ދައުލަތުގެ ފައިސާއަށް އަމާނާތްތެރި ވާންޖެހޭނެ!

ފުނަމާ އާދަމް މަނިކު.

ސަރުކާރެއް އައިސް އަބަދުވެސް އެސަރުކާރަކާ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ތަނަވަސްކަން ލިބިގެންވާ ބަޔަކަށް ސިޔާސީގޮތުން ޖެއްސުންކޮށް އެބައެއްގެ މަސައްކަތައް ހުރަސް އެޅުމަކީ ދިވެހި ތާރީޚުގައިވެސް ހިނގަމުންދާ ކަންކަމެވެ. ރައީސް ނާސިރުގެ ވެރިކަން ނިމިގެން ދިއުމާއި އެކުގައި އެއިރު ރާއްޖޭގައި ތިއްބެވި ބޮޑެތި މަހުޖަނުން ކަމަށް ބެލެވޭ މަދު ބަޔަކުގެ ތަނަވަސްކަން ނަގާލަން ކުރެވުނު މަސައްކަތް ތަކަކީވެސް އެފަދަ ކަންކަމެވެ. އޭގެ ކުރީންވެސް ގުޅީ އީސަ ކަލޭފާނުމެން ފަދަ އޭރުގެ މަހުޖަނުން ސައިޒު ކުރުމަށް ކުރިމަސައްކަތް ތަކުގެ ވާހަކަތައް މިއަދުވެސް ބައެއް މީހުން ދައްކައި އުޅެއެވެ. މައުމޫނުގެ ވެރިކަމުގައި އޭރު އެންމެ މުއްސަދި އެކަކު ކަމަށް ބެލެވުނު ކުވާ މޮހޮދޭގެ ތަނަވަސްކަން ދުށްވާލުމަށް ހިންގި މަކަރުވެރި ކަންކަން ފިސާރި ރަނގަޅަށް ދުށް މީހުން މިއަދުވެސް މިތިބީއެވެ. މިފަދަ ކިތަންމެ ކަމެއް ސަރުކާރުތަކުން ކުރަމުން ގެންގޮސްފައި ވާކަމީ އެނގޭންއޮތް ހަގީގަތެކެވެ.

  ދައުލަތުގެ ބެލެނިވެރިކަމާ ހަވާލުވެ އޮންނާނީ އެއިރަކުއޮތް ސަރުކާރެއް ކަމާމެދަކު ޝައްކެއް ނެތެވެ. ދައުލަތަކުން ހިންގި ކޮންމެ ކަމެއް ފަހުން ވާރުތަވާނީ އެއަންނަ ސަރުކާރަކަށެވެ. ގޯހުންކުރި ކަމެއްވިޔަސް ރަނގަޅަށް ކުރިކަމެއް ވިޔަސް އެކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެއިރަކުއޮންނަ ސަރުކާރަކުންނެވެ. ރައްޔިތުންގާތު ވައުދުތަކެއް ވެގެން ވެރިކަމެއް ހޯދާން މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހީންނަށް ލިބިގެންދިޔައީ ގައުމެއްގެ ހަޔާތުން ގުނާނަމަ ދާދި ފަހުންނެވެ. މިއަދު މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ވެރިކަމަށް ވާދަކުރާ ބަޔަކު ފިސާރި ވައުދުތަކެއް ރައްޔިތުންނާ ހަމަޔަށް ގެންނާން ޖެހެއެވެ. ” ބެޔަސް ނުބެޔަސް ދިހަހާސް ” ނުފުއްދުނަސް ހަމަމިވެސް ބަޔަކު ވެރިކަމަށް އަންނާންވީ މަޝްހޫރު ވައުދެކެވެ. މިއަދު މިރާއްޖޭގައި މިއޮތީ އެމްޑީޕީ މައިޕާޓީއެއްގެ ގޮތުގައި އޮތް ނަމަވެސް ކޯލިޝަން ވެރިކަމެކެވެ. އެމްޑީޕީގެ 40 އިންސައްތަ، އެހެން ޕާޓީތަކުގެ 60 އިންސައްތަ އެވެ. ވެރިކަމުގައި އެހުންނެވީ ކޯލިޝަންގެ އެމްޑީޕީން ދެއްކި ކެންޑިޑޭޓްއެވެ. އެހެންކަމުން މިހެންބުނުމުގެ ޖާގައެބައޮތެވެ. ވެރިކަމަށް އައުމަށް ފުރަތަމަ ބޭނުންކުރީ އެމްޑީޕީގެ އަމިއްލަ މެނިފެސްޓޯއެކެވެ. ނަމަވެސް ފަހުން ކޯލިޝަންއޭ ބުނެ ކޮންމެވެސް ވަރެއްގެ ކުދި ބަދަލުތަކެއް ގެނެވުނެއްކަމަކު ހަމައޮތީ އެމްޑީޕީން ލިޔެ ރައްޔިތުންނަށް ދެއްކި މެނިފެސްޓޯއެވެ. އޭގައި އެންމެ ބޮޑަށް އަޅައިގަންނަ އެއްކަމަކީ އިންސާފު ގާއިމު ކުރުމުގެ ވާހަކައެވެ. އޭގެފަހުން ގާނޫނުހަދާ މަޖިލިހަށް ކުރިމަތިލުމަށް އެމްޑީޕީން އެކަނިއޮވެ އެކުލަވާލި މެނިފެސްޓޯ ” އެޖެންޑާ 19 ” ގެ އެންމެ ވަރުގަދަ އެއްބަހާ އަކީ ވެސް އިންސާފު ގާއިމު ކުރުމެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެމަގަށް ކަންކަން ފަހިކުރެވޭނެ ކިތަންމެ ގާނޫނެއް މިހާރު އެވަނީ ފާސްކުރެވި ޢަމަލު ކުރެވެން ވެސް ފެށިފައެވެ. ރައްޔިތުންގެ ތެރެއިން އެބައެއްގެ ހައްގު ސަރުކާރުން ނިގުޅައި ގަނެފައިވާ ފަރާތްތަކަށް އެޙައްގެއް ލިބިދިނުމަށް މިއަދަކު މާބޮޑު ހުރަސްތަކެއް ގިރާކުރާކަށް ނުޖެހޭނެ ކަމުގައި ބުނެވިދާނެއެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމެއް ކުރުމަށް ހަމަޖެހިފައިވާ އިޖުރާޢަތުތަކެއް ވާނަމަ އެކަން ފުރިހަމަ ކޮށްގެން ކަމުގައިވެސް ގަބޫލުކުރާން ޖެހެއެވެ. މިގޮތުން ދުނިޔޭގެ އެންމެން ވެސް ގަބޫލުކުރާ އެންމެ ފުރިހަމަ އުސޫލަކީ މިފަދަ ކަންކަމުގައި ޝަރުޢީ މަރުޙަލާގެ ބޭނުން ހިފުމެވެ. އިންސާފުވެރި ޝަރީއަތެއް ކުރެވިގެން ކޮންމެ ފަރާތަކަށް ނަމަވެސް ލިބިދޭންޖެހޭ ޙައްގެއް ލިބިދިނުމަކީ އެންމެންވެސް ގަބޫލުކުރާ ކަމެކެވެ. އެކަމަކު މިގޮތައް އެކަން ކުރާއިރު ޝަރުޢީ މަރުޙަލާ ދިގުދެމި އިންސާފު ނުލިބި އޮންނަ ކޮންމެ ދުވަހަކީ ގެއްލުންވީ ފަރާތަކަށް އިތުރު ގެއްލުން ލިބޭނެ ދުވަހެއް ކަމުން މިމަރުހަލާގައި ވީއެންމެ އަވަސް މުއްދަތެއް އޮތުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އަދި ހަމައެހެންމެ އިސްތިއުނާފީ މަރުހަލާވެސް ވީއެންމެ އަވަހަކަށް ނިންމާން ޖެހެއެވެ. ނޫންނަމަ އިންސާފުގެ ނަމުގައި ހިންގާ ޝަރީއަތެއް ދިގުދެމި ސަރުކާރުގެ މުއްދަތު ހަމަވާއިރުވެސް އޮންނާނެ ކަމާމެދަކު ޝައްކެއް ނެތެވެ. މިކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ އެކަމަކަށް ހެދޭ ގާނޫނުތަކެއްގެ ތެރެއިން ކަމުގައި ބުނެވިދާނެއެވެ.

  މިއަދުގެ ޝަރުޢީ ނިޒާމުގެ ތެރެއިން އެންމެ އަވަހަށް އިންސާފަށް ވާސިލުވުމަށް ލިބޭ ފުރުސަތަކީ ހުށައެޅޭ މައްސަލަ ތަކުގައި ހިމެނޭ ޚަސްމުންގެ މެދުގައި ކޯޓުން ބޭރުގައި ވެވޭ އެއްބަސްވުމެވެ. މިގޮތައް ނިންމާ މައްސަލަ ތަކުގައި ފަހުން ނުކުންނާނެ އިތުރު މައްސަލަތަކެއް ނުހުންނާނެކަމުން މީއެންމެ ފަސޭހަ އަދި އެންމެ އަވަސް ހައްލެއް ކަމުގައި ދެކޭންޖެހެއެވެ. މިނަޒަރުން ބަލާއިރު ދައުލަތުގެ މައްޗަށް އުފުލޭ ދައުވާ ތަކުގައި ދައުލަތަކީވެސް ހަމަ ޚަސްމެކެވެ. އެހެންކަމުން ކަނޑައެޅިގެން އިންސާފުގެ ބޭރުން ދައުލަތް ހިންގާންތިބި ބަޔަކު ކުރިކަމެއްގައި ގޮތްނިންމުމުގައި ދައުލަތައްވެސް މިދެންނެވި ގޮތައް މައްސަލައިގައި ހިމެނޭ އަނެއް ޚަސްމާއި އެކު އެއްބަސްވެ ކަންނިންމުމުގެ ހައްގު އޮންނާން ޖެހޭނެކަމުގައި ބުނެވިދާނެއެވެ. މިނޫން ގޮތަކަށް ބުނާނަމަ ދައުލަތުގެ ފައިސާއަކީ އެންމެހައި ރައްޔިތުންގެ ޙައްގު ހިމެނޭ އެއްޗެއް ކަމުން ދައުލަތުން ބަދަލެއް ދޭނަމަ އެކަން ކުރާންވާނީ އޮތް އެންމެ އިންސާފުވެރި ހަމަޔަކުން ކަމުގައި ބުނުމުގެ ޖާގަވެސް އޮންނާނެއެވެ. އެގޮތަކީ ޝަރުޢީ ހުރިހައި މަރުހަލާއެއް ކަނޑައްތު ކޮށްގެން ކަމުގައި ވާނަމަ އެމަރުހަލާ ނިންމުން އަވަސް ކުރާން ޖެހޭނެއެވެ. އެކަމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނެސްދެވޭން ޖެހޭނެއެވެ. ނޫންނަމަ މިކަމުގައި އިންސާފު ލިބުން އޮންނާނީ ދެމިގެންވާ ސިހުރެއްގެ ގޮތުގައެވެ.

    ރައްޔިތުންނަށް އިންސާފު ހޯދައިދޭނެ ކަމުގައި ބުނެއަންނަ ސަރުކާރަކަށް މައްސަލައެއް ކޯޓަށް ވަނުމުން ދިގުދަންމާލަ ދަންމާލަ ދައުރު ހަމަވާންދެން ބޭއްވުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެދާނެއެވެ. ޖަވާބުގައި ޝަރުޢީ މަރުޙަލާ އޮތްގޮތޭ އަހަރެމެން ކުރާނެ ކަމެއް ނެތޭ ބުނެނިންމާލިޔަކަސް ވީވައުދު ފުއްދައި ދެވުނީ ކަމުގައި ބުނެވޭކަށް ނޯންނާނެތާއެވެ. ހަމައެހެންމެ މިއަދު ސަރުކާރާއި މަޖިލިސް އެމްޑީޕީއަށް ނިސްބަތް ވާއިރު ކަންކަމުގައި އޮޅުފަހަށް ދިގުވެ ދެމިދިއުމަކީ ގަބޫލުކުރާން ބޭނުމެއް ކަމަކު ގަބޫލުކުރާން އިންތިހާޔަށް އުނދަގޫވާނެ ކަމެކެވެ. ހަމައެހެންމެ ކަމެއް ކުރުމުގައި ދައުލަތުގެ ފައިސާއެއް ޚަރަދުކުރާން ޖެހޭނީ އޮތް އެންމެ އިންސާފުވެރި ހަމަޔަކުން އަމާނާތްތެރި ކަމާއެކުގައި ކަންވެސް ގަބޫލުކުރާން ޖެހެއެވެ.