ވޯލްޑް ބޭންކުން ވެސް ރާއްޖެއަށް އުފާވެރިކަން

ކޮވިޑް-19 ގެ ސަބަބުން ވެއްޓުނު އަޑިގަނޑުން އަރައިގަތުމަށް އެކަށޭނަ ފިޔަވަޅުތައް އަޅައި އެ ކަންކަމަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބާރަށް ކުރިއަރަން ފަށައި، ރާއްޖޭގެ އިގްތިސާދު ވެސް މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސާދީ ކާރިސާ އިން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިގްތިސާދު ބިނާކުރުމުގައި އެހީތެރިވުމާ ގުޅޭ ގޮތުން ރާއްޖެއާ އެކު ވޯލްޑް ބޭންކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ކުރެއްވި ދަތުރުފުޅު ނިންމަލާވެއްވުމަށް ފަހު މީޑިއާ އަށް ފޮނުއްވި ބަޔާނެއްގަ އެވެ.

“އިގްތިސާދީ ކުރިއެރުން ލަފާކުރެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މާލީ ހާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށްގެން، ކުރިއަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކުރިމަތިވެދާނެ ކާރިސާތަކަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާ އަދި އެންމެހާ ދިވެހިންނަށް އޭގެ ފައިދާ ކުރާ އިގްތިސާދީ ކުރިއެރުމާއި ތަރައްގީ ރާއްޖެ އަށް ހާސިލްކުރެވިދާނެ،” އޭނާ ވިދާޅުވި އެވެ.

ހަދާދު-ޒާވޮސްގެ މި ދަތުރުފުޅުގެ ކުރިން، ވޯލްޑް ބޭންކުން ވަނީ ރާއްޖެ އަށް ހާއްސަކޮށް، “ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން ރިޕޯޓް” ނެރެފަ އެވެ. ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2019 އާ ބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ގޮސްފައި ކަމަށެވެ.

އެކަމަކު ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރު ބާރަށް ކުރިއަރަމުން ދިއުމާއި އެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސާދު 17.1 އިންސައްތައިގައި ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެ އެވެ.

ހަދާދު-ޒާވޮސްގެ ދަތުރުފުޅުގައި ވަނީ އޭނާ ވަނީ ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ހިންގާ މުހިއްމު މަޝްރޫއުތައް ވިލަރެސްކުރައްވާ މިނިސްޓަރުން ކަމަށްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއާ ބައްދަލުކުރައްވައިފަ އެވެ.

“މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅޭ ގޮތުންނެވެ. ހަމަ އެއާއިއެކު، މި ކާރިސާ އިން އަރައިގަނެ، އެންމެންގެ ބައިވެރިވުން އޮންނަ އަދި ދެމެހެއްޓެނިވި ތަރައްގީއަކަށް މަގުފަހިވާނެ ގޮތަށް ކުރިއަށް ވުރެ ރަނގަޅަށް އިގްތިސާދު އާރާސްތުކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވުމުގައި ވާލްޑް ބޭންކުން ތައްޔާރަށް އޮތްކަން ވެސް ކަންޓްރީ ޑިރެކްޓަރު ވަނީ ހިއްސާކުރައްވާފައިފަ އެވެ،” ވޯލްޑް ބޭންކުން ނެރުނު ބަޔާނުގައިވެ އެވެ.

ޖުމްލަ 182 މިލިއަން ޑޮލަރުގެ 10 މަޝްރޫއެއް ރާއްޖޭގައި ހިންގަމުން އަންނަ ވޯލްޑް ބޭންކުން ވަނީ ކޮވިޑުން ރައްކާތެރިވުމަށާއި މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެ އަށް 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް މިދިޔަ އޭޕްރީލް މަހު ދީފަ އެވެ. މީގެ އިތުރުން ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖްތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށްޓަކައި 12.8 މިލިއަން ޑޮލަރުގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް މިދިޔަ ޖޫން މަހު ފަށައި، މިދިޔަ ޖެނުއަރީ މަހު ވަނީ އިތުރު 21.6 މިލިއަން ޑޮލަރާއެކު އެ މަޝްރޫއުގެ މުއްދަތު އިތުރުކޮށްފަ އެވެ.