ދެ ޙަރަމްފުޅުގެ ސަންގުމަރުމަރު ހިލައިގެ ވާހަކަ

މަސްޖިދުލްޙަރާމްއާ މަސްޖިދުއް ނަބަވީ މިހާރު ޑިޒައިން ކޮށްފައިވާ ހިތްގައިމު ގޮތާމެދު ވިސްނާލާއިރު މިކަމުގެ ފަހަތުގައި ވަނީ ކޮން ބައެއްތޯ ހިތަށް އަރައެވެ. އެންމެ އިސްކޮށް އުޅުއްވީ ސައޫދީ ފަހުދު ރަސްގެފާނެވެ. ދެން ރަސްގެފާނުގެ އިރުޝާދަށް މަސްޖިދުލް ޙަރާމް މިހާރު އެހެރަގޮތަށް ޑިޒައިން ކޮށްދެއްވީ މިސްރުގެ އަރކިޓެކްޓް ޑރ. މުޙައްމަދު ކަމާލް އިސްމާއީލް އެވެ.

އޭނާގެ މަސައްކަތާ ބެހޭ ގޮތުން 232 ސަފްހާގައި 86 ފޮޓޯއާއި ކުރެހުންތަކާއެކު، ދަ އަރކިޓެކްޗަރ އޮފް ދަ ހޮލީ މޮސްކްގެ ނަމުން ލިޔުއްވި ފޮތުގައި ތަފްސީލް ދެއްވާފައި ވެއެވެ.

މި ފޮތަކީ މަސްޖިދުލް ޙަރާމްގެ ތާރީޚްއާ ބެހޭ ގޮތުން މުހިންމު މަޢްލޫމާތު ހިމަނފައިވާ ފޮތެކެވެ. އެގޮތުން އިސްލާމް އައުމުގެ ކުރިން ފެށިގެން، ރަސޫލް ޒަމާނާއި އުމަވީ އަދި އައްބާސީއާއި އުސްމާނީ ދައުލަތުގައި ގެފުޅު ހުރި ގޮތްވެސް ހިމަނާފައި ވެއެވެ.

ފޮތުގެ މުގައްދިމާގައި ފުރަތަމަ ޚާދިމުލް ޙަރަމައިން ފަހުދު ރަސްގެފާނު ކޮށްދެއްވި ޚިދުމަތް ހިމަނާފައި ވެއެވެ.

ޑރ. މުޙައްމަދު ކަމާލް އިސްމާއީލް، އޭނާގެ ޚިދުމަތަށް އުޖޫރައެއް ނު ނަންގަވައެވެ. އަދި މަޝްހުރު ކަމެއްވެސް ބޭނުންފުޅެއް ނުވިއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިސްރުގައި، 1908 ގައެވެ. އަވަހާރަވީ މައްކާގައި 2008 ގައެވެ.  

މުޙައްމަދު ކަމާލަކީ މިސްރުގެ ތާރީޚްގައި އެންމެ ޅައުމުރުގައި ހައިސްކޫލު ނިންމެވި، އަދި އެއިރުގެ ރޮޔަލް ސްކޫލް އޮފް އިންޖިނިއަރިންގ އިން އެންމެ ޅައުމުގައި ގްރެޖުއޭޓްވެ ވަޑައިގަތް އަރކިޓެކްޓެވެ. ފަހުނ ޔޫރަޕްގައި އޭނާ ޕީއެޗްޑީ ހެއްދެވީ އިސްލާމިކް އަރކިޓެކްޗަރ އިންނެވެ.

މިސްރާއި ސައުދީ އަރަބިއްޔާގައި އޭނާއަށް މުހިންމު ގައުމީ އިނާމުތައް ލިބިވަޑައިގެންފައި ވެއެވެ.

މަސްޖިދުލް ޙަރާމް ފުޅާކުރުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި އަރކިޓެކްޓަކީ އޭނާ އެވެ. ބުނެވޭ ގޮތުގައި އޭނާގެ މަސައްކަތަށް، އުޖޫރަ ދިނުމަށް، ބިން ލާދިން ކުންފުންޏާއި ފަހުދު ރަސްގެފާނުވެސް މަސައްކަތް ކުރެއްވުމުން އޭނާ ދެކޮޅު ހެއްދެވިއެވެ.

“ދެ ޙަރަމްފުޅުގެ މަސައްކަތަށް އުޖޫރައެއް ހޯދައިގެން ޤިޔާމަތް ދުވަހު، ރައްބުއާ އަޅުގަނޑު ބައްދަލުކުރާނީ ކޮން މޫނަކާއެކު ތޯއެވެ؟” މުޙައްމަދު ކާމިލް އަބަދުވެސް ވިދާޅުވިއެވެ.

އުމުރުން 44 އަހަރުގައި އޭނާ މީހަކާ ކައިވެނި ބައްލަވައި ގަތެވެ. ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި އަނބިކަނބަލުން ނިޔާވިއެވެ. އެއަށްފަހު އޭނާ ދުވަހަކުވެސް ކައިވެންޏެއް ބައްލަވައި ނުގަތެވެ. ގިނަ ވަގުތު ހޭދަ ކުރެއްވީ އަޅުކަމުގައެވެ.

މަސްޖިދުލްޙަރާމްއާއި މަސްޖިދުއްނަބަވީގައި ފެންނަން އެހެރަ ސަންގުމަރުމަރު ހިލަ އަކީ މުޙައްމަދު ކަމާލް މަތިން ހަނދާން ކުރަން ޖެހޭފަދަ ކަމެކެވެ. މަސްޖިދުލް ޙަރާމް ބޮޑު ކުރުމުގެ މަސައްކަތުގައި މުޙައްމަދު ކަމާލް ބާރުއެޅުއްވީ، ތަވާފް ކުރާ ސަރަހައްދުގައި ޖަހާފައި ހުންނަ ހިލަ އަކީ ފިނިކޮށް ހުންނަ، ހޫނު ދަމައިގަންނަ ފަޔަށް ފަސޭހަ އޮމާން އެއްޗެއް ކަމުގައި ވާށެވެ. ކޮންމެ ސަންގުމަރު ހިލައަކީ އެއްވައްތަރެއްގެ ހިލައެއް ނޫނެވެ.

އޭނާ ބޭނުންފުޅުވި ވައްތަރުގެ ހިލައަކީ، ގްރީސްގައި އެކަނި ލިބެން ހުންނަ ވައްތަރުގެ މަރބްލްއެކެވެ. އެވެސް ލިބެން ހުންނަނީ ގްރީސްގެ ކުޑަ ފަރުބަދައަކުން އެކަންޏެވެ. ގްރީސްއަށް ދަތުރުކުރެއްވުމަށްފަހު މަސްޖިދުލް ޙަރާމްއަށް ބޭނުންވާ ވަރުގެ ސަންގުމަރުމަރު ހިލަ އޭނާ ހޯއްދެވިއެވެ.

މަސްޖިދުލް ޙަރާމްގެ މަސައްކަތް ނިމުނުތަނާ 15 އަހަރު ފަހުން، ރަސްގެފާނު މުޙަމަދު ކާމިލު އަރިހުން އެދިވަޑައިގަތީ މަސްޖިދުއް ނަބަވީގައިވެސް، ހަރަމްފުޅުގައި ޖަހާފައި ހުރި ވައްތަރުގެ ފިނި، ސަންގުމަރުމަރު ހިލަ ޖައްސަވައި ދެއްވުމަށެވެ.

މިކަމަށްޓަކައި އޭނާ ގްރީސްއަށް ވަޑައިގެން މީގެ އެތައް އަހަރެއް ކުރިން އޭނާ ހިލަ ބައްލަވައިގަތް ކުންފުންޏާ ވާހަކަ ދެއްކުމުން އެމީހުންގެ ޖަވާބަކަށްވީ، ހިލަވެސް ހުސްވެފައިވާ ކަމަށެވެ. އަދި ފަރުބަދައިގައި ބާކީ ހުރި މާބްލްވެސް މިހާރު އެއްކޮށް ހުސްވެއްޖެކަމަށެވެ. ވިއްކާލާފައިވާ ކަމަށެވެ.

މުޙައްމަދު ކަމާލް ވިދާޅުވާ ގޮތުން މިބައްދަލުވުން ނިންމަވާފައި އަސަރާއެކު އެއޮފީހުން ނިކުންނަވަނިކޮށް އޭނާއާ ބައްދަލުވީ، ކުރިން އޭނާއަށް މާބްލް ވިއްކި ސޭލްސް ޕާސަންއާއެވެ. އަދި އަހާ ލެވުނީ ފަރުބަދައިގެ ބާކީ ހުރި މާބްލް ގަތީ ކޮން ކުންފުންޏަކުން ތޯއާއި އެމީހުންގެ އެޑްރެސް ލިބިދާނެ ތޯއެވެ. ޖެހިގެން އޮތް ދުވަހަކީ މުޙައްމަދު ކަމާލް އެނބުރި ރިޔާޟަށް ވަޑައިގަތުމަށް ނިންމަވާފައި އޮތް ދުވަހެވެ. ނަމަވެސް އެއަރޕޯޓަށް ވަޑައިގަތުމުގެ ކުރިން ކުންފުންޏަށް މަޢްލޫމާތު ހޯއްދެވުމަށް ވަޑައިގަތެވެ.

ސޭލްސްޕަރސަން ކިޔައިދިން ގޮތުގައި އެފަރުބަދައިގެ ބާކީ ހުރި މާބްލް ގަތީ ސައޫދީ ކުންފުންޏެކެވެ. އަދި އޭނާއަށް އެކުންފުނީގެ އެޑްރެސްވެސް ދިނެވެ. އެއީ ސައޫދީ ކުންފުންޏެއްކަން އެނގިވަޑައިގަތުމުން، މުޙައްމަދު ކަމާލްގެ ނުތަނަވަސްކަން އުފަލަށް ބަދަލު ވެގެން ދިޔައެވެ. ﷲއަށް ޙަމްދު ކުރެއްވިއެވެ! އަދި ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައި އޭނާގެ ބޭނުމާއި ކަންދިމާވެގެން އުޅޭ ގޮތް ސާފުކޮށް ދެއްވިއެވެ.

އެ ކުންފުނިން މަޢްލޫމާތު ދިން ގޮތުގައި މީގެ 15 އަހަރު ކުރިން ގެނެސްފައިވާ އެ ސަންގުމަރުމަރު ހިލަ ބޭނުން ނުކޮށް އަދިވެސް ގުދަނުގައި ހުރިގޮތަށް އެބަހުރި ކަމަށެވެ.

އެކުންފުނިންވެސް ނިންމީ، މި ސަންގުމަރު ހިލައަކީ މަސްޖިދުއްނަބަވީގައި ބޭނުންކުރާނެ އެއްޗެއްކަމުން އެއަށް އަގެއް ބޭނުމެއް ނޫން ކަމަށެވެ.

މަޝްހޫރުކަމެއް ނުހޯއްދަވައި ޚިދުމަތް ކޮށްދެއްވުމަށްފަހު އުމުރުފުޅުން 99 އަހަރުގައި ދުނިޔެ ދޫކުރައްވައި ޚާލިޤްވަންތަ ރަސްކަނލާގެއާ ބައްދަލު ކުރެއްވީއެވެ. މާތްﷲ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން ޑރ. މުހައްމަދު ކަމާލުގެ މިވާހަކަތައް ދުނިޔެއަށް ހމަވެގެން ދިޔައީ، މިސްރުގެ ސައިންޓިސްޓް ޒަޣްލޫލުއްނައްޖާރު މިވާހަކަތައް މީޑިއާއަށް ތިލަކޮށްދެއްވުމުންނެވެ.