މިއަދަކީ ދިވެހި ބަހުގެ ދުވަސް

މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. އެޕްރީލް ސާދައެވެ. ދިވެހިބަހުގެ ދުވަސް ފާހަގަކުރެވެނީ ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ އެންމެމޮޅު އިލްމުވެރިންގެ ތެރެއިން އަލްއައްލާމާ ހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަސް ކަމަށްވާ 14 އެޕްރީލް 1881އަށް ނިސްބަތްކޮށެވެ. މިއަދަކީ ހުސައިން ސަލާހުއްދީންގެ 140 ވަނަ އުފަންދުވަހެވެ.

ޢުމުރުފުޅުން 67 އަހަރުގައި 20 ސެޕްޓެމްބަރ 1948 ގައި ހުސެއިން ޞަލާޙުއްދީން އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ ނަމަވެސް އެމަނިކުފާނުގެ ހަނދާންތަކެއް އަޅުގަނޑުމެންނާ ވަކިވެގެނެއް ނުދެއެވެ. އެހަނދާންތައް ހުންނަނީ އަބަދާއި އަބަދު އާވެއާވެ އެވެ. ވަކިން ޚާއްސަކޮށް ކޮންމެ ރަމަޟާން މަހު ދިވެހިރާޢްޖޭގެ އަޑުން އިވެމުންދާ ކީރިތި ރަސޫލާގެ ސިޔަރަތު ފާހަނގަކޮށްލެވެ އެވެ. ހ.ހާޖަރާގެ މުޙައްމަދު ތަޢުފީގު ކިއުއްވާދެއްވާފައިވާ އެސިޔަރަތަކީ ވެސް އެމަނިކުފާނު މިގަޢުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ ސިލްސިލާގެ ބޮޅުތަކުގެ ތެރެއިން އެއްބޮޅެވެ.

އަލްޢައްލާމާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ) އަކީ މިގައުމަށް،
ދީނީ، ޝަރުޢީ، ޤާނޫނީ، ސިޔާސީ، ތަޢުލީމީ، ޢިލްމީ އަދަބީ، ސަގާފީ، ތާރީޚީ އެންމެގިނަގުނަ ޚިދުމަތް ކުރެއްވި އެއް ޢިލްމުވެރިއާއެވެ. އަދި އެންމެގިނަ ފޮތްތައް ލިޔުއްވި އެއް ޢިލްމުވެރިޔާ ވެސް މެ އެވެ. އެގޮތުން ދިވެހި ބަހުގެ ރިވެތިކަމާއި ފުރިހަމަކަން ދޭހަވާ ގޮތަށް އެމަނިކުފާނު ލިއުއްވި ކުރިން ވެސް ދެންނެވި، ދިވެހިންގެ އެންމެންގެ މަޤްބޫލުކަން ލިބިފައިވާ ސީރަތުއް ނަބަވިއްޔާ ލިޔުއްވި ޢާލިމުވެސްމެއެވެ.
20ވަނަ ޤަރުނުގެ ފުރަތަމަ 50 އަހަރު އުފެދުނު، ރާއްޖޭގެ އެންމެގިނަ ޢިލްމުވެރިންގެ އުސްތާޛެވެ.
ރާއްޖޭގެ އެންމެ ފަޚުރުވެރި މަދުރަސާ މަޖީއްޔާ ސްކޫލުގެ ޙަޤީޤީ ބާނީ އަކީ ވެސް ހުސެއިން ޞަލާޙުއްދީން އެވެ. އެމަނިކުފާނު ވަނީ 30 އަހަރަށްވުރެ ގިނަދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފަ އެވެ. އަދި މިހާތަނަށް ވެސް އެންމެގިނަދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވުމުގެ ރިކޯޑު އޮންނެވީ އެމަނިކުފާނުގެ އަތްޕުޅުގަ އެވެ.
އަލްޢައްލާމާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން (ރަޙިމަހުﷲ) ރާއްޖޭގެ ދުސްތޫރީ އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީރުލްހައްޤާނިއްޔާ (މިނިސްޓަރ އޮފް ލޯ، ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒް) އެވެ.
ވަޒީރުލްޙައްޤާނިއްޔާގެ (1932-1934) މަސްޢޫލިއްޔަތު ހިމެނޭ ވުޒާރާއެއް އޭގެފަހުން މިހާތަނަށް މިރާއްޖޭގައި އުފެދިފައެއް ވެސް ނުވެ އެވެ.
ދިވެހިންގެ ޤަދަރާއި އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ޢާލިމް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން
އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އެ މަރުހޫމުގެ ޚިދުމަތްތަކުގެ ހަނދާންތައް މި ގައުމުގައި ލަހައްޓަވާށިއެވެ.