ކާނާ އިސްރާފް ނުކުރާން ހޭލުންތެރި ވަމާ!

ކޮންމެ އަހަރަކު އެތައް ބިލިއަން ޓަނުގެ ކާނާ، އިންސާނުންގެ ފަރުވާ ކުޑަކަމުން އިސްރާފު ކުރެއެވެ. ކާނާ އިސްރާފް ކުރުމުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގައި ތަފާތެއް ނެތެވެ. މުސްލިމު ބައެއް ގައުމުތަކުގައި، ހޭލުންތެރިކަން ކުޑަވެފައި، ފައިސާ ގިނަ ވުމުގެ ސަބަބުން އިސްރާފް ކުރާ ނިސްބަތް މާބޮޑު ކަމަށް ފެނެއެވެ.

ދުނިޔޭގައި ކާނާ އެންމެ ގިނައިން އިސްރާފް ކުރާ ގައުމުތަކުގެ ލިސްޓްގައި އެއްވަނައިގައި އުޅެނީ ނައިޖީރިއާއެވެ. ގްރީސްއާއި އިރާގާއި ސައޫދީ އަރަބިއްޔާ އުޅެނީ ދޭއް، ތިނެއް އަދި ހަތަރެއްގައެވެ.

އޮސްޓްރޭލިއާގައި ބޮލަކަސް އަހަރަކު، 102 ކިލޯގެ ކާނާ އިސްރާފް ކުރާއިރު އިންޑިއާއާއި ޗައިނާގައި ބޮލަކަށް އަހަރަކު 70 ކިލޯގެ ކާނާ އިސްރާފް ކުރެއެވެ.

އިތުރަށް ކިޔާލުމަށް:

ކާނާ އިސްރާފް ކުރެވެނީ، ގުޅުން ހުރިކަންކަމުގައި ތަންފީޒު ކުރާނެ ގާނޫނާއި ގަވާއިދު ތައް ނެތުމުންނެވެ. ގޭބިސީން އިސްރާފް ކުރާ މައިގަނޑު ކާނާގެ ބާވަތްތަކަކީ، ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. ރެސްޓޯރެންޓާއި ސުޕަރމާކެޓުންވެސް އިސްރާފްވެގެން ދާނީ މި ބާވަތްތަކެވެ.

ކާނާ އިސްރާފް ކުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަޕްލައި ޗެއިން ފެށޭ ހިސާބު ކަމަށްވާ، ކާނާގެ ބާވަތްތައް އެތެރެ ކުރާ ފުރަތަމަ މަންޒިލް ކަމަށްވާ ކަސްޓަމްސްއާއި ގުދަން ކުރާ ތަންތަނާއި ކޯލްޑް ސްޓޯރޭޖާއި، ބާޒާރުތަކާއި ފިހާރަތަކާއި ރެސްޓޯރެންޓްތަކުގައި ކަންކަން ހަމަޖެހިފައި އޮންނަ ގޮތާއި އިސްރާފް ވިޔަ ނުދިނުމަށް އަޅާފިޔަވަޅު ތަކާ މެދު ވިސްނާލަން ޖެހެއެވެ. ހަމައެފަދައިން ހޭލުންތެރި ކުރުމަށްވެސް ސަމާލުކަން ދޭން ޖެހެއެވެ. އިސްރާފްވާ ކާނާގެ ކޮންމެ ބަޔަކީވެސް ބޭރުން އިގްތިސާދަށް ވަދެފައިވާ ފަތުރުވެރިކަމުގެ ޑޮލަރާ އަޅާކިޔާލައިފިނަމަ، ގައުމީ އިގްތިސާދަށް ކުރިމަތިވާ ގެއްލުން އިހުސާސް ކުރެވޭނެއެވެ.

ރިސޯޓްތަކާއި މާލެއާއި ރަށްރަށުގައި އެދެވޭ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމުން، ޑޮލަރު ހޭދަކޮށްގެން އެތެރެ ކޮށްފައިވާ ކާނާއިން ގައުމީ އިގްތިސާދަށް ގެއްލިގެންދަނީ ކިހާ ވަރެއްކަން ވަޒަން ކުރެވެނީ ކާކަށް ހެއްޔެވެ؟ އެފްއޭއޯ ބުނާ ގޮތުން މުޅި ދުނިޔޭގައިވެސް 1.3 ބިލިއަން ޓަނުގެ ކާނާ، އެދެވޭ ފެންވަރަށް ގުދަން ނުކުރުމުން ގެއްލިގެން ދެއެވެ. ދެ ބިލިއަން މީހުން ނިދަން އޮށޯންނަނީ ހައިހޫނުކަން މަތީގައެވެ.

މޯލްޓާގެ ބިއޒްނަސް ބިއުރޯއިން ހިންގާ ހޮޓާ ރިސޯޓްތަކުގައި ކާނާ އިސްރާފް ކުރުމާ ދެކޮޅު ކެމްޕެއިންގެ ލޯގޯ

އެފްއޭއޯ ބުނާ ގޮތުން ސިނާއީ ގައުމުތަކުގައި ކާނާ އިސްރާފް ކުރެވޭ މިންވަރު އުޅޭނީ 680 ބިލިއަން ޑޮލަރުގައެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިއަދަދު އުޅޭނީ 310 ބިލިއަން ޑޮލަރުގައެވެ. ދިވެހިރާއްޖެއަށް ވަކިން ބަލައި، ރިސޯޓްތަކުގެ ބުފޭއިން އިސްރާފް ކުރެވޭ ކާނާއާއި ގޭބިސީގެ އިސްރާފް ހިސާބުކޮށްފިނަމަ، ކިތައް ބިލިއަން ރުފިޔާއަށް އަރާނެކަމަށް ތިބާއަށް އަންދާސާ ކުރެވޭ ހެއްޔެވެ؟  

ރާއްޖޭގައި ކާނާ އިސްރާފް ކުރާ މިންވަރު ހަމަލޮލަށް އަންދާސާ ކޮށްލެވޭނީ ތިލަފުށީގައި ހުރި ހަރޮށި ބިނާތަކާ އެއްވަރަށް އުފުލިފައިވާ ކުނީގެ އުސް  ފަރުބަދަތަކަށް ބަލާ ލުމުންނެވެ. އެނގޭ ހެއްޔެވެ؟

ތިލަފުށީގެ ކުނި ފަރުބަދަތައް
ތިލަފުށިން ދުން އަރަނީ

ސިޔާސީ މީހަކަށް ތިމާވެށްޓާ ރައްޓެހި ކަމަކަށް ވާނީ  ބޮކިތައް އެނަރޖީ ސޭވިންގ ބޮއްކަށް ބަދަލު ކުރުމުންނެވެ! މިއީވެސް ތިމާވެށީގެ ރަހްމަތްތެރިކަމުގެ ބައެކެވެ. އެކަމަކު،  ކާނާ އިސްރާފް ކުރުމަކީ، ތިމާވެށްޓަށްވެސް އެއިން ބޮޑެތި ގެއްލުމާ ކުރިމަތި ކުރުވާ ކަމެކެވެ. ތިލަފުށީގެ ކުނި ފަރުބަދަ ތަކަކީ، ދުނިޔޭގެ ޖައްވަށް ގްރީންހައުސް ގޭސްގެ ވިހަ މާއްދާ މީތޭން ދޫކޮށްލާ ތަނެކެވެ. މިއީ ކަރބަންޑައި އޮކްސައިޑަށް ވުރެން 27 ގުނާ ނުރައްކާ ގޭހެކެވެ!

އިގްތިސާދީ ތަރައްގީއަށްޓަކައި،  އދގެ ދެމެހެއްޓެނިވި ތަރައްގީގެ 12 ވަނަ ލަނޑު ދަނޑިއަކީ، ޒިންމާދާރު ގޮތުގައި ވަސީލަތްތައް ބޭނުން ކުރުމާއި އުފެއްދުމެވެ. މި ލަނޑުދަނޑި ހާސިލު ކުރުމަށް އަހަރަމެން ކުރީ ކީއްހެއްޔެވެ؟ މިސާލަކަށް އަހަރަމެނަށް އެންމެ ތަދު ރިސޯސެއްކަމަށްވާ، ފެން ބޭނުން ކުރުމުގައި އަހަރަމެން އިސްރާފް ކުޑަ ކޮށްފިން ހެއްޔެވެ؟ ހުޅުމާލޭގެ މަގުމަތީގެ ގަސްތަކަށް ބޮޑު ލޮރިން ފެން އަޅާލަނީ ފަލަ ހޮޅީ ކޮޅުންނެވެ. ފެން ތަދު އިޒްރޭލްގައި ފެން އިސްރާފް ކުރުމަކީ ގާނޫނީ ކުށެކެވެ. ބަގީޗާއާއި މަގުމަތީ ގަސްތަކަށް ފެންދެނީ ހޭލުންތެރި ދުނިޔޭގައި ޑްރިޕް އިރިގޭޝަން ސިސްޓަމުންނެވެ.

ވުޟޫ ކުރާއިރު ކޮންމެ މީހަކަށް އިސްރާފް ވެގެންދާ 10 ލީޓަރުގެ ފެން ދަނ ހަމަ ނަރުދަމާ އަށް ނޫން ހެއްޔެވެ؟ މިފެން މިސްކިތުގެ ގޯތި ތެރޭ އަޑީ ޓޭންކަކަށް ޖަމާކޮށް ގަސްތަކަށް ފެންދިނުމުން ފެހިކަން އިތުރުކޮށް ގްރީންހައުސް ގޭސް އިން އޯޒޯން ސަލާމަތް ނުކުރެވޭނެ ހެއްޔެވެ؟ އެނގޭ ހެއްޔެވެ؟

ކާނާ އިސްރާފް ކުރުމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރަމުން ދަނީ ޗަައިނާއިން ނެވެ. ޗަައިނާގަައި ފާސްކުރުމަށް ތައްޔާރުކޮށްފައިވާ ގާނޫނުގައި ކާނާ އިސްރާފް ކުރުން ހުއްޓުވުމަށް ކާން ދޭތަނާއި ކަސްޓަމަރަށްވެސް ޒިންމާ ތަކެއް ވެއެވެ. ކަސްޓަމަރަށް ކާނާގެ މިންވަރާ ބެހޭ މަޢްލޫމާތު ދިނުމަކީ ކާން ދޭ ތަނުގެ ޒިންމާއެކެވެ. އިސްރާފް ކޮށްފިނަމަ ކަސްޓަމަރު ޖުރިމަނާ ކުރުމުގެ ބާރު ކާންދޭ ތަނަށް ދީފައި ވެއެވެ. ފްރާންސްގައި ވެސް ކާނާ އިސްރާފް ކުރުމަކީ ކުށެކެވެ.

އާބާދީ އިތުރުވަމުންދާއިރު ދުނިޔޭގައި އެންމެނަށް ފުދޭ ވަރަށް ކާނާ އުފެއްދޭ އިރު އިސްރާފް ވުމުން އިތުރަށް ކާނާ އުފެއްދުމަށް ޖަންގަލީތައް ކޮށަން ޖެހެއެވެ. މިފަދަ ފިޔަވަޅު ތަކުން ތިމާވެށި ހިމާޔަތް ކުރެވޭނެއެވެ. ބޭނުންވަނީ ހޭލުންތެރި ރައްޔިތަކު އުފެއްދުމެވެ!