ޔޯގާ: ކޮރޯނާ ވައިރަސްއިން ރައްކާތެރި ވެވޭ

ޔޯގާ އަކީ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ. ޔޯގާ ޕްރެކްޓިސް ކުރާ މީހާ ގެންގުޅޭ އާސަނަ އަކީ، މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށް އެހީވެދޭ ހަރަކާތްތަކެކެވެ. ޔޯގާގައި ޕްރެކްޓިސްކުރާ ގިނަ އާސާނަ ތަކަކީ، ތައިރޮއިޑާއި އެޑްރިނަލް ގްލޭންޑާއި ފުރަ މޭގައި ވަރު ޖެއްސުމަށް އެހީވެދޭ ޕޯސްޗަރ ތަކެކެވެ.

“ދިފާއީ ނިޒާމުގެ އެންމެ މުހިންމު ބަޔަކީ، ހޮރމޮންގެ ހަމަހަމަކަމެއް ހަށި ގަނޑަށް ގެނައުން. ދިފާއީ ނިޒާމު ވަރުދަގަ މީހަކަށް ކޮވިޑާ ހަނގުރާމަ ކުރުމުގައި ކާމިޔާބު ހޯދާނެ. ކޮރޯނާ ވަބާގައި ޔޯގާ ޕްރެކްޓިސް ކުރުމުން ނަފްސާނީ އަދި ޖިސްމާނީ މައްސަލަތަކުން މީހާ ސަލާމަތް ކޮށްދޭ” ޔޯގާ ގުރޫ އަންކިޓް ޓިވާރީ ކިޔައި ދެއެވެ.

ކޮރޯނާގައި ދަތުރުފަތުރުތައް ހުއްޓާލުމާއި ވަށައިގެން ނެގެޓިވް ވާހަކަތަކާއި ޚަބަރުތައް އިވުމުގެ ސަބަބުން މީހުންގެ ނުތަނަވަސްކަން އިތުރުވެ، ސްޓްރެސް ލެވެލް މަތިވެފައިވާ ކަމަށް ޓިވާރީ ކިޔައި ދެއެވެ. އަދި އެކަހެރިކޮށް، މީހުންނާ ގައިގޯޅި ނުވެ އުޅުމުގެ ސަބަބުން މީހުން މާޔޫސީ ހާލަތަށް ވެއްޓި ޑިޕްރެސް ވާތަން ފެންނަ ކަމުގައިވެސް އޭނާ ބުނެއެވެ.

ޔޯގާ ޕްރެކްޓިސް ކުރުމުގެ ސަބަބުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރު އެޅެއެވެ. އަދި ނަފްސާނީ މައްސަލަތަކާއި ސްޓްރެސްއާއި އެންޒައިޓީ ލެވެލްވެސް ކޮންޓްރޯލް ކޯށްފައި ބެހެއްޓެއެވެ. މީގެ އިތުރުން އާސަނަ ތަކުން މީހާގެ ގުނަވަންތަކުގައި ބާރުޖައްސައިދީ، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށްވެސް އެހީ ވެދެއެވެ.

އެންޒައިޓީ ލެވެލްއާއި ސްޓްރެސް އިތުރު ވުމުގެ ސަބަބުން ހައިޕަރޓެންޝަންގެ ހާލަތް މެދުވެރިވެ، ނޭވާ ކުރުވެ، ކާހިތް ނުވުމާއި ކޮންސެންޓްރޭޓް ނުކުރުން ފަދަ މައްސަލަތައް މެދުވެރި ވެއެވެ.

ޔޯގިކް ލައިފްސްޓައިލެއްގައި އާސަނައާއި ޕްރަނާޔާމާ މެދުވެރިކޮށް މީހާގެ ސިކުނޑި ހިމޭން ކޮށް ދެއެވެ. މިއީ ހުޅުހުޅުގައިއާއި ގުނަވަންތަކުގައި ޓެންޝަން ކުޑަކޮށްދޭން އެހީތެރިވެދޭ ކަމެކެވެ.

ޓީވާރީ ބުނާ ގޮތުން ޔޯގާއަކީ، ސިއްޙަތާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވަސީލަތެކެވެ. އަދި ޔޯގާ ޕްރެކްޓިސްކުރުމުން މައިންޑްފުލްނެސް ހާސިލުކުރެވޭނެއެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން 21 އަކީ ބައިނަލްއަގްވާމީ ޔޯގާގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.