ބޮލަށް ތުރާ ނުކުރާށެވެ!

ފުނަމާ އާދަމް މަނިކު.

   އިއްޔެ އަހަރެމެން ކޯޅި،ކޯޅިއަށް އެއްވެ ތިބެގެން ގޮވައިނެގި ގޮވެލިފަތި ކޮބައިހެއްޔެވެ؟ ” އެވެނި ރައްޔިތެއްގެ މުދާ ސަރުކާރުން ފޭރިގެން ވާހަކައެވެ!” މިވެނިބައެއްގެ ޙައްޤަށް ސަރުކާރުން އަރައިގެން ވާހަކައެވެ!” ރަށްރަށުގެ ކައުންސިލްތައް ސަސްޕެންޑް ކުރާ ވާހަކައެވެ!” ރައްޔިތުން އިންތިޚާބުކުރި މެމްބަރުންގެ ގޮނޑި ހަމައެއް އިންސާފެއްނެތި ކޯޓުތަކުން ގެއްލުވާލަން ނެރޭ ހުކުމް ތަކުގެ ވާހަކައެވެ!” މަޖިލީހުގެ މެމްބަރުންތަކެއް ފާރުމަތީން ނަގައި އުކާލި ވާހަކައެވެ!” މިނޫނަސް ކިތަންމެ ބޭއިންސާފުން ހިންގާ ކަންކަމުގެ ވާހަކައެވެ. މިސާލެއްގެ ގޮތުން އެމްޑީޕީގެ ކުރީގެ ވެރިކަމުގައި މާލޭގެ ގާކޮށްޓާއި އަރަބިއްޔާ ހުރި ތަނުގައި އެޅި ފުލެޓުތަކަށް ހަދާލިގޮތް ކިޔަމާ ހެއްޔެވެ؟ އެފުލެޓުތައް ޙައްގުވާ މީހުންނަށް ފުލެޓްތައް ހެޔޮއަގެއްގައި ދިނުމަށް ނިންމައި، އަދި އެ ފުލެޓްތައް ހައްގުވާ ނިކަމެތި ރައްޔިތުންގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތައް ވެސް އިއުލާނު ކުރެވިފައި ވަނިކޮށް ސަރުކާރު ވައްޓާލައި ފާޑެއްގެ އަތްފައިދިގު މުއިއްޒަކު އައިސް އެނިކަމެތީންގެ ހައްގުތައް ފޭރިގަނެ ފުލެޓުތަކުގެ ޑައުން ޕޭމަންޓު މިލިޔަނަށް މަތިކޮށް، އެމީހުންގެ ސަރުކާރުގެ ތާއީދު އޮތް ބަޔަކަށް ބަހާލިގޮތުގެ ވާހަކައަކީ ބަލަ މަވެސް ޕޯޑިއަމްތަކަށް އަރައި ގޮވިވާހަކައެކެވެ. އެތަކެއްހާސް ދަރިވަރުންނާއި މުދައްރިސުން ނާއިއެކު މާލޭގައި ހިންގަމުން ގެންދިޔަ ކޮލެޖެއް މަގުމައްޗަށް އުކާލިވާހަކަ އަކީވެސް ފިސާރި އަޑުހަރުކޮށް ދެއްކި ވާހަކައެކެވެ.

    “ދިވެހީން އެއްބަޔަކަށް ވެރިކަން ކުރަން ހަވާލުކުރާކަށް ބޭނުމެއް ނޫނޭ ، ދިވެހީން ރުހެނީ ގިނަ ލީޑަރުން ގުޅިގެން ވެރިކަން ކުރާށޭ” ބުނެ ކިޔާއަޑު އިވޭގޮތުން %40 އެމްޑީޕީއަށް އޮންނަ ގޮތައް ކޯލިޝަންއެއް ހަދައިގެން މިވެރިކަން ގެންނާން ޕޯޑިއަމްގައި ހައްސަ ކުލަލައި ކަރާޗީ ލޮރީއެއްހެން ހަދައިގެން އުޅުނު އުޅުމުގައި މަފަކީރު ވެސް ހިރަފުހާ މެކިގެން ބުޅާ ހަތްހާއްޔަށް ލާހެން އެޖަގަހައާއި މިޖަގަހައާއި ދެމެދުވެސް ދުވެއުޅުނު ހަނދާން އަދި އެބަހުއްޓެވެ. ދެން މިއަދު، އަހަރެމެން ކަނޑައެޅިމީހަކާ ވެރިކަން ކުރަން ހަވާލުކޮށްފައި މިތިބަގެން ކޯލިޝަނޭ އަތްފައިގެ މުޅަމަހޭ ގޮވިޔަކަސްވާ ހަމައެއް ނުޖެހޭނެތާއެވެ.

    ތެދެކެވެ. އިންސާފަށް އަޑުއުފުލައި މީސްތަކުންގެ ހައްގުތައް ހޯދައިދޭނެކަމުގައި ވައުދުވެގެން އައިބަޔަކު މިއަދު ވެސް ގޯހުންގޯހަށް ކަންކަން ދަންޏާ އެވާހަކަވެސް ދަށްކަން ވާނެއެވެ. އެވެނި ވަޒީރަކު ވައްކަން ކުރަނީއޭ ގޮވާކަރުން ހަންދުއްވަ ދުއްވާ ތިބޭކަށް ނުޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރަ މެޖޯރިޓީ ތިއޮތީ އެމްޑީޕީއަށް ދީފައެވެ. ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރެވޭ މިންވަރަށް ވެސް ގޮނޑިތައް ތިއޮތީ ދީފައެވެ. އެމްޑީޕީއާއިގެން ވަޖިދުވެ އަތްފައި ކޮށި ގިނަމީހުން އެތިބީ މިއަދު ވެސް ހަމަރޯހާލާ މަގުމަތީގަ އެވެ. ވެމްކޯގެ ކުނިއުކާ ވަޒީފާ ގަނޑުވެސް ނުލިބިގެން ރޯލަރޯލައެވެ. މިވާހަކަތައް އަޑުއަހާނެ ކަންފަތެއް ނެތެވެ. މިއަޑު އުފުލާ ކޮންމެ މީހަކީ އިދިކޮޅު މީހެއް ކަމުގައި ސިއްކަޖެހޭނެ މީހެއްކަން ވެސް އެނގެއެވެ. އެކަމަކު ހަމަ އަހަރެންނަށް އެމްޑީޕީ ދަސްކޮށްދިނީ ހައްގުބަސް ބުނާށެވެ. އެކަމުގައި ބިރުފަހަނަޅައި ދާށެވެ. އިސްލާމް ދީންވެސް ބާރުއަޅަނީ މިކަމަށެވެ. ހައްގުބަސް ބުނުމަށެވެ. އެހެންކަމުން މިއަޑެއް ނުކެނޑޭނެއެވެ. އަބަދުވެސް ބުނާނަމެވެ. ލިބޭކޮންމެ ގެއްލުމަކީ ހަމަ މަށަސް ވެސް ލިބޭނެ ގެއްލުމެއް ކަމުގައި ވާތީއެވެ.

    ސަރުކާރުން ސިޔާސީ މަގާމެއް ދިނުމުން މާފާޓުފުޅާވެ އަބުއިކަން ދައްކައިގެން ދެންމަށަކީވެސް މާވަރުގަދަ މީހެއް ކަމުގައި ދެކިގެން ނުކުމެ އިސްލާމްދީނުގެ ހަމައެއް އުސޫލެއް ބެލުމެއްނެތި، ތިމާއާއި މިމައްސޫލިއްޔަތު ހަވާލުކުޅަ ސަރުކާރުގެ ގަދަރަކާ ކަރާމަތަށް، ތިމާއެމުއައްސަސާ އެއްގައި ހިމެނޭ މުއައްސަސާގެ ވަޒީރަކަށް ވެރިޔަކަށް ބަލާލުމެއްނެތި ދެންހަމަ ހިތުހުރިހައި އެއްޗެއް ސޯސަލްމީޑިއާގައި ވެސް ގޮވަމުން ނުކުމެ ދުވާއިރު ބަލަ ތިމާ އަށް ކާންދިން އަތުގައި މިއެޅެނީ ދަތްކަން ހަމަ ނޭނގެނީ ހެއްޔެވެ؟ މިސަރުކާރު ވެއްޓުނީމައި ވެސް ތިމާމެން ހަމަ މިތިބަ މަގާމުގައި ތިބެވޭނެ ކަމުގެ ހުވަފެން ދެކޭނަމަ ތީއަދި ގޯހެކެވެ. ކަންކުރާންއޮތް ރީތި ހަމައާއި އުސޫލުގައި ހިފަހައްޓައިގެން ގޯހެއް ހިނގާނަމަ ތިމާއާއި ޒިންމާ ހަވާލުކުރި ރައީސުލް ޖުމްހޫރިއްޔާއަށް ރިވެތިގޮތުގައި މުއާމަލާތްކޮށް ކަންކަން ރަނގަޅުކުރާން ނޫޅެ، ކަމުގައި އޮތް އެންމެ މަސްލަހަތުކުޑަ އަދި ދެންތިބި އެންމެން ފަޟީހަތް ކުރެވޭނެ ރޮނގެއް ޚިޔާރުކުރުން ހަމަބުއްދިވެރި ބާވައޭ ހިތައް އަރައެވެ.

   ދެންއޮތީ ހައްގުތައް ހޯދައިދީ އިންސާފު ގާއިމު ކުރުމުގެ ނަމުގައި ގެނައި ސަރުކާރެވެ. ސަރުކާރުން އެކަން ކުރާން އުޅުމުން އެކަމަށް ކުރެވޭންއޮތް ދައްޗެއް ކުރުމަކީ އަދިހަމަ އެންމެ އިންސާފުވެރި ހަމަކަމުގައި ދެކިގެން ނުވާނެތާއެވެ. އެކަމަކު ހަމަ އެންމެ ބަޔަކަށް ދިންނަގުދު ފައިސާ ތަކެއްގެ ވާހަކަ މާއަޑުގަދަކޮށް ގޮވާނަގަމުން މުޅިގައުމަށް ނުކަތާ ވަރުގެ ބޮޑުކަމަކަށް މިއަދު ވެގެންއުޅޭ އަޑު އިވިއިވި މޭނުބައިވެސް ކުރާން ފަށައިފިއެވެ. ގަބޫލުކުރަމެވެ. އެކަންވެސް އިންސާފުން ބޭރުން ގޮސްފައި އޮތިއްޔާ އެވާހަކަ ދަށްކާންވީއެވެ. އެކަމަށްވެސް އިންސާފު ލިބޭންވާނެތާއެވެ. އެކަމަކު އެވާހަކަ އަޑުބާރުކޮށް ދައްކާއިރު ކުރީސަރުކާރުން ގެއްލުވާލި އެތައް ހާސް ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ މިއަދު ނުދައްކަނީ ކީއްވެބާވައެވެ؟ ރައްޔިތުންގެ މުދަލާ ފައިސާ ފެންފޮދަކާ ނުލައި ދިރުވާލި މީހުންގެ އަތުން އެފައިސާ ނަގައިދިނުމަށް ބާރުނާޅަނީ ކީއްވެ ހެއްޔެވެ؟ އަޅެފަހެ އޭރު އަހަރެމެން ގޮވިހައި ގޮވެލިފަތި ހަނދާން ނެތުނީ ހެއްޔެވެ؟ ކީހާޅެން ފަރިއްސައް ވީހެއްޔެވެ؟ އަޅެދެން އެމްޑީޕީގެ ގިނަމެންބަރުން މިއަދު ވެސް ހާލުގައި ތިބިއިރު އިތުރަށް ބޮލަށްތުރާ ކޮށް އެމީހުންގެ ނަފުރަތު އިތުރަށް ލިބިގަންނަން ނޫޅެބަލާށެވެ!