ޚުލާސާ: ކީރިތި ރަސޫލާﷺ ޔޫރަޕްގައި އެހަރާއި މިހާރު

އިސްލާމް ދީނާއި މުޙައްމަދު ﷺ ވަނީ ޔޫރަޕްގެ ދިރިއުޅުމުގެ ބަޔަކަށް ވެގެން ގޮސްފައެވެ. ޔޫރަޕްގެ އިސްތިއުމާރީ ހަރަކާތާއި ގައުމުތައް އިސްތިއުމާރުން މިނިވަން ވުމާއި ޔޫރަޕަށް މުސްލިމުން ހިޖުރަ ކުރުމުން މުސްލިމުންނާއި އިސްލާމް ދީން ވަނީ ޔޫރަޕާއި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

އިސްލާމް ދީނުގެ ސައްހަ ކަމާއި ކީރިތި ރަސޫލާ ﷺގެ ޝަޚްޞިއްޔަތާ މެދު ޔޫރަޕްގައި އިހުވެސް އަދި މިހާރުވެސް ބަހުސް ކުރެވެއެވެ. ކޮންމެ ބަހުސެއް ވެސް ކުލަ ޖެހިގެން ދަނީ އެބަޔަކު ބޭނުންވާ ނަތީޖާއަކަށެވެ.

ޔޫރަޕްގައި ބޯދާ ޒަމާނުގައި ކުރެވުނު ބަހުސާއި މިހާރުގެ ބަހުސް ހިނގައި ދިޔަ ގޮތާއި ހިނގާ ގޮތް ޖޯން ޓޯލަންގެ ފޮތުގައި ތަފްސީލު ކޮށް ކިޔައި ދީފައި ވެއެވެ.

John V. Tolan, “Faces of Muhammad: Western Perceptions of the Prophet of Islam from the Middle Ages to Today,” Princeton University Press, 2019.

އިހުޒަމާނުގައިވެސް ކީރިތި ރަސޫލާ ﷺގެ ސީރަތާ މެދު ސައްޙަ މަޢްލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. އިސްލާމް ދީން ބަލާފައިވަނީ ކްރިސްޓިއަން ދީނުގެ ވާދަވެރި ދީނެއްގެ ގޮތުގައެވެ. އަދި ކީރިތި ރަސޫލާ ﷺ އަކީ ކްރިސްޓިއަން އިސްފާދިރީގެ ވާދަވެރިއެއްގެ ގޮތުގައެވެ.

މި ފޮތުގައި 9 ބާބެއްގައި ތާރީޚްގެ އެކި ފައްތަރުގައި ޔޫރަޕްގައި އިސްލާމް ދީނާ މެދު ދެކެފައިވާ ގޮތް ކިޔައިދީފައި ވެއެވެ. ޔޫރަޕްގެ ތާރީޚްގައި، މުސްލިމުންނާއި އަދާވާތްތެރި ފައްތަރުގައި ކީރިތި ރަސޫލާ ﷺ ސިފަ ކޮށްފައިވަނީ ބުދަށް އަޅުކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކްރިސްޓިއަން ދީނުގެ ބައިތައް ކޮޕީ ކުރެއްވި ބޭލަކެއްގެ ގޮތުގައެވެ.

ފަރަންސޭސި ކާޓޫނު ކުރަހާ މަޖައްލާ ޗާލީ އެބްޑޫގެ ކުރިންވެސް ފަރަންސޭސިވިލާތުގައި ކީރިތި ރަސޫލާ ﷺ އަށް ހަޖޫޖަހާފައި ވެއެވެ. 12 ވަނަ ގަރުނުގައި ބަރގެންޑަރީގެ ފައްޅީގެ އިސްފާދިރީ، ޕީޓާ ދަ ވެނެރަބަލް، ކްރިސްޓިއަނުންނަށް ކީރިތި ރަސޫލާ ﷺ ސިފަ ކޮށްދީފައި ވަނީ ވަރަށް ހުތުރު ގޮތަކަށެވެ. މުސްލިމުންނާ ދެކޮޅަށް ސޮލީބީ ހަނގުރާމަ ކުރަން ނިކުންނަން ޖެހޭނެ ކަމަށް މިފާދިރީ މީހުންގެ ބޮލަށް ވައްދާދީފައި ވެއެވެ. އޭނާ ބޭނުންވީ، މީހުންގެ މެދުގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދައި ސްޕެއިން އިން މުސްލިމުން ބޭރުކުރުމަށެވެ.

ޔޫރަޕްގައި ކިރިތި ރަސޫލާ ﷺ އާ މެދު އެދެވޭ ގޮތަކަށް ނުވަތަ ކުޑަ މިންވަރެއްގެ އިންސާފުވެރި ނަޒަރަކުންވެސް ބަލާފައިވަނީ 18 ވަނަ ގަރުނުގައެވެ. މިއީ 16 ވަނަ ގަރުނުގައި ޔޫރަޕްގައި ފެށުނު، އަނދިރި ދުވަސްތަކުން ޔޫރަޕް ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.

16 ވަނަ ގަރުނަށް އަޅައިގަތް އިރު، ފައްޅީގެ މަސައްކަތް އޮތީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެ، ސުވަރުގެއިން ބިން ބޭނުންވާ ފަރާތްތަކަށް ބިން ވިއްކުމުގެ ވިޔަފާރި އާންމު ވެފައެވެ. ފާދިރީންގެ އޮޅުވާލުންތަކާއި މަކަރުވެރިކަމުން މީހުން ސަލާމަތް ކުރުމަށް ފެށި ހަރަކާތުގައި ކީރިތި ރަސޫލާ ﷺ ޔޫރަޕްގެ މީހުންނަށް ސިފަކޮށްދެވުނީ މުސްލިޙެއްގެ ގޮތުގައެވެ. ފައްޅިއާއި ފާދިރީންގެ ކޮންޓްރޯލުން މީހުން މިނިވަން ކޮށްދެއްވި ބޭކަލެއްގެ ގޮތުގައެވެ.

ޔޫރަޕްގެ މީހުންގެ މެދުގައި ދީނީ ބައިބައި ވުމާއި ދީނީ ހަމަނުޖެހުން އާންމުވެ. ދިރިއުޅުމުގެ ފެންވަރު ދަށްވެ، މަޢީޝަތުގެ މައިދާނުގައި މުޑުދާރުކަމާއި ނިކަމެތިކަން އިޙުސާސް ކުރެވުނު ހިނދު އެމީހުންނަށް ފެނުނީ އަވަށްޓެރި ތުރުކީން ތިޔާގި، އިންސާފުވެރި ވެރިކަމެއްގައި ވިދާބަބުޅަމުން ދިޔަ ތަނެވެ. ހުރިހައި ދީންތަކަށް މަރުހަބާ ކިޔާ ސަގާފަތެއް އަށަގެންފައިވާ ބައިބައި ވުމެއް ނެތް މުޖުތަމައެއް ބިނާ ކޮށްފައިވާ ތަނެވެ.

ޔޫރަޕްގެ ކްރިސްޓިއަނުންނަށް ތުރުކީ ފެނުނީ ދެގުނައަށް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. މީހުންގެ ދީން ބަދަލުކޮށްފާނެ ދީނީ ބިރެއްގެ ގޮތުގައެވެ. އަދި ޔޫރަޕް ހިފާފާނެ އަސްކަރީ ބިރެއް ގެ ގޮތުގައެވެ.

18 ވަނަ ގަރުނުގައި އިނގިރޭސިވިލަތުގައި ރަސްގެފާނުގެ ވަބާއިން ސަލާމަތްވާން ކުރެވުނު ބަހުސްތަކުގައި ކީރިތި ރަސޫލާ ﷺ އަށް ބޮޑު ސަމާލުކަމެއް އަމާޒު ވިއެވެ. ފައްޅީގެ އިސްފާދިރީގެ ދައުރު އަދާކުރަމުން ދިޔަ ރަސްގެފާނާ ދެކޮޅަށް ކީރިތި ރަސޫލާ ﷺ އަކީ މުސްލިޙެއްކަމަށް ދެއްކުނެވެ.

ހަމަ އެފަދައިން ނެޕޯލިއަންގެ ހަނގުރާމަތަކަށް ފަހު އޭނާއާއި ޖަރުމަން މުފައްކިރު، ގޯތުއާ ދެމެދު ދެކެވެނު ވާހަކައިގައި ދެ މީހުންވެސް ކުށްވެރިކޮށްފައި ވަނީ ކިރިތި ރަސޫލާ ﷺ ނޭދެވޭ ގޮތަކަށް އޭނާގެ ވާހަކައިގައި ސިފަކޮށްދިން ފަރަންސޭސި ވޯލްޓިއަރއާ ދެކޮޅަށެވެ. ނެޕޯލިއަން މިސްރާއި ފަލަސްތީނަށް ކުރި ދަތުރުތަކުން އޭނާއަށް ކީރިތި ރަސޫލާ ﷺ ފެނުނީ ރޯލް މޮޑެލްއެއްގެ ގޮތުގައެވެ.

އެއަށް ފަހު ފަރަންސޭސި ލިޔުންތެރިޔާ، ވިކްޓަރ ހިއުގޯއާއި އިނގިރޭސި ލިޔުންތެރިޔާ ތޯމަސް ކާރްލާއިލް ކިރިތި ރަސޫލާ ﷺ ރަނގަޅު ސިފައެއްގައި އެމީހުންގެ ލިޔުންތަކުގައި ގެނެސްދިނެވެ.

އާދަވެގެން ބަނޑު ބޮޑެތި ކޮށްތިބޭ، ހައްދެއްނެތި ކައި، ރާބޯން ތިބޭ ފާދިރީން ގެ ކާޓޫނުތައް ކުރަހާ ގޮތަށް 2011 ގައި ޗާލީ އެބްޑޫގެ ކާޓޫނުގައި އެމީހުންނަށް މަޖާކަމަކަށްވީ ކިރިތި ރަސޫލާއަށް ފުރައްސާރަ ކުރާށެވެ.

މިކާޓޫނު ކުރެހި މީހާއާއި ނޫހުގެ އެޑިޓަރު ބޭނުންވީ، ކެތޮލިކް ދީނަށް ހުތުރު އަރުވާފައިވާ މިންވަރަށް އިސްލާމް ދީނަށް ވެސް ހުތުރު އަރުވާށެވެ. އޭނާ މިފަދައިން ބުނެފައި ވެއެވެ. ނަމަވެސް ކެތޮލިކް ދީނަށް ފަރަންސޭސިވިލާތުގައި އިސްކަމެއް ދެވިފައި ވީނަމަވެސް އިސްލާމް ދީނަށް އެވަރުގެ އިސްކަމެއް ދެވިފައިވާ ކަން މި އެޑިޓަރަކަށް ފާހަގައެއް ނުކުރެވުނެވެ.

މިފޮތް ކިޔާލުމުން އެނގެނީ މުސްލިމުންނާއި އިސްލާމް ދީނާ އަދާވާތްތެރިކަން މި ވަނީ އަނެއްކާވެސް ވަށާޖެހިފައި ކަމަށެވެ.

ކޮމިއުނިސްޓު ރޫސީން ބާރު ދެއްކިއިރު ދުނިޔެއަށް ނުރައްކަލަކަށްވެފައި، ހުޅަނގުން ފާރައަށް ތިބީ ކޮމިއުނިސްޓް ރޫސީންނާ ދެކޮޅަށެވެ. މިއަދު ހުޅަނގާއި ހުދު ކްރިސްޓިއަނުންގެ ތެރޭން ބަޔަކަށް ނުރައްކަލެއް ކަމަށް ފާހަގަވެފައި ވަނީ އިސްލާމް ދީނެވެ.

ތާރީކީ ހާދިސާތައް ހެކިދޭ ގޮތުން މުސްލިމުންނަށް ހުދު ކްރިސްޓިއަން މީހާގެ ފުށުން މާބޮޑެތި އަނިޔާތައް ލިބި، ނަސްލުތައް ނެތިކޮށްލުމާއި، ފޭރުމުގެ މާގިނަ އަމަލުތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ތާރީޚަކީ، މިއަދު ލޯ ކުރިމަތިން ހިނގާ ހާދިސާ ތަކެއް ނޫނެވެ. އެ ހާދިސާތައް ކިޔާލެވެން ވާނީ މާޒީގެ ފަސްމަންޒަރުގެ އަލީގައިވެސް މެއެވެ.