ޕާކިސްތާންގައި ޒުވާން އަންހެނަކު މަރާލައިފި

ޕާކިސްތާން ދަރިކޮޅުގެ އިނގިރޭސި ރައްޔިތަކު، އިއްޔެ ފަތިހު މަރާލައިފިއެވެ. ކަރާޗީގެ ޑިފެންސް ކޮލޮނީގައި ހިނގާފައިވާ މިހާދިސާގައި މަރާލާފައިވާ މާއިޒާ ޒުލްފިޤާރަކީ، މީގެ އަހަރެއްހާ ދުވަސްކުރިން ޕާކިސްތާނަށް ކައިވެންޏަކަށް އައި 26 އަހަރުގެ ޒުވާން އަންހެނެކެވެ. އެއަށްފަހު އޭނާ ކަރާޗީގައި ކުއްޔަށް ތަނެއް ހިފައިގެން މަޑުކޮށްގެން ހުރީއެވެ.

އޭނާގެ ބޮޑު ބޭބެ، އުރުދޫ އިންޑިޕެންޑެންޓަށް ދިން އިންޓަރވިއުގައި ބުނެފައި ވަނީ އޭނާއާ އިންނަށް ހުށަހެޅި މީހަކަށް ނޫނެކޭ ބުނުމުން އެމީހާ އޭނާއަށް އިންޒާރު ދެމުންދާ ކަމަށް މާއިޒާ ބުނެފައިވާ ކަމަށެވެ. އަދި މި ފިރިހެން މީހާގެ އެހެން ރަހުމަތްތެރިއަކުވެސް އޭނާއާ އިންނަން ހުށަހެޅި ކަމަށެވެ. ދެމީހުނަށްވެސް ވަނީ ނޫނެކޭ ބުނެފައެވެ.

އާއިލާއިން މަޢްލޫމާތު ދީފައިވާ ގޮތުގައި އޭނާ މަރާލާފައި ވަނީ ފަތިހު އޭނާ ދިރިއުޅޭ ގެއަށް ވަދެ، ބަޑިން ހަމަލާ ދީގެންނެވެ.

ފުލުހުން ބުނިގޮތުގައި ކޮނޑަށް ބަޑީގެ ހަމަލައެއް އަމާޒުވެފައިވާ ތަން ފެންނަން އެބަހުއްޓެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ ބަޑީގެ ހަމަލައިންތޯ ނުވަތަ ނޭވާ ހާސްކޮށްގެން މަރާލާފައިވޭތޯ ކަށަވަރު ކުރެވޭނީ ޕޯސްޓްމޯޓަމް ހެދުމުންނެވެ.

ކަރާޗީ ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހަކު ހޯދައިގެންފައެވެ.

މާއިޒާއަކީ ގާނޫނުގެ ދާއިރާއިން ތަޢްލީމު ހާސިލުކޮށްފައިވާ ޒުވާނެކެވެ. އޭނާގެ ތަޢްލީމު ފުރިހަމަކޮށްފައި ވަނީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަން އިންނެވެ.