަގުން ހިނގުމަށެވެ.

ދީނީ އިދާރާތައް އިސްލާޙުނުވެ ޕެކޭޖު ޝައިޚުންގެ ހަރުކަށިކަން ފިލައިގެން ނުދާނެއެވެ.

އަޅުގަނޑުމެންގެ ކުދިން ދީނީ ޢިލްމު އުނގެނޭ އިދާރާތަކަކީ ޢިލްމާއެކު ރަނގަޅު ތަރުބިއްޔަތެއް ދޭ ތަންތަނަށް ވާން އެބަޖެހެއެވެ. އެއާއެކު ރާއްޖޭން ދީނީ ތަޢުލީމު ހޯދަންދާ ކުދިން ދާން ޖެހޭނީ ކުރީއްސުރެން އެއް އުޞޫލެއްގެ މަތީ ބިންގާ އެޅިގެންނެވެ. ދުނިޔޭގެ ތަފާތު ތަންތަނުން ދީން ކިޔަވުމަށް ޢިލްމީ އިދާރާތަކަށްދާ ދަރިވަރުން ދާއިރު އެކުދިންގެ ޤައުމުގައި އޮންނަ އާދަކާދައާ އުޞޫލާ ޚިލާފަށް އެތަންތަނުން އެކުދިންގެ ބިންގާ އެޅުމުގެ ނަތީޖާއަކަށް އަންނަނީ، އެފަދަ ތަންތަނުން ޢިލްމުގެ ނަމުގައި ފިތުނަފަސާދައިގެ މާސިިންގާ ކަނޑަކަށް އެކުދިންނާއި އެކުދިންގެ ޤައުމު ވައްޓާލުމެވެ. މިކުދިންނަށް ކިޔެވިފައި ވަނީ ޕެކޭޖް ކިޔެވުމެވެ. މިކުދިންނަކަށް ޕެކޭޖުން ކިޔެވި އެއްޗެއްގެ އިތުރުން އެހެން އެއްޗެއް ނޭގެއެވެ. އެކުދިންގެ ވިސްނުމުގައި އޮންނަނީ އެކުދިން ބަލައިގަތް ޕެކޭޖުގައި އޮތް އެއްޗެއް ނޫން އެހެން ހުރިހާ އެއްޗެއް ގޯސް ކަމަށެވެ. ދެން އެކުދިންނަކަށް އިތުރު ފޮތެއް ބެލުމުގެ ފުރުޞަތެއް ލިބެނީއެއް ނޫނެވެ. އަބަދުމެ ހިފާފައި ތިބެނީ އެކުދިންނަށް ކިޔަވައިދިން މީހުން މަރުދީގެން ހިފައިގެންތިބި ހަރުކަށި ޝައިޚުންނާއި އިމާމުންގެ ފަސްބައިގައެވެ. ދީނުގައި އޮންނަ ޢިލްމީ ތަނަވަސްކަން އެކުދިންނަށް އިޙްސާސްވެސް ނުވާކަހަލައެވެ. އެހެންކަމުން މިފަދަ ޢިލްމީ އިދާރާތައް އިޞްލާޙު ނުވާހައި ހިނދަކު އަޅުގަނޑުމެންގެ ތެރެއިން ހަރުކަށިކަން ފިލައިގެން ނުދާނެއެވެ. ސަލަފުއް ޞާލިހުންގެ ވާހަކަ ދައްކާއިރު އެބޭކަލުން ގެންގުޅުއްވި މަންހަޖު އަޅުގަނޑުމެން އަތުން ވަނީ ބީވެ ގޮސްފައެެވެ. އެމަންހަޖު އަލުން އިޢާދަވާން އެބަޖެހެއެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދެއްވަައި ހެއުވިސްނުން އިޚްތިޔާރު ކުރުމަށް މަގު ދައްކަވާށިއެވެ. ފަސާދައިގެ މަގުން އެއްކިބާވެ، އިޞްލާޙުގެ މަގު އިޚްތިޔާރުކޮށް އެގޮތްމަތީ އުޅުމުގެ ވިސްނުން ދެއްވާށިއެވެ. ދެކޮޅުވެރިކަމާއި ޙަސަދަވެރިކަމުގެ ނުބައިވެގެންވީ ބަލި އަޅުގަނޑުމެންގެ ހިތްތަކުން ނެތިކުރަށްވާށިއެވެ. ޢިލްމީ މައިދާނުގައި އަމިއްލައަށް ދިރާސާކޮށް، ހޯދައި ބަލައި ހެދުމާއި ތިމާގެ އަމިއްލަ އިޚްތިޔާރުގައި ޢިލްމުގެ ޙައްޤުމަގު ދެނެގަތުމަށާއި އަޅުގަނޑުމެންގެ ހިތާއި ސިކުނޑީގައި އެކަމުގެ ޝައުޤުވެރިކަން ލައްވާށިއެވެ. އާމީން! وَمَا عَلَيَّ إِلاَّ الْبَلاَغُ، وَبِاللَّهِ التَّوْفِيقُ